މެޕްސް ކޮލެޖުން މޯލްޑިވްސް އައިލެންޑް އޭވިއޭޝަން ސަރވިސެސް ލިމިޓެޑާ އެކު މެމޮރަމްޑަމް އޮފް އަންޑަސްޓޭންޑިންގް (އެމްއޯޔޫ) އެއްގައި ސޮއިކޮށްފި އެވެ.
އެއް އަހަރު ދުވަހުގެ މުއްދަތަށް ސޮއިކުރެވުނު މި އެމްއޯޔޫގެ ދަށުން މޯލްޑިވްސް އައިލެންޑް އޭވިއޭޝަންގެ މުވައްޒަފުންނަށް މެޕްސް ކޮލެޖުން ހިންގާ ބައެއް ކޯސްތަކުގައި ހާއްސަ ޑިސްކައުންޓަކާއެކު ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ.
އޭގެތެރޭގައި، އެޑްވާންސްޑް ސެޓްފިކެޓް ކޯސްތަކާއެކު މެޕްސް ކޮލެޖުން އަލަށް ތައާރަފްކުރި މާސްޓަރސް ކޯސްތައް ވެސް ހިމެނެއެވެ. މީގެއިތުރުން އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން އިތުރަށް ތަމްރީނު ބޭނުންވާ މުވައްޒަފުންނަށް އެ މުވައްޒަފުންގެ ޓެކްނޮލޮޖީ ހުނަރުތައް ޒަމާނާ އެއްގޮތަށް އިތުރަށް ތަރައްޤީ ކުރުމުގެ ފުރުސަތު ވެސް މި އެމްއޯޔޫގެ ދަށުން މަގުފަހި ވެގެންދާނެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހަވީރު މޯލްޑިވްސް އައިލެންޑް އޭވިއޭޝަންގެ ހުވަނދުމާ ލައުންޖުގައި ބޭއްވި ރަސްމިއްޔާތުގައި މި އެމްއޯޔޫގައި މެޕްސް ކޮލެޖުގެ ފަރާތުން ސޮއި ކުރެއްވީ މެޕްސް ކޮލެޖުގެ ވައިސް ރެކްޓަރ-އެޑްމިނިސްޓްރޭޓިވް އެފެއަރސް އައިމިނަތު ޢަބްދުލް ވާޙިދެވެ. މޯލްޑިވްސް އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް އިޔާސްއެވެ.
އައިލެންޑް އޭވިއަޝަންގެ މުވައްޒަފުން އުފެއްދުންތެރި ބަޔަކަށް ހެދުމަކީ އެ ކުންފުނިން ވަރަށް ބޮޑު އިސްކަމެއްދޭ ކަމަކަށް ވާއިރު މި ސޮއިކުރެވުނު އެމްއޯޔޫގެ ދަށުން ބޭނުންތެރި ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް އިޔާސް ފާހަގަކުރެއްވިއެވެ.
މި އެމްއޯޔޫގެ ދަށުން މެޕްސް ކޮލެޖް އަދި އައިލެންޑް އޭވިއޭޝަން ކުންފުންޏަށް ވެސް ވަރަށް ފައިދާކުރުވަނިވި ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް މެޕްސް ކޮލެޖުގެ ވައިސް ރެކްޓަރ ވަނީ ވިދާޅުވެފައެވެ. އެގޮތުން ސޮއި ކުރެވުނު އެމްއޯޔޫގެ އެހީގައި މޯލްޑިވްސް އައިލެންޑް އޭވިއޭޝަންގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މަތީ ތައުލީމު އުނގެނުމަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވައިސް ރެކްޓަރ ވަނީ ވިދާޅުވެފައެވެ. ހުޅުވާލެވިފައިވާ ޑިސްކައުންޓު ޕްލޭންގެ ދަށުން އެ ކޮލެޖުގެ ކޯސްތަކުގައި ބައިވެރިވާ ދަރިވަރުންނަށް ކޯސް ފީ ދެއްކުމުގައި ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވެސް ވައިސް ރެކްޓަ ވަނީ ވިދާޅުވެފައެވެ.
މެޕްސް ކޮލެޖުން ކައިރި މުސްތަޤްބަލެއްގައި އޭވިއޭޝަން މެނޭޖްމަންޓްގެ މާސްޓަސް ކޯހެއް ފެށުމުގެ ތައްޔާރީތައް ވަމުން އަންނަކަމަށާއި މިއީ އޭވިއޭޝަން ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރަން ބޭނުންވާ ފަރާތްތަކަށް ވަރަށް މުހިއްމު ފުރުސަތަކަށް ވާނެ ކަމަށް ވައިސް ރެކްޓަރ ވަނީ ފާހަގަކުރައްވާފައެވެ. ހަމައެއާއެކު ސޮއިކުރެވުނު އެމްއޯޔޫގެ ދަށުން އައިލެންޑް އޭވިއޭޝަންގެ މުވައްޒަފުންނަށް ކުރިމަގުގައި މި ކޯސް ކިޔެވުމުގައި ލުއިފަސޭހަތަކެއް ލިބޭނެ ކަމަށް ވައިސް ރެކްޓަރ ވިދާޅުވެފައިވެއެވެ.
މެޕްސް ކޮލެޖަކީ 2019 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ހުއްދައާއެކު އޮންލައިންކޮށް ގިނަ ކޯސްތައް ކާމިޔާބުކަމާއި އެކު ހިންގަމުން އަންނަ ކޮލެޖެކެވެ. ލުއި ފަސޭހަކަމާއެކު އާއްމުންނަށް މަތީ ތަޢުލީމުގެ ޚިދުމަތް ދެމުން އަންނަ މެޕްސް ކޮލެޖުން އާއްމުންނަށް ޚިދުމަތް ފޯރުކޮށްދެމުން އަންނަތާ 25 އަހަރު ވަނީ ވެފައެވެ.