ކުޅުދުއްފުށީ ކުއަންޓަމް ފިހާރައާއި ކުޅުދުއްފުށީ ސިޓީ ކައުންސިލް ގުޅިގެން މި އަހަރު ބޮޑު އީދުގައި އަތާއަތާލުމުގެ މުބާރާތެއް ކުޅުދުއްފުށީގައި ބާއްވަން ނިންމައިފި އެވެ.
18 އަހަރުންމަތީގެ ފިރިހެން ކޮންމެ ފަރާތަކަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލާފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ މާދަމާ 21:00 އެވެ. މުބާރާތުގައި ބައިވެރިވެވޭނީ އޮންލައިކޮށް ގޫގުލް ފޯމެއް ފުރައިގެނެވެ.
މި މުބާރާތް އިންތިޒާމްކުރާ ކުއަންޓަމް ފިހާރައިން ބުނީ މި މުބާރާތް ހުޅުވާލާފައިވަނީ ހަމައެކަނި ކުޅުދުއްފުށީގެ ރައްޔިތުންނަށް ނޫންކަމަށެވެ. މުބާރާތުގައި ކޮންމެ ރަށަކުން ނުވަތަ ރާއްޖޭން ބޭރުން މީހެއް ކަމުގައިވިޔަސް ބައިވެރިވެވޭނެ ކަމަށެވެ. ނަމަވެސް މުބާރާތުގައި ވާދަކުރެވޭނީ ހަމައެކަނި ކަނައަތުން ކަމަށެވެ.
މިއީ ވަކި ކުޅުންތެރިއަކަށް މިހާ ބޮޑު ފައިސާާގެ އިނާމެއް ހުށަހެޅިގެން ކުޅުދުއްދުއްފުށީގައި ކުރިއަށްގެންދާ ފުރަތަމަ މުބާރާތެވެ. އެގޮތުން ޗެމްޕިއަންކަން ހޯދާ ކުޅުންތެރިއަކަށް 10،000ރުފިޔާ, ރަނަރަޕް ކުޅުންތެރިޔާއަށް 5000 ރުފިޔާގެ އިތުރުން 3 ވަނަ އަދި 4 ވަނައަށްދާ ކުޅުންތެރިޔަކަށް 2500 ރުފިޔާގެ ފައިސާގެ އިނާމުވަނީ ހުށަހަޅާފަ އެވެ.
އީދު ފުރަތަމަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތް އޮންނާނީ ކޮންމެ ދުވަހަކުވެސް ހަވީރު ހިއްކި ބިމުގައިވާ ސްޓޭޖް ސަރަހައްދުގަ އެވެ.
އިންތިޒާމުކުރާފަރާތުން ބުނީ މި މުބާރާތުގައި ބައިވެރިވާންވާނީ އެ މީހެއްގެ އަމިއްލަ އިހުތިޔާރުގައި ކަމަށާއި މުބާރާތް ތެރޭގައިވާ އެއްވެސް ގެއްލުމަކަށް އިންތިޒާމްކުރާ ފަރާޓުން ޒިންމާ ނުވާނެ ކަމަށެވެ.