ލީޑަޝިޕް މަގާމުތަކުގައި އަންހެނުން ތިބުމުން ހެޔޮބަދަލުތަކާ އަދި ތަފާތު ވިސްނުންތައް ގެނެސްދެވޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ، ހިންގުމުގެ ދާއިރާގައި ހަރަކާތްތެރިވާ ޒުވާން އަންހެނުންނަށް އަމާޒުކޮށް ޗަންޕާ ސެންޓްރަލް ހޮޓެލްގައި މިއަދު ބޭއްވި މަސައްކަތު ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ލީޑަޝިޕް މަގާމުތަކުގައި އަންހެނުން ތިބުމުން އަންނާނެ ހެޔޮބަދަލުތަކާގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މެޑަމް ވިދާޅުވީ ގާލް ގައިޑް ހަރަކާތަކީ ހަމައެކަނި މުސްތަގުބަލުގެ ލީޑަރުން އުފެއްދުމުގެ ހަރަކާތެއް ނޫންކަމަށާ އޭގެ ބަދަލުގައި އެއީ އަންހެނުން ބާރުވެރިކުރުވުމާއި މުޅި މުޖުތަމައު ބާރުވެރިކުރުވުމުގެ ހަރަކާތެއްކަމުގައެވެ. އެކަމަނާ ވިދާޅުވީ މިކަމަށް އެދެވޭ ބަދަލެއް ގެނެވޭނީ ކަންކަމުގައި އިރުޝާދު ދިނުމާއި ލީޑަޝިޕް ތަމްރިނުތަކާއި، ނިންމުންތައް ނިންމުމުގެ މަރުހަލާގައި އަންހެނުންގެ ބައިވެރިވުމަށް ހިތްވަރުދިނުމާއި ދިރިއުޅުމުގެ ކޮންމެ މައިދާނެއްގައި މިންތީގެ ހަމަހަމަކަން ކުރިއެރުވުމާއި، މި ކަންކަމަށް އެއްބާރުލުން ދިނުމުގެ މާހައުލެއް އުފެއްދުމާއެކު އެފަދަ މުޖުތަމައުތައް އުފެދިގެންކަމަށެވެ.
އެކަމަނާގެ ވާހަކަފުޅުގައި މިންތީގެ ހަމަހަމަކަމަށް ކުރާ ދަތުރުގައި މިހާތަނަށް ފާހަގަކޮށްލެވޭ މުހިންމު ކުރިއެރުންތަކެއް ހޯދިފައިވީ ނަމަވެސް މިދަތުރު އަދި ނިމެން ގާތްވެސް ނުވާކަން ފާހަގަކަމަށެވެ. ލީޑާޝިޕްގެ އެކިދައުރުތައް އަދާކުރާ އަންހެނުން ފާހަގަކޮށްލެވޭ މިންވަރަކަށް ހަރަކާތްތެރިވި ނަމަވެސް ތަފާތު ދާއިރާތަކުގައި އަންހެނުން ތަމްސީލުކުރުމުގެ ބޭނުންތެރިކަން އަދިވެސް ބޮޑުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
އެގޮތުން އަންހެނުން، އެކި ދާއިރާތަކުން ހޯދާ ކާމިޔާބީތައް ފާހަގަކުރާއިރު، އަންހެނުންނަށް ކުރިއަށް ދެވޭނެ އަދި ކުރިއަރަންޖެހޭ ބައެއް ދާއިރާތަކުގައި އަންހެނުން ތަމްސީލުކުރާ މިންވަރު މަދުކަން ފާހަގަކުރެވޭކަމުގައި އެކަމަނާ ވިދާޅުވިއެވެ.
ގާލް ގައިޑް ހަރަކާތަކީ ރާއްޖޭގައި ވަރަށް ކާމިޔާބު ހަރަކާތެއްކަން ފާހަގަކުރައްވައި އެ ހަރަކާތުގައި އުޅުއްވި ބައެއް ބޭފުޅުން ފަހުން ސަރުކާރާ ޕްރައިވެޓް ސެކްޓަރގައި ސީނިއަރ ރޯލުތައް އަދާކުރައްވާތަން ފެނިވަޑައިގެންނެވުމަކީ ލިބިވަޑައިގަންނަވާ ފަޚުރެއްކަމުގައި އެކަމަނާ ވިދާޅުވިއެވެ. އަދި އެކަމަނާގެ ވާހަކަފުޅުގައި ވަނީ މިއަދާއި އަދި މުސްތަޤުބަލުގެ ޖީލުތަކުގެ މަންފާއަށްޓަކައި މި ލީޑަޝިޕް ހަރަކާތް އިތުރަށް ފުޅާކޮށް މެދުނުކެނޑި ކުރިޔަށް ގެންދިއުމަށް ހިތްވަރުދެއްވާފައެވެ.
މި ރަސްމިއްޔާތުގައި އޭޝިއާ ޕެސިފިކް ސަރަހައްދާ ރާއްޖޭގެ ގާލް ގައިޑުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ވަނީ ހަނދާނީ ހަދިޔާއެއް އަރުވާފައެވެ.