twitterviber whatsapp telegramfacebookyoutube instagram
18th October 2024

ގަވަރުނަރު ހާޒިރުކުރަން ތާވަލްކުރި ކޮމިޓީ ކެންސަލްކޮށްފި

ނަބީލާ އިސްމާޢީލް
Jul 8, 2024

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މަރުކަޒީ ބޭންކު(އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމު ހާޒިރުކުރަން ތާވަލުކުރި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ބައްދަލުވުން ކެންސަލްކޮށްފިއެވެ.

ހާޝިމްގެ އިތުރުން، އެ ކޮމިޓީއަށް ހާޒިރުކުރުމަށް ނިންމާފައި ވަނީ އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒުގެ އިތުރުން ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރުއެވެ.

މިއަދުގެ 11:00 އަށް ތާވަލުކުރެވިފައިވާ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މި ބޭފުޅުން ހާޒިރުކުރުމަށް ނިންމާފައި ވަނީ އެ ބޭފުޅުންގެ ފަރާތުން މަޖިލީހުގެ ކޮމިޓީން ސާފުކުރަން ބޭނުންވާ މައުލޫމާތު ސާފުކުރުމަށެވެ.

ނަމަވެސް، އެ ކޮމިޓީ ބައްދަލުވުމަށް ގަވަރުނަރު ހާޝިމް ހާޒިރުވުން އެޖެންޑާއިން ނެގީ ކީއްވެތޯ ސުވާލުކުރުމުން، މަޖިލީހުން އެ ކަމާ ގުޅިގެން އަދި ބަހެއް ނުލިބެއެވެ.

އޭނާ ވަކިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ ދިނުމަށްވެސް މާލިއްޔަތު ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެ މައްސަލަ ދިރާސާކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މިދިޔަ އަންގާރަ ދުވަހު ފޮނުވާފައެވެ.

ގަވަރުނަރު ހާޝިމް ވަކި ކުރުމަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމެވެ. މެންބަރު ނާޒިމް ވަނީ ގަވަރުނަރު ވަކިކުރަން ލަފާ ދެނީ ގައުމުގެ އިގުތިސޯދު ހީނަރުވެ، އަލުން އަނބުރާ އިއާދަކުރަން އުނދަގޫ ހިސާބަކަށް ދިޔައިރު، އެމްއެމްއޭއަށް މަނިޓަރީ ޕޮލިސީ އޭގެ އެންމެ އެކަށޭނެ ގޮތުގައި ހިންގަމުންދާ ތަން ފެންނަމުން ނުދާތީ ކަމަށް ވިދާޅުވެފައެވެ.

މަނިޓަރީ އޮތޯރިޓީގެ ގާނޫނު ބުނާ ގޮތުން ގަވަރުނަރު ވަކިކުރާނީ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

އެ ގޮތުން، ކޮމިޓީން ހާޝިމް ވަކިކުރަން ނިންމުމުން މަޖިލީހުގެ ރައީސް އެކަން ތަޅުމުގައި އިއުލާނުކުރައްވަން ޖެހޭނެއެވެ. އެއަށް ފަހު ޖަވާބުދާރީވުމުގެ ފުރުސަތެއް އަރުވައި، ފަސް ދުވަހުގެ މުއްދަތެއް ދޭން ޖެހެއެވެ.

އެމްއެމްއޭއަކީ 1981 ވަނަ އަހަރު ގާނޫނުގެ ދަށުން އެކުލަވާފައިވާ ރާއްޖޭގެ މަރުކަޒީ ބޭންކެވެ. އެ ބޭންކްގެ މައިގަނޑު މަގްސަދުގެ ތެރޭގައި ފައިސާ ނެރުމާއި، ފައިސާ ލިބެން ހުންނާނެ ގޮތް ހަމަޖެއްސުމާއި، ދިވެހި ރުފިޔާގެ ބައިނަލްއަގްވާމީ އަގު ކަނޑައެޅުމާއި ބޭންކިންގ އާ ބެހޭ މަނިޓަރީ މުއާމަލާތްތަކާއި ބެހޭ ކަންތައްތަކުގައި، ސަރުކާރަށް ލަފާ ދިިނުމުގެ ހިދުމަތްތައް އަދާ ކުރުންވެސް ހިމެނެއެވެ. އަދި ރާއްޖޭގެ މާލީ ކަންތައްތައް ހަރުދަނާ ގޮތެއްގައި ކުރިއެރުވުމަށްޓަކައި، ބޭންކްގެ މުއާމަލާތާއި ބެހޭ ކަންތައްތަކުގައި، ސަރުކާރަށް ލަފާ ދިނުމުގެ ހިދުމަތްތައް އަދާ ކުރުމާއި، އެެކަންތައްތައް ހިނގާ ނުހިނގާ ގޮތް ބެލުންވެސް ހިމެނެއެވެ.

އޭގެ އިތުރުން ރާއްޖެއާ ރާއްޖެއިން ބޭރުގައި ރާއްޖޭގެ މަނިޓަރީ ހަރުދަނާކަން ހިފެހެއްޓުމާއި، ރާއްޖޭގައި ހަމަޖެހޭ ރަނގަޅު އިގްތިސޯދީ ތަރައްގީއެއް ގެނެވޭފަދަ ގޮތެއްގައި މާލީ ހާލަތު ކުރިއެރުވުންވެސް ހިމެނެއެވެ.

އަލީ ހާޝިމް، އެމްއެމްއޭގެ ގަވަރުނަރަކަށް އައްޔަން ކުރީ ސެޕްޓެމްބަރު 2019 ގައެވެ. އޭނާ ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ކުރައްވައިފައެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355