twitterviber whatsapp telegramfacebookyoutube instagram
30th April 2024

ކޮމިއުނިޓީ ފަންޑުގެ ދަށުން ހިންގި 4 ޕްރޮޖެކްޓެއް ނިންމާލައިފި

Apr 17, 2024

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިންގާ "ކޮމިއުނިޓީ ފަންޑު" ގެ ދަށުން ހަތަރު ޕްރޮޖެކްޓެއް ކާމިޔާބު ކަމާއެކު ނިންމާލައިފި އެވެ.

ބީއެމްއެލްއިން ބުނީ ކޮމިއުނިޓީ ފަންޑުގެ ދަށުން ސ. ހިތަދޫގައި މޯލްޑިވްސް މަންޓާ ކޮންޒަވޭޝަން ޕްރޮގްރާމުގެ ދަށުން ވަނީ "ރަށްވެށި ޕްރޮގްރާމް" އެއް ބާއްވާފައިވާ ކަމަށެވެ.

ރަށްވެހި ޕްރޮގްރާމުގެ ދަށުން ދަށުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް މަންޓާ ސާވޭ ފީލްޑްޓްރިޕް ހިމެނޭހެން ވަނީ އެއް މަހުގެ މެރިން އެޑިއުކޭޝަން ކޯހެއް ހިންގާފަ އެވެ. އަދި އާންމުންގެ ހޭލުންތެރިކަން އިތުތުކުރުމަށް އެ ޖަމިއްޔާއިން ކުރަމުންދާ ރީސާޗް މަސައްކަތްތަކާ ގުޅޭގޮތުން ވަނީ މައުލޫމާތު ފޯރުކޮށްދިނެވެ.

އެގޮތުން ޖަމިއްޔާއިން ކަނޑު ދަތުރުކުރާ ފަރާތްތަކާ އިންޓަވިއުކޮށް އެފަރާތްތަކަށް ކަނޑާ ގުޅޭގޮތުން ލިބިފައިވާ އަގުނުކުރެވޭނެ ފަދަ މައުލޫމާތުތައް ރެކޯޑުކޮށް އެކަންކަން ބަލާ އެކަމާ ގުޅޭ ރިޕޯޓެއް ޝާއިއު ކުރަން ހަމަޖެހިފައިވާ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

ކޮމިއުނިޓީ ފަންޑުގެ ދަށުން ހދ. ނެއްލައިދޫގެ ފަތޯ ސްޕޯޓްސް އެކަޑަމީން ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް ހިންގުމަށް އެހީތެރިވުމަށް ކުޅިވަރާ ގުޅޭ ސާމާނު ވަނީ ގަނެފަ އެވެ. މި ޕްރޮގްރާމުގެ ދަށުން އުމުރުން ހަ އަހަރާއި 15 އަހަރުގެ އުމުރުފުރާގެ ކުދިންނަށް ފުޓްބޯޅަ، ހޭންޑްބޯލް، ވޮލީބޯޅަ ކުޅުމުގެ ޓްރެއިނިނގ ޕްރޮގްރާމް ހިންގުމަށް އެހީތެރިކަން ފޯރުކޯށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ބޭންކުގެ ކޮމިއުނިޓީ ފަންޑުގެ ދަށުން މ. މުލަކުގައި، އެ ރަށަށް ނިސްބަތްވާ ޖަމިއްޔާ ކޮމިއުނިޓީ އެމްޕަވާމަންޓް ލިންކޭޖްގެ ފަރާތުންވަނީ މުލަކު ސްކޫލުގައި ރީޑިން ޕާކެއް ތަރައްގީކޮށްފައިވާއިރު، މި ޕްރޮޖެކްޓްގެ މަގްސަދަކީ ދަރިވަރުންގެ މެދުގައި ފޮތްކިއުމަށް ލޯބި އިތުރުކުރުން ކަމަށް ބީއެމްއެލްއިން ބުނެ އެވެ.

އޭގެ އިތުރުން ބީއެމްއެލްގެ އެހީގައި އެސޯސިއޭޝަން އޮފް ލޭޑީ އެންޓްރަޕްރެނާސްއިން ވަނީ ލައިފް ކޯޗިން އަދި ކެޕޭސިޓީ ޕްރޮގްރާމެއް އއ. އުކުޅަސް، ހއ. މާރަންދޫ އަދި ހއ. ތަކަންދޫގައި ކުރިޔަށްގެންގޮސްފަ އެވެ.

އަންހެނުންނަށް އަމާޒުކޮށް ހިންގި މި ޕްރޮގްރާމްގައި ވަނީ ސެލްފް އެމްޕަވާމަންޓް، ސްޓްރެސް މެނޭޖް ކުރުމާއި، ކޮމިއުނިކޭޝަން އަދި ޑިޖިޓަލް މާކެޓިން އަދި އިންޓްރޮޑަކްޝަން ޓު ބިސްނަސް ފަދަ ދާއިރާތަކުން މައުލޫމާތު ހިއްސާކޮށްފަ އެވެ.

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 100 ޕްރޮޖެކްޓެއް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދީފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355