twitterviber whatsapp telegramfacebookyoutube instagram
8th September 2024

ކަނޑިސާރު: ކަނޑިތީމުގައި ސަގާފީ މަރުކަޒެއް ހުޅުވައިފި

ނަބީލާ އިސްމާޢީލް
Jun 22, 2024

ށ ކަނޑިތީމު ތާރީހާއި ތަރިކަ ރައްކާކުރުމަށް "ކަނޑިސާރު" ނަމުގައި ސަގާފީ މަރުކަޒެއް ގާއިމުކޮށް، ހުޅުވައިފި އެވެ. މި މަރުކަޒު ހުޅުވާފައިވަނީ މި ޖޫންމަހުގެ 14 ވަނަ ދުވަހު އެވެ.

ކަނޑިތީމު ކައުންސިލްގެ ރައީސް އަހުމަދު އަހްސަން ކޭއޯއަށް ވިދާޅުވީ، ކަނޑިސާރުގެ މަސައްކަތަކީ ކަނޑިތީމް ސްކޫލް ޓީޗަރު ހަސަން ޒަރީރާއި ރަށުގެ ޒުވާނުންތަކަކާ އިސްނަގައިގެން މީގެ 5 ވަރަކަށް އަހަރު ކުރިން ކުރަންފެށި މަސައްކަތެއް ކަމަށެވެ.

އަހްސަން ވިދާޅުވީ 2019 ހިސާބުގައި އެންމެ ފުރަތަމަ ތަކެތި ބަހައްޓާފައި ވަނީ ރަށުގައި ބޭސް ފިހާރައެއް ހިންގި، ޖާގައިގެ ގޮތުން ދަތި ތަނެއްގައި ކަމަށެވެ. އަދި ފަހުން ސަގާފީ މަރުކަޒު ތަރައްގީ ކުރުމަށް ކުރެވުނު މަސައްކަތުގެތެރެއިން، އުވާލާފައިވާ އިހުގެ އަންހެނުންގެ މިސްކިތަށް ތަކެތި ބަދަލުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އެކަން ކުރުމުގައި މިސްކިތުގެ އަސްލު ނުގެއްލޭ ގޮތަށް އެ މަސައްކަތް ކޮށްފައި ވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ރަށުގެ ތަރިކަ ހިމާޔަތްކޮށް ރައްކާތެރިކަމާއެކު ފެންނާނެ ގޮތަށް ބެހެއްޓުމުގެ މަގުސަދުގައި ހެދި މި މަރުކަޒު ތަރިކަ ހިމާޔަތް ކުރުމުގެ މަސައްކަތަކީ ކައުންސިލްގެ ޒިންމާގެ ތެރޭގައި ވެސް ހިމެނޭ ކަމެއްކަމަށް ވާތީ، އެ މަސައްކަތަށް ކައުންސިލުން އޭރު ވެސް އަދި މިހާރު ވެސް ވަރަށް ބޮޑު އެއްބާރުލެއްވުމެއް ދެއްވަވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ.

މިހާރު އެތަނުގައި ބެހެއްޓިފައިވަނީ އެކިފަރާތްތަކުން ހަދިޔާކޮށްފައިވާ ތަކެއްޗާއި ކަނޑިސާރު ޓީމުން އެއްކޮށްފައިވާ ތަކެއްޗެވެ. ކަނޑިސާރުގެ މަގުސަދަކީ މިފަދަ ތަރިކަ ރައްކާކޮށް އިހުގެ ވާހަކަތައް ޝައުގުވެރިގޮތަކަށް އަންނަން އޮތް ޖީލުތަކަށް ގެނެސްދިނުމެވެ.

ހަސަން ޒަރީރަކީ އެ ރަށު ސްކޫލުގެ މުދައްރިސެކެވެ. އަދި ތާރީހު ދިރާސާ ކުރައްވާ ބޭފުޅެކެވެ. ދިވެހިރާއްޖޭގެ ތާރީހާއި އާދަކާދަތައް މިހާރުގެ ޖީލު ހޭލުންތެރިކޮށް މައުލޫމާތު ފޯރުކޮށްދިނުމަށް ހަސަން ޒަރީރު މަސައްކަތްކުރެ އެވެ. ހަސަން ޒަރީރު ވަނީ "އިހުތިބީންގެ ދުލުން އެވޭލާ ދިރިއުޅުން" ނަމަކަށް ކިޔާފޮތެއްވެސް ލިޔެ ނެރެފަ އެވެ.

މި ފޮތަކީ އެވޭލާ ދިވެހީންގެ ދިރިއުޅުމާ ބެހޭ އެކި ވާހަކަތަކާއި، ތާރީހީ މުހިންމު އެކި ހާދިސާތަކާ ގުޅޭ މައުލޫމާތު ތަފުސީލީ ގޮތެއްގައި ހިމަނުއްވާފައިވާ ފޮތެކެވެ. މި ފޮތުގައި އޭރުގެ ދަނޑުވެރިކަމާއި މަސްވެރިކަމާއި ބޭސްވެރިކަމާއި ބޭރު ދަތުރު ކުރުމާއި ވިޔަފާރި ކުރުންފަދަ ކަންކަމަށް އަލިއަޅުވާލާފައި ވެއެއެވެ. މީގެ އިތުރުން ކަނޑިތީމުގެ ތާރީހީ އެތައް މައުލޫމާތެއް މިފޮތުގައި ތަފްސީލްކޮށް ހިމަނާފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355