twitterviber whatsapp telegramfacebookyoutube instagram
17th September 2024

ގަވައިދާ ހިލާފަށް އުޅޭ 9 ބިދޭސީއަކު ބަހާދަރުގައި އައި، ކެޕްޓަނަށް ލިޔުމުން ނަސޭހަތްދިން

ނަބީލާ އިސްމާޢީލް
Sep 2, 2024

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ 9 ބިދޭސީއަކު ކުޅުދުއްފުއްޓަށް ގެނައި ބަހާދަރު ބޯޓެއްގެ ކެޕްޓަނަށް އިމިގްރޭޝަނުން ލިޔުމުން ނަސޭހަތް ދީފިއެވެ.

ގަވާއިހިލާފަށް އުޅޭ ބިދޭސީން މާލެ ދޫކޮށް ރާއްޖޭގެ އެކި ރަށްރަށަށް ދާކަމަށް ކުޅުދުއްފުށީގައި މަސައްކަތްކުރާ ފުލުހުންނަށް ފާހަގަވި ހިސާބުން، ސިޓީ ކައުންސިލްގެ ސަމާލުކަމަށް ގެނެސް، އިމިގްރޭޝަނާއެކު ބައްދަލުކޮށް، މައްސަލަ ހައްލުކޮށްދިނުމަށް އެދުނެވެ. މިކަމާ ގުޅިގެން އިއްޔެ ވަނީ ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ދަތުރުކުރާ ބަހާދަރު ބޯޓުން ކުޅުދުއްފުއްޓަށް ފޭބި ބިދޭސީން ބަލައި ފާސްކޮށްފަ އެވެ.

އިމިގްރޭޝަނުން ބުނީ، ގަވާއިހިލާފަށް އުޅޭ ބިދޭސީން މާލެ ދޫކޮށް ރާއްޖޭގެ އެކި ރަށްރަށަށް ދާކަމުގެ ރިޕޯޓު ލިބެމުންދާ ކަމަށެވެ. އަދި އިއްޔެ ލިބުނު މައުލޫމާތަކާއެކު ކުޅުދުއްފުއްޓަށް އައި ބަހާދަރު ބޯޓުގައި ތިބި ބިދޭސީން ބަލައި ފާސްކުރި ކަމަށް އިމިގުރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން ބުނީ އެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ފުލުހުންނާ ގުޅިގެން ކަމަށެވެ.

އެ މަސައްކަތުގެ ތެރެއިން ބޯޓުގައި ދަތުރުކުރި ބިދޭސީންގެ ތެރެއިން ގަވާއިދާ ހިލާފަށް ތިބި 9 މީހުންނަށް ނޯޓިސްދީ، އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގައިފައިވާ ކަމަށާއި ބަހާދަރު ބޯޓުގެ ކެޕްޓަންއަށް ލިއުމުން ނަސޭހަތް ދީފައިވާނެ ކަމަށެވެ.

މާލޭ ސަރަހައްދުގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން އިމިގްރޭޝަން އޮޕަރޭޝަންތައް ފެށުމުން ފިލައިގެން އުޅޭ ގިނަ އަދަދެއްގެ ބިދޭސީންގެ މަންޒިލަކަވީ ކުޅުދުއްފުއްޓެވެ. ދަތުރުފަތުރު ފަސޭހަވުމާއި އެހެން ރަށްރަށަށް ފިލައިގެން ދިޔުމަށެވެ.

އިމިގްރޭޝަނުން ބުނީ، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ އޮޕަރޭޝަން މާލެ ސަރަހައްދުގައި ކުރިއަށްގެންދަން ފެށުމުން ކުޅުދުއްފުއްޓަށް ބިދޭސީން ފިލަންދާކަމުގެ މައްސަލަ އިމިގްރޭޝަނަށް ހުށަހެޅިފައިވާ ކަމަށާއި އެހެންވުމުން ކަމާ ގުޅުން ހުރި އިދާރާތަކާއެކު މާލެއިން ކުޅުދުއްފުއްޓާ ދެމެދު ދަތުރުކުރާ ބޯޓްފަހަރުތަކުން އަންނަ ބިދޭސީން ބަލައި ފާސްކުރަން ފަށާފައިވާ ކަމަށެވެ.

އަދި ގަވައިދާ ހިލާފަށް އަންނަ ބިދޭސީންނަށް ނޯޓިސްދީ ކަމާ ގުޅުން ހުރި އިދާރާތަކާއެކު ފިޔަވަޅުތައް އަޅަމުންގެންދާނެ ކަމަށް އިމިގްރޭޝަނުން މައުލޫމާތުދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355