އިންޑިއާއިން ދާއިމީ ގޮތަކަށް ކުޅުދުއްފުށީ ޕޯޓަށް ޕެރިޝަބަލް މުދާ އެތެރެކުރެވޭ ގޮތް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޑެޓްގެ ސީީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވީ ކުޅުދުއްފުށީ ޕޯޓަށް ފަސޭހައިން ބޯޓުފަހަރު ގާތްކުރެވޭގޮތަށް ޖެޓީ ހެދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި ތަރައްގީއަށް ކުރެވޭ މަސައްކަތުގެ ދަށުން ދާއިމީކޮށް ޕެރިޝަބަލް މުދާ ގެނައުމަށްވެސް މަސައްކަތް ކުރަމުންދާކަމަށެވެ.
އެގޮތުން މިމަސް ނިމުމުގެ ކުރިން ނުވަތަ އަންނަ މަހުގެ ކުރީކޮޅު އިންޑިއާއިން ދާއިމީގޮތެއްގައި އެފަދަ މުދާ ގެނެވޭނެ އިންތިޒާމް ހަމަޖައްސަމުންދާކަމަށާއި ނަމަވެސް އެކަން ކުރާނީ ކުޅުދުއްފުށީ ވިޔަފާރިވެރިންގެ މަޝްވަރާއާއެކުކަމަށް އޭނާ ވިދާޅުވިއެވެ.
"އިންޑިއާއިން މުދާ ގެންނަން ފެށުމުން އެ ސަރަހައްދުގެ ރައްޔިތުންނަށް އަގުހެޔޮކޮށް މުދާ ލިބޭނެ. ވިޔަފާރަވެރިން ބޭނުންނަމަ ކޮންމެ 10 ދުވަހަކުން ބޯޓުން މުދާ ގެންދާނެ ގޮތް ހަމަޖެއްސޭނެ." ސީީއީއޯ ވިދާޅުވިއެވެ.
ކުޅުދުއްފުށީ ރީޖަނަލް ފޯޓް-ރީޑެވެލޮޕްކޮށް ވޯކްޝޮޕެއް ހަދަން އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 2022 ވަނަ އަހަރު ޖެނުއަރީ މަހުގެ ތެރޭގަ އެވެ. ނަމަވެސް މި ސަރުކާރުން ހަވާލުވުމަށްފަހު އެތަށް ބޯޓު ޔާޑެއް ހެދުމަށް ވަނީ ނިންމާފަ އެވެ.
ކުޅުދުއްފުށި ރީޖަނަލް ޕޯޓުގެ ރީޑިވެލޮޕްމަންޓް މަޝްރޫއުގެ ދަށުން، ފަޅު ފުންކުރުމާއި އައު މަގަތު ފާލަމެއް ހެދުމުގެ އިތުރުން ރިވެޓްމަންޓް ޖެހުމާއި ނެރުބައްތި ޖެހުން ހިމެނެއެވެ. އަދި އެޑްމިނިސްޓްރޭޓިވް އިމާރާތެއް ގާއިމުކުރުމާއި ވޯކްޝޮޕް އިމާރާތެއް ގާއިމުކުރުމާއި އެންވަރަމެންޓަލް އިމްޕެކްޓް އެސަސްމެންޓެއް ހެދުމަށް ހަވާލުކުރީ އެމްޓީސީސީ އާއި އެވެ.
We are delighted to sign with @MTCCPlc for the Re-development of Kulhudhuffushi Regional Port & Development of Thinadhoo Regional Port - Phase II pic.twitter.com/xmGukJvgZl
— Maldives Ports Limited (@Portmv) January 27, 2022
ކުޅުދުއްފުށީ ރީޖަނަލް ޕޯޓުގެ މަސައްކަތް އެއިރު އެމްޓީސީސީއާއި ހަވާލުކުރީ 495 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. އެއީ 138،980،244.28 ރުފިޔާގެ މަޝްރޫއެކެވެ.
ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ވިދާޅުވީ ކުޅުދުއްފުށީ ޕޯޓަށް މިވީ 19 ވަރަކަށް އަހަރުތެރޭ އެއްވެސް ތަރައްގީއެއް އައިސްފައިނުވާކަމަށެވެ. އަދި އެތަން ހިންގަމުން އައިސްފައިވަނީ ގެއްލުމުގައި ކަމަށެވެ. އެހެންނަމަވެސް އެ ޕޯޓަކީވެސް ފައިދާ ލިބޭނެ ތަނަކަށް ހެދުމަށް މިހާރު މަސައްކަތްތައް ފަށާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން ކުޅުދުއްފުށީ ޕޯޓުގައި ބޯޓު ޔާޑެއް ހިންގުމުގެ މަސައްކަތްތައް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށާއި އެތަން ހާއްސަކުރުމަށް ހަމަޖެހިފައިވަނީ ފައިބަރުން ބޯޓު ބަނުމަށްކަމަށް ވަޖީހު ވިދާޅުވިއެވެ.
އިންޑިއާގެ ޓުޓިކޮރިންއިން އައްޑޫ ސިޓީއަށް އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި ނުވަތަ ޕެރިޝަބަލް ކާގޯ އިންޑިއާގެ ފައިނެސް ގްރޫޕް މެދުވެރިކޮށް މިދިޔަ ޖުލައި މަހުން ފެށިގެން ދަގަނޑު ބޯޓުތަކުގައި ދާއިމީ ގޮތެއްގައި ޕެރިޝަބަލް ކާގޯ ގެނެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.
އެގޮތުން ފުރަތަމަ ބޯޓް 150 ޓަނުގެ މުދާހިފައިގެން އައްޑޫސިޓީއަށް ބަނދަރުކޮށްފައިވަނީ މި އަހަރުގެ ޖުލައި މަހުގެ 10 ވަނަ ދުވަހުއެވެ. އެމްޕީއެލްއިން ބުނީ، ފުރަތަމަ ދުވަސްކޮޅު އައްޑޫއިން ތަރުހީބު ނުލިބުނުނަމަވެސް މިހާރު އައްޑޫއިން މާކެޓް ލިބި ވިޔަފާރިވެރިންގެ ތަރުހީބު ލިބެމުން އަންނަކަމަށެވެ.