މިއަހަރު އަލަށް ބޮޑު އީދު ކުޅިވަރެއްގެ ގޮތުގައި 'ދައްސޫރަ' ބޮޑުބެރު ގުރޫޕުން ނެރުނު 'އީދު މާލި' ޕެރޭޑަށް ބޮޑު މަގުބޫލުކަމެއް ލިބިއްޖެ އެވެ.
ރުކުގެ ފަން ބޭނުންކޮށްގެން ވިޔެފައި ހުރި 'މާލިތަކެއް' ފެނިގެންދިޔަ މި ހަރަކާތުގައި، ހަތްބޯރާހި، ދިގު މީހުން، ދޫނި މާލި، ބޮޑުމަސްވެސް ފަނުގެ ތަފާތު އުފެއްދުންތަކުގެ މާލިތައް ފެނުނިގެންދިޔަ އެވެ.
މިހަރަކާތަށް ތައުރީފުކުރައްވައި ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ، މިއީ ދިވެހިންގެ ސަގާފަތާއި ހުނަރާއި ފަންނުވެރިކަން ދައްކުވައިދިން ހުށަހެޅުމެއް ކަމަށެވެ. އަދި މިއީ މުޖުތަމުއުއަށް ދޫކޮށްލި އަގުބޮޑު ހަދިޔާއެއްގެ ގޮތުގައި ސިފަ ކުރެއްވި އެވެ.
"ނުހަނު ބުރަ ބޮޑު މަސައްކަތެއް، ދިވެހިންގެ ސަގާފަތާއި ހުނަރާއި ފަންނުވެރިކަން ދައްކުވައިދިން ހުށަހެޅުމެއް، މުޖުތަމުއުއަށް ދޫކޮށްލި އަގުބޮޑު ހަދިޔާއެއް، ދައްސޫރަ ގްރޫޕުން އިޖްތިމާއީރޫހުގެ ނަމޫނާ ދައްކާ މިފަދަ ހަރަކާތެއް ރައްޔިތުންނަށް ހުށަހަޅަދެއްވިކަމަށްޓަކާ މި ހަރަކާތުގައި ޝާމިލުވި އެންމެބޭފުޅުންނަށް ވަރަށްބޮޑަށް ޝުކުރު އަދާކުރަން.މޭޔަރު އާތިފް
މިހަރަކާތް ވެގެންމިދިޔައީ ދުވަސްވީ މީހުންގެވެސް ހިތަށް އަތުލި، އަދި އެ މީހުން މާޒީ ހަނދާންކޮށްދިން މާލި ޕެރޭޑަކަށެވެ.
" އަހަރެމެން ކުޑައިރު އީދު ކުޅިވަރުގެ ގޮތުގައި އެންމެ ފޯރީގައި ކުޅޭ އެއް ކުޅިވަރަކީ ބޮޑުމަސް ބޭނުމާއި ފަނުން ހަދާފައި ހުންނަ މާލި ނެށުން. މިފަހުން މިފަދަ ކަންކަމެއް ނުކުރޭ. އެކަމަކު ރޭގައި ވަރަށް ހިތްހަމަޖެހުނު މާލި ޕެރޭޑް ފެނުނީމަ. ކުދި ބަޔަކު އިސްނަގައިގެން މިކަން ދިރުވީ ވަރަށް އުފާވެެއްޖެ." މުހައްމަދު އަލީ ބުންޏެވެ.
ހަރަކާތުގެ ފޮޓޯތައް ސޯޝަލް މީޑިއާއަށް ދޫކޮށްލުމާއެކު މީހުންގެ ތައުރީފްތައް ބަންޑުކޮށްލި އެވެ.
"ވަރަށްވެސް ހިތްގައިމު. އައުވެގެން ދިޔައީ ކުޑައިރުގެ ހަނދާންތައް. ފަނުންވިޔެގެން ތައްޔާރުކުރާ މިއަށް ވުރެވެސް ގިނަ ތަފާތު ވައްތަރުގެ މާލިތައް ދަމުހިނގުމުގެ ހަރަކާތުގައި ފެންނާނެކަމަށް އުންމީދުކުރަން." މާލި ޕެރޭޑްގެ ފޮޓޯތަކެއް ޝެއާކޮށް ހާޝިމް އަބޫބަކުރު ބުންޏެވެ.
ހާޝިމް ބުނެފައިވަނީ، އުވިގެން ގޮސްދާނެ ކަމުގެ ބިރު ހީވެފައި އޮއްވާ، މިފަދަ މާލިތަކެއް ފެނުމުން، ރަށުގެ މައުނަވީ ސަޤާފަތާއި ތަރިކައަށް އާ ދިރުމެއް ލިބުންފަދަ އިހުސާސެއް ކުރެވިއްޖެ ކަމަށެވެ.
"އުވިގެން ގޮސްދާނެ ކަމުގެ ބިރު ހީވެފައި އޮއްވާ، މިފަދަ މާލިތަކެއް ފެނުމުން، ރަށުގެ މައުނަވީ ސަޤާފަތާއި ތަރިކައަށް އައު ދިރުމެއް ލިބުންފަދަ އިހުސާސެއް ކުރެވިއްޖެ. އިންތިޒާމުކުރެއްވި ބޭފުޅުންނަށް ހިތުގެ އުމުގުން ނިހާއީ ޝުކުރު ބަރުތީލަކުރަން. މިފަދަ ރަށުވަންތަ ފަންނުތައް ދިރުވާ އާލާކުރަމާ ބަހީހާޝިމް
ބަލާ ބެލުމަށް މިއީ ފަސޭހަކަމެއްހެން ހީވިޔަސް މީއީ ވަރަށް ބުރަ މަސައްކަތެކެވެ. ފަނުން ތަކެތި ތައްޔާރުކޮށް ވިޔުމަށް އެތައް ވަގުތެއް ނެގި އެވެ. ކޮންމެ އަކަސް މީއީ އެއްވަނައިގެ ހަރަކާތެކެވެ. އަމިއްޔަ ފަރާތްތަކުން އީދާ ގުޅޭ މިފަދަ ހަރަކާތްތައް އިތުރުކުރަން ޖެހެ އެވެ. މިއީ ދައްސޫރައިން ދެއްކި ފުރިހަމަ ނަމޫނާއެކެވެ. މިހަރަކާތަށް އޮތީ ޝުކުރާއި ތައުރީފެވެ.