twitterviber whatsapp telegramfacebookyoutube instagram
2nd July 2024

ކުޅުދުއްފުށީ ކެމްޕަހުގައި ނަރުސްކަން ކިޔަވަމުންދާ 7 ދަރިވަރަކު ޑީންސް އެވޯޑް ހާސިލްކޮށްފި

އަބްދުލް ވާހިދު ޙަސަން
Jun 12, 2024

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ކުޅުދުއްފުށީ ކެމްޕަހުގައި ސަނަދާއި އެވޯޑް ދިނުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ. ރޭ އެ ކެމްޕަހުގެ އޮޑިޓޯރިއަމުގައި ކުރިއަށްގެންދިޔަ މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ސީއީއޯ ނާޒިމާ އަލީ އެވެ.

ރޭގެ ރަސްމިއްޔާތުގައި 2023 ވަނަ އަހަރުގެ ދެވަނަ ޓާރމުގައި އެމްއެންޔޫ ސްކޫލް އޮފް ނާރސިންގ އިން ކުޅުދުއްފުށީ ކެމްޕަހުގައި ހިންގި ކޯސްތަކުގައި ތައުލީމް ހާސިލްކުރި ދަރިވަރުންގެ ތެރެއިން ޑީންސް އޮނަރލިސްޓް އެވޯޑް ހާސިލްކުރި 7 ދަރިވަރަކަށާއި ސްކޫލް އޮފް ނާރސިންގ ޓޮޕް އެޗީވާރސް އެވޯޑް ހާސިލްކުރި 7 ދަރިވަރުންނަށް އެވޯޑް ހަވާލުކުރި އެވެ.

މިދިޔަ އަހަރު ސްކޫލްގެ ސްކޫލް އޮފް ނާރސިންގ ޑީންސް އޮނަރލިސްޓް އެވޯޑް ހާސިލްކޮށްފައިވަނީ 4 ދަރިވަރެކެވެ. މިއަހަރު އެ އަދަދު 7 އަކަށް މަތިކުރެވިގެންދިޔުމަކީ އެ ކެމްޕަހަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީ އެވެ.

ޑީންސް އޮނާރލިސް އެވޯޑް ހާސިލުކުރި ދަރިވަރުން

  • ފާތިމަތު އަޒްމާ އަލީ
  • ނައުފާ ހުސެއިން
  • އައިޝަތު އަބުދުއްރަހްމާން
  • މާހީން މުހައްމަދު
  • މުހައްމަދު އާދަމް
  • އައިމިނަތު މާހިރާ ޤާސިމް
  • އައިޝަތު ޒޫނާ މޫސާ

ޓޮޕް އެޗީވާރސް އެވޯޑް ހާސިލްކުރި ދަރިވަރުން

  • އައިޝަތު އާތިކާ އިބުރާހިމް
  • ޝުހާ މޫސާ
  • އަޒްލީނާ އިބުރާހިމް
  • އައިޝަތު މިދުހަތު
  • އައިޝަތު އުނޫޝާ
  • މަރިޔަމް ޒިޔާން ޒިޔާދު
  • ފާތިމަތު ޝަފްޤާ ސައުދު

ޑީންސް އެވޯޑަކީ އެމްއެންޔޫގައި ދެވޭ އެންމެ ޝަރަފްވެރި އެއް އެވޯޑެވެ. މި އެވޯޑަކީ ޑިގްރީ ލެވެލްގެ ކޯހެއްގައި ތައުލީމު ހާސިލުކުރާ ދަރިވަރުންގެ ތެރެއިން އެއްވެސް މާއްދާއަކުން ޑިސްޓިންގޝަންއަށްވުރެ ދަށްނުވުމާއެކު އެ ޓާމެއްގެ ގްރޭޑް އެވަރެޖް 3.0 ނުވަތަ އެއަށްވުރެ މަތިން ހާސިލްކުރާ ދަރިވަރުންނަށް ދޭ އެވޯޑެކެވެ.

އަދި ސްކޫލް އޮފް ނާރސިންގ ޓޮޕް އެޗީވާރސް އެވޯޑަކީ އެމްއެންޔޫ ސްކޫލް އޮފް ނާރސިންގގެ ހުރިހާ ކޯސްތަކެއްގައި ތައުލީމު ހާސިލުކުރާ ދަރިވަރުންގެ ތެރެއިން އެ ޓާމެއްގެ ގްރޭޑް ޕޮއިންޓް އެވްރެޖް 3.0 ނުވަތަ އެއަށްވުރެ މަތިން ހާސިލްކުރުމުން ދޭ އެވޯޑެކެވެ.

މީގެ އިތުރުން މި ރަސްމިއްޔާތުގައި އެޑްވާންސްޑް ސެޓްފިކެޓް އިން ނާރސިންގ އާއި އެޑްވާންސް ޑިޕޮލޮމާ އިން ނާސިންގ ކިޔަވަމުންގެންދާ ޖުމްލަ 71 ދަރިވަރުން އިގުރާރުވި އެވެ. އެ ދަރިވަރުންނަށް އިގުރާރު ލައިދެއްވީ، ކޭއާރުއެޗްގެ ޑިރެކްޓާ އޮފް ނަރސިންގ ޝީރީން އަހުމަދެވެ.

މިރަސްމިއްޔާތުގައި އެ ކެމްޕަހުގެ މެނޭޖަރު، އައިމިނަތު މުހައްމަދާއި، ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަލީ އަހުމަދާއި އެސިސްޓެންޓް ޕްރޮފެސަރ ޑރ މުހައްމަދު އުމަރާއި ލެކްޗަރާއިންނާއި ތައުލީމީ ދާއިރާގެ ވެރިން ބައިވެރިވެޑައިގެންނެވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355