މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބޭންކުތަކަށް ޑޮލަރު ދޫކުރާ އަދަދު މިއަހަރު އިތުރުކޮށްފައި ވާކަމަށް ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު މިއަދު ވިދާޅުވެއްޖެއެވެ.
އޭނާ މިފަދައިން ވިދާޅުވީ، އިއްޔެ ބޭއްވި މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން ކޮމިޓީގައި އިންނަވާ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ޝަރީފް ވިދާޅުވީ، ވިޔަފާރިވެރިންނަށް ބޭންކުން ކުރިން 25 ޕަސަންޓަށް ޑޮލަރު ދޭކަމަށެވެ. ނަމަވެސް އެ އަދަދު މިހާރު ވަނީ 10 ޕަސަންޓަށް ދަށްކޮށްފައި ކަމަށާއި މިއީ ކިހިނެއް ވެގެން އުޅޭ ކަމެއްތޯ އޭނާ ވަނީ ސުވާލު އުފައްދާފައެވެ.
މި ސުވާލަށް ޖަވާބު ދެއްވަމުން ޑެޕިއުޓީ ގަވަރުނަރު ވިދާޅުވީ ބޭންކުތަކަށް ދޭ ޑޮލަރު މިދިޔަ އަހަރަށް ވުރެ އިތުރު ކޮށްފައި ވާކަމަށެވެ. ނަމަވެސް، އިތުރު ބަދަލެއް ނުގެންނަ ކަމަށާއި ވިޔަފާރިވެރިންނަށް ދޫކުރާ ޑޮލަރުގެ ޕަސަންޓަށް ބަދަލު އައުމަކީ ބީއެމްއެލްގެ ބިޒްނަސް އޮޕަރޭޝަންތަކަށް ގެނެސްފައިވާ ބަދަލުތަކެއް ކަމަށް ފާހަގަ ކުރެވޭކަމަށް އިމާދު ވިދާޅުވިއެވެ.
"އެމްއެމްއޭއިން ބޭންކުތަކަށް ދޫކުރާ އަދަދެއް 2023ވަނަ އަހަރަށް ވުރެ 2024ވަނަ އަހަރު އިތުރު ވާނެ،" އޭނާ ވިދާޅުވިއެވެ.
މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ޑޮލަރު ލިބުމުގައި ދަތިތަކެއް ކުރިމަތިވެ އިންޓަނޭޝަނަލް ޓްރާންސްފާ (ޓީޓީ)ތަކަށް ޑޮލަރުން ފައިސާ ހަމަޖައްސަން ދަތިވެފައިވާ ކަމަށް ބައެއް ވިޔަފާރިވެރިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
ބޭރު ފައިސާ ލިބުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ބީއެމްއެލް އިން މީގެ ކުރިން ވަނީ ބުނެފަ އެވެ.