twitterviber whatsapp telegramfacebookyoutube instagram
27th July 2024

ދަސްވެނިވުމަށްފަހު އެންމެ އިސް ވާޖިބަކަށް ދެކެންވާނީ ގައުމީ މަސްލަހަތު ހިމާޔާތްކުރުން: ނައިބް ރައީސް

Jun 8, 2024

ދަސްވެނިވުމަށްފަހު ކޮންމެ މައިދާނެއްގައި މަސައްކަތް ކުރި ކަމުގައިވިޔަސް، ގައުމީ މަސްލަހަތު ހިމާޔަތްކުރުމަށާއި، މުޖުތަމައުގެ ހަމަޖެހުމަށް މަސައްކަތް ކުރުމަކީ އެންމެ އިސް ވާޖިބެއްކަމުގައި ދެކެންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ދަސްވެނިވުން 2024ގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ދަސްވެނިވި ދަރިވަރުންނަކީ ގައުމަށް ލިބުނު އަގުހުރި ތަރިކައެއް ކަމަށެެވެ.

މިގޮތުން، ތަފާތު ދާއިރާތަކުން ދަރަޖަތައް ހާސިލްކުރީ ގައުމުގެ ކުރިމަގާމެދު ދަރިވަރުން ފޮނި ހުވަފެންތަކެއް ކުރާތީ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

"ދަސްވެނިވުމަށްފަހު ކޮންމެ މައިދާނެއްގައި މަސައްކަތް ކުރެއްވި ކަމުގައި ވިޔަސް ތިޔަ ބޭފުޅުންގެ އެންމެ އިސް ވާޖިބެއްކަމުގައި ދެކެންވާނީ ގައުމީ މަސްލަހަތު ހިމާޔަތްކޮށް، މުޖުތަމައުގެ ހަމަޖެހުމަށް މަސައްކަތް ކުރުން،" ނައިބު ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން، ދަސްވެނިން ތިބެންވާނީ އަދުގެ ދުނިޔެއަށް އަންނަމުންދާ ބަދަލުތަކަށް ލޯ ހުޅުވިފަކަން ފާހަގަކުރައްވައި، އެ މަނިކުފާނު ވިދާޅުވީ، ގައުމަށް ބޭނުންވާ ފާގަތި ބަދަލުތަކަށް ބޭނުންވާ ކަންތައްތައް ދެނެގަނެ، އެ ކަންކަމުގެ ބޭނުން ހިފުމަށް ތައްޔާރަށް ކަމަށެވެ.

މި ރަސްމިއްޔާތުގައި ނައިބުރައީސް ވަނީ އަދުގެ ދުނިޔެއަށް ލޯ ހުޅުވިފައިވާ އިލްމީ ބަޔަކަށް ވުމަށް ކޮންމެހެން ކުރަންޖެހޭ ބައެއް ކަންތައްތަކަށް އަލިއަޅުވާލައްވާފައެވެ.

މިގޮތުން، ދަސްވެނިވުމަށް އިލްމީ ދިރާސާތައް ހުއްޓާނުލައި ކުރިއަށް ގެންދިޔުމަށާއި ފޮތް ކިޔުމަށް ޝައުގުވެރިކަން އިތުރުކުރުވަން ޖެހޭ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

"އިލްމީ ދިރާސާތަކުގެ ސަބަބުން އެކި ދާއިރާތަކުގައި ދިމާވާ ގޮންޖެހުންތައް ދެނެގަނެ އެކަންކަމަށް އީޖާދީ ހައްލުތައް ހޯދަން މަގުފަހިކޮށްދޭ. އެކަމުގެ ސަބަބުން މައުލޫމާތު ޚަޒާނާ އިތުރުވެ، އިންސާނާގެ ސިކުނޑި ތަރައްގީކުރުވައި، އެކި މައްސަލަތަކާމެދު ނާގިދު ފިކުރުތަކަށް ވިސްނަން ދަސްވެގެންދޭ،" އޭނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި، ނައިބު ރައީސް ވަނީ ގައުމަށް ޚިދުމަތް ކުރުން އިސްކުރުމަށާއި ދިވެހި ދަރިއަކަށް ވީތީ ލިބިފައިވާ އިލްމާއި ފަންނީ ހުނަރުން ގައުމަށް ކޮންމެވެސް ޚިދުމަތެއް ކުރުމަކީ ގައުމީ ވާޖިބެއް ކަމުގައި ދެކުމަށް ދަސްވެނިންނަށް އިލްތިމާސްކުރައްވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355