ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 493 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
އެ ބޭންކުގެ މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ނަތީޖާ ދައްކާ ގޮތުން، ހިންގުމުގެ ފައިދާއަށް 708 މިލިއަން ރުފިޔާ ލިބުނެވެ. އެއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅައި ބަލާއިރު 5.7 އިންސައްތައިގެ ކުރިއެރުމެއް ކަމަށް ބީއެމްއެލްއިން ބުންޏެވެ.
މި ކުއާޓަރުގައި ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުން ވެސް ކުރިއެރުން ލިބިފައިވާ ކަން ފާހަގަކޮށް ބީއެމްއެލްއިން ބުނީ އެ ބެންކުން ދޫކުރި ލޯނުތަކުގެ ފެންވަރު ކުރިއަށް ވުރެ ރަނގަޅުވެފައިވާ ކަމަށެވެ.
އެ ބެންކުން ވަނީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް މި ކުއާޓަރުގައި 967 މިލިއަން ރުފިޔާގެ އައު ލޯނު ދޫކޮށްފައެވެ. ބޭންކުގެ ރައުސްމާލާއި ލިކިއުޑިޓީ ރޭޝިއޯ ގާނޫނުން ލާޒިމްކުރާ ވަރަށް ވުރެ މަތީގައި ހިފެހެއްޓިފައި ހުރި ކަމަށާއި ކުއާޓާ ނިމުނުއިރު ޖުމްލަ އެސެޓް 46.3 އަށް އަރާފައިވާ ކަމަށް އެ ބެންކުން ވަނީ ބުނެފައެވެ.
ބީއެމްއެލްގެ ބަޔާނުގައިވާ ގޮތުން ބޭންކިން ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށާއި މުޖުތަމައުއަށް އިންވެސްޓު ކުރުމަށް މި ކުއާޓަރުގައި ޕްރޮގްރާމްތައް ހިންގިއެވެ.
އެ މަސައްކަތުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އާއި ކ. ގުޅި އަދި ވ. ކެޔޮދޫގައި ސެލްފް ސާވިސް ބޭންކިންގެ ޚިދުމަތް ވަނީ ފަށާފައެވެ.
މިދިޔަ ޖެނުއަރީ މަހުގައި އެ ބެންކުން ވަނީ ކިޔަވާ ލޯނާއި ބީއެމްއެލް އިސްލާމިކް އެޑިއުކޭޝަން ފައިނޭންސިންގެ ރޭޓް 2.5އަށް ކުޑަކޮށްފައެވެ.
މާލި ނަތީޖާއާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ އިގްތިޞާދީ ގޮތުން ދަށަށް ދިޔަ ނަމަވެސް ވިޔަފާރީގެ ދުވެލި އެ ބޭންކުން ދަމަހައްޓައިފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ސްޓްރެޓެޖީ ހާސިލްކުރުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ޕާސަނަލް ލޯނާއި ފައިނޭންސިންއަށް ވަގުތުން އެޕްރޫވަލް ލިބޭނެ ގޮތް ލޯންޗް ކުރެވި، ބޭންކިން ވިއުގަ ފުޅާކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރެވުނު. މިފަދަ މަސައްކަތްތަކުގެ ނަތީޖާއިން ސްޓްރެޓެޖީ ހާސިލްކުރުމުގައި ރަނގަޅު ކުރިއެރުމެއް ހޯދާކަން އުފަލާއެކު ފާހަގަކުރަން،" އޭނާ ވިދާޅުވިއެވެ.
އެ ބެންކުން ބުނެފައި ވަނީ މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގައާއި ޒަމާނީ ބޭންކިން ޚިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.