ހދ އަތޮޅު ކައުންސިލުގެ ނައިބު ރައީސް އަބުދުއްސައްތާރު ހަސަން މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވާކަމަށް ބުނެ އޭނާ މަގާމުން ވަކިކުރަން ހުށަހަޅައިފި އެވެ. ސައްތާރަކީ ހަނިމާދޫ ކައުންސިލްގެ ރައީސްވެސްމެ އެވެ.
އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ސިރާޖު ޗުއްޓީއަށް ވަޑައިގަތުމުން ކައުންސިލް ހިންގުމާ ހަވާލުވެލެއްވީ ނައިބު ރައީސެވެ.
މި މައްސަލަ ހުށަހެޅުއްވީ ހިރިމަރަދޫ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދެވެ. އޭނާ ހުށަހެޅުއްވި މައްސަލައިގައި ވަނީ އަތޮޅު ކައުންސިލް ވަގުތީގޮތުން ހިންގެވުމާ ހަވާލުވެހުންނެވި އަދި އެކައުންސިލްގެ ނައިބު ރައީސް އަބުދުއްސައްތާރު މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޮޑުތަނުން އިހުމާލުވެ އަތޮޅު ކައުންސިލަށާއި އަތޮޅުގެ ރައްޔިތުންގެ ހައްގުތަކަށް އިހުމާލުވަމުންދާ ކަމަށެވެ.
އެގޮތުން މިއަދާ ހަމައަށް އައިއިރު ރަސްމީކޮށް އަތޮޅު ކައުންސިލަށް ވަޑައިގެން މަސައްކަތް ހިނގާ ނުހިނގާގޮތް ބަލާފައިނުވާ ކަމަށާއި އަދި އަތޮޅު ކައުންސިލްގެ މަސައްކަތު ތާވަލާއި ޕްލޭނުގައިވާ ކަންތައްތައް ތަންފީޒުކުރުމުގައި ބޮޑުތަނުން އިހުމާލުވަމުންދާ ކަމަށެވެ.
މިއަދު ހެނދުނު އެ ކައުންސިލްގައި ބޭއްވި އާންމު ބައްދަލުވުމުގައި މި މައްސަލަ ހުށަހެޅިއިރު ނައިބު ރައީސް ސައްތާރު ހަސަން އެ މަގާމުން ވަކިކުރުމުގެ ކުރިން ޖަވާބުދާރީވުމަށް 30 ދުވަހުގެ މުހުލަތެއް ދިނުމަށް 8 މެންބަރުގެ ވޯޓުން ފާސްކުރި އެވެ. 11 މެންބަރު މިއަދުގެ ޖަލްސާގައި ބައިވެރިވެޑައިގެންނެވިއިރު ވޯޓް ނުދެއްވާ ދެ މެންބަރު އިންނެވި އެވެ. އެއީ ފިނޭ އާއި ނޭކުރެންދޫ ރައީސެވެ.
އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ނައިވާދޫ ކައުންސިލްގެ ރައީސް އަލީ ރަޝީދު މުހައްމަދެވެ. ކުރިނބީ އަދި ނޮޅިވަރަންފަރު ކައުންސިލްގެ ރައީސުން ސަލާމުގައި ހުންނެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެޑައިގެންފައެއްނުވެ އެވެ.