twitterviber whatsapp telegramfacebookyoutube instagram
18th October 2024

ގައުމެއްގެ ކުރިއެރުމަށް، ނަޒާހަތްތެރިކަމާ އަމާނާތްތެރިކަން މުހިންމު: ނައިބު ރައީސް

ނަބީލާ އިސްމާޢީލް
Jul 9, 2024
1

ގައުމެއްގެ ކުރިއެރުމާ ކާމިޔާބީ ދެމެހެއްޓުމަށްޓަކައި، ނަޒާހަތްތެރިކަމާ އަމާނާތްތެރިކަން ވަރަށް މުހިންމުކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މުވައްޒަފުންގެ އަގު ވަޒަންކުރުމަށާ އެކޮމިޝަނުގެ "ކޮރަޕްޝަން ރިސްކު ސެލްފް އެސެސްމަންޓް ޓޫލްކިޓުގެ ޑިޖިޓައިޒް ޕްލެޓްފޯމް" ރަސްމީކޮށް އިފުތިތާހުކުރުމުގެ ގޮތުން ރޭ އުމަރު ޒާހިރު އޮފީސް އިމާރާތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ތަރައްގީ ހުއްޓި، ފުދުންތެރިކަން ގެއްލިގެން ދިޔަ ނުދިނުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ކޮރަޕްޝަން ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަން ފަށްޓަވާފައިވާކަން ފާހަގަކުރެއްވިއެވެ.

އަދި ރައީސް ޑރ.މުހައްމަދު މުއިއްޒު، މަގާމުގެ ހުވައިކުރައްވައި ދެއްވި ފުރަތަމަ ރިޔާސީ ތަގުރާރުގައި، ރައްޔިތުންނަށް ދެއްވި އެންމެ ބޮޑު އެއް ޔަގީންކަމަކީ އެދުވަހުން ފެށިގެން ސަރުކާރުން ޝަރީއަތްތަކަށް ނުފޫޒު ފޯރުވުން މުޅީން ހުއްޓުނީކަން ފާހަގަކުރައްވައި މިއީ ކޮރަޕްޝަންގެ ދޮރުތައް ބަންދުކުރެއްވުމަށް އެމަނިކުފާނު އެޅުއްވި މުހިންމު ފިޔަވަޅެއްކަމުގައި ނައިބު ވިދާޅުވިއެވެ.

ނައިބު ވަނީ ކޮރަޕްޝަނަށް މަގުފަހިވާ މައްސަލަތަކަށް ތަހުގީގުކުރުމަށް އެންޓިކޮރަޕްޝަން ކޮމިޝަނުން އިސްކަންދެއްވާ ފަދައިން ކޮރަޕްޝަނަށް މަގުފަހިވާ ކަންކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތަށާ އަދި ހާއްސަކޮށް ސްކޫލުކުދިންނަށް އަމާޒުކޮށް ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމުތައް ހިންގެވުމަށް އިސްކަންދެއްވުމަށް ވެސް އެކޮމިޝަނުގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.

މިހަފުލާގައި ނައިބު ވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ "ކޮރަޕްޝަން ރިސްކު ސެލްފް އެސެސްމަންޓް ޓޫލްކިޓުގެ ޑިޖިޓައިޒް ޕްލެޓްފޯމް" އިފުތިތާހު ކޮށްދެއްވާފައެވެ. އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހިދުމަތްކުރާތާ 30 އަހަރުވެފައިވާ ދެ މުވައްޒަފަކަށް އެކޮމިޝަނުގެ ފަރާތުން ދެއްވި "ސާވިސް އެވޯޑް" އެ ދެބޭފުޅުންނާ ހަވާލުކޮށްދެއްވީ ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355