twitterviber whatsapp telegramfacebookyoutube instagram
3rd February 2026

ގެއްލިގެން ހޯދަމުންދިޔަ ދޯންޏާ ގުޅިއްޖެ

May 20, 2024

ހަތަރު މީހުންނާއެކު ކ. ތިލަފުށިން ފުރައިގެން މ. މެދުފުށި އައިލެންޑް ރިސޯޓަށް ދަތުރުކުރަނިކޮށް ގެއްލުނު ދޯނި އެމްއެންޑީއެފުން ހޯދައިފިއެވެ.

އެމްއެންޑީއެފުން ބުނީ، އޭއޭއޭ-37 ނަމަކަށް ކިޔާ މި ދޯންޏާ މިހާރު ގުޅިފައި ވާކަމަށެވެ. އަދި ކޯސްޓްގާޑް ޝަހީދު އަލީ އެ ދޯންޏާ ދިމާލަށް ދުއްވަމުން ދާކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މި ދޯނިން ދަތުރު ކުރި މީހުންގެ ހާލަތާ ބެހޭ ގޮތުން އެމްއެންޑީއެފުން އަދި އެއްވެސް އެއްޗެއް ހާމައެއް ނުކުރެއެވެ. އަދި އެ މީހުން ތިބި ސަރަހައްދެއް ވެސް ބުނެފައެއް ނުވެއެވެ.

"AAA-37" ނަމަކަށް ކިޔާ މުދާ އުފުލާ މި ދޯނިން ހަތަރު މީހުން ދަތުރު ކުރިއެވެ. އެއީ ބަނގްލަދޭޝްގެ ތިން މީހުންނާއި ދިވެއްސެކެވެ. އެ މީހުންގެ ހަބަރެއް ނުވެގެން އެމްއެންޑީއެފްއަށް ރިޕޯޓްކުރީ މި މަހުގެ 17 ވަނަ ދުވަހުގެ ހަވީރު 17:20 ހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ރިސޯޓަށް ދިއުމަށް އެ ދޯނި ފުރީ އެ ދުވަހުގެ ހެނދުނު 6:00 ހާއިރެވެ. އެ ދޯނި ހޯދުމަށް އެމްއެންޑީއެފްއިން 4519 ސްކެއާ ނޯޓިކަލްގެ ސަރަހައްދެއް ބެލިއެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ކަނޑުތައް ވެސް ވަރަށް ގަދައެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަަކަށް ބޯކޮށް ވާރޭވެހި އެކި ވަރުގެ ގެއްލުންތައް ވެސް ދަނީ ވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355