ލިތުއޭނިޔާއިން ރާއްޖެއަށް ފުރަތަމަ ފަހަރަށް ސަފީރަކު ކަނޑައަޅުއްވާ ސަފީރު ކަމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އަރުވައިފިއެވެ.
ލިތުއޭނިއާއިން ރާއްޖެއަށް ކަނޑައެޅި ސަފީރު ޑަޔަނާ މިކެވިޗިއެނޭ މިއަދު ވަނީ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އަރުވައިފަ އެވެ. މިއީ 1999 ވަނަ އަހަރު ދެ ގައުމުން ހާރިޖީ ގުޅުން ގާއިމްކުރި ފަހުން ކަނޑައެޅި ފުރަތަމަ ސަފީރެވެ.
ލިތުއޭނިޔާގެ ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އެރުވުމުން ރައީސް ވަނީ ތަހުނިޔާ ވިދާޅުވެ، ރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރުހަބާ ވިދާޅުވެފަ އެވެ. އަދި ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެގޮތުން ވިޔަފާރި އާއި އިގްތިސޯދީ ދާއިރާއިން އަދި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހި ކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ލިތުއޭނިޔާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާނީ ނޮން-ރެސިޑެންޓް ސަފީރެކެވެ. ސަފީރު ހުންނަވާނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީ ގައެވެ.
ލިތުއޭނިއާގެ ސަފީރުގެ އިތުރުން ތުރުކީން އުރުދުންއިން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރާއި ތުރުކީން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ވެސް މިއަދު ވަނީ ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އަރުވައިފަ އެވެ. އެ ދެ ސަފީރުންނަކީ ވެސް ނަން ރެސިޑެންޓް ސަފީރުންނެވެ.