އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރަން ލަފާދޭން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
މަސްއޫލިއްޔަތު އަދާނުކުރައްވާ ކަމަށް ވިދާޅުވެ، ހާޝިމް މަގާމުން ވަކިކުރައްވަން މި މަހުގެ އެއްވަނަ ދުވަހު މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމެވެ. ކޮމިޓީން ވަނީ ޖަވާބުދާރީވާން ގަވަރުނަރަށް ތިން ފުރުސަތު ދެއްވައިފައެވެ. އެކަމަކު، ގަވަރުނަރު ވަނީ ކޮމިޓީއަށް ހާޒިރުވާން އުޒުރުވެރިވެވަޑައިގެންފައެވެ.
ފަހު ފުރުސަތުގައި ވެސް ކޮމިޓީއަށް ހާޒިރުވާން އުޒުރުވެރިވެވަޑައިގަތުމުން ނާޒިމް ވަނީ އިތުރު ފުރުސަތެއް ދިނުމަކައިނުލާ ގަވަރުނަރު މަގާމުން ވަކިކުރަން ހުށަހަޅުއްވައިފައެވެ.
އެ ހުށަހަޅެއްވުމަށް ވޯޓަށް އެހުމުން، މިއަދުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުވެވަޑައިގެން ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ ހާޝިމް މަގާމުން ވަކިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާދޭން ފާސްކޮށްފައެވެ. ގާނޫނުގައި އޮންނަ ގޮތުން ގަވަރުނަރު މަގާމަށް އައްޔަންކުރައްވާނީ ވެސް އަދި މަގާމުން ވަކިކުރާނީ ވެސް މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.
ކޮމިޓީއަށް ހާޒިރުވެވަޑައިގެން ޖަވާބުދެއްވަން އުޒުރުވެރިވެވަޑައިގެން މިއަދު ވެސް ގަވަރުނަރު ހާޝިމް ވިދާޅުވީ، އާލާސްކަންފުޅާ އުޅުއްވާ ކަމަށެވެ.
ކޮމިޓީއަށް ހާޒިރުވާން ދެއްވި ތިން ފުރުސަތުގައި ވެސް ހާޒިރުވެ، ޖަވާބުދާރީވެވަޑައިގަންނަވަން އުޒުރުވެރިވެވަޑައިގަތުމުން ކޮމިޓީގެ މެންބަރުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފައެވެ. މެންބަރުން ވަނީ، ހާޝިމަކީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަން ގާބިލު ބޭފުޅެއް ނޫން ކަމަށާއި ވީހާ ވެސް އަވަހަށް އޭނާ މަގާމުން ވަކިކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
މާލީ ހާލަތު ރަނގަޅުކުރަން އެމްއެމްއޭއިން އިސް ނަގައިގެން ލަފައެއް ދީފައިނުވާ ކަމަށް މާލީ ވުޒާރާއިން ވެސް ވަނީ ބުނެފައެވެ. އެކަމަކު، މާލީ ހާލަތާ ގުޅޭ ގޮތުން ލަފާދެއްވައި ކަމަށާއި މި ހާލަތަށް ކަންކަން ވެއްޓުނީ ދެއްވި ލަފައާ އެއްގޮތަށް ސަރުކާރުން އަމަލުނުކުރުމުން ކަމަށް ވިދާޅުވެ، ހާޝިމް ވަނީ އިއްޔެ ކޮމިޓީއަށް ސިޓީއެއް ފޮނުއްވައިފައެވެ.
ރާއްޖެއަށް މިހާރު ދިމާވެފައި އޮތް އިގުތިސާދީ ހުރަސްތަކުން އަރައިގަންނަން ހަރަދު ކުޑަކުރުން ނޫން ގޮތެއް ނެތް ކަމަށް ވޯލްޑް ބޭންކުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ އިކޮނޮމިސްޓް އަދި ރެޒިޑެންޓް ކޯޑިނޭޓާ އެރްދެމް އަތާސް ވެސް ވަނީ ވިދާޅުވެފައެވެ.