twitterviber whatsapp telegramfacebookyoutube instagram
18th October 2024

ޓެކްސް ބޮޑުކުރިއަސް ވަކަންކުރާ ކުންފުނިތައް ބަންދުނުކުރާނަމަ ފައިދާއެއް ނުވާނެ: ސިޔާމް

ނަބީލާ އިސްމާޢީލް
Oct 16, 2024

ޓެކްސް ކިތަންމެ ބޮޑުކުރިނަމަވެސް ވަކަން ކުރާ ކުންފުނިތައް ނުހުއްޓުވާ، ދައުލަތުގެ ހަރަދުތައް ކުޑަނުކޮށް ފައިދާއެއް ނުވާނެކަމަށް މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ޓީޖީއެސްޓީ ބޮޑުކުރަން ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ވާހަކަދައްކަވަމުން ސިޔާމް ވިދާޅުވީ ރާއްޖޭގައި މިހާރު ވެސް ޓެކްސް ނަގަމުން އަންނަނީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުން ޓެކްސް ނަގާ މިންވަރަށްވުރެއް އެތަށްގުނައެއް ބޮޑުކޮށް ކަމަށެވެ.

ރާއްޖޭގައި މިހާރު ވެސް ރައްޔިތުންނަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް ޓެކްސް ނަގާ ކަމަށާއި ނަމަވެސް އެކަމުން ވާ ފައިދާއެއް ނެތް ކަމަށެވެ. ސިޔާމް ވިދާޅުވީ ނަގާ ޓެކްސްގެ ހަގީގީ ފައިދާ ކުރާނީ ހަރަދުތައް ކުޑަކުރެވިގެން ކަމަށެވެ.

"އަޅުގަނޑުމެން މި ޓެކްސް އިތުރަށް 10 ގުނަ ޖެއްސިޔަސް، 100 ގުނަ ޖެއްސިޔަސް އަދި 1،000 ގުނަ ޖެއްސިޔަސް މިއަކުން ކުރާނެ ރާހަތެއް ނޯންނާނެ. އަޅުގަނޑުމެން ކުރަންވީ އެންމެ މުހިންމު ކަމަކީ އަޅުގަނޑުމެންގެ ހަރަދުތައް ކުޑަކުރުން، ގައުމަށް ލިބޭ ލާރި ވެސް ލިބޭ. އެހެންނަމަވެސް މި ލިބޭ ޓެކްސްގެ ތެރެއިން ފަސް ބިލިއަން ލިބެންޏާ ދެ ބިލިއަން އަޅާލަނީ ކަނޑަށް" ސިޔާމް ވިދާޅުވި އެވެ.

ސިޔާމް ވިދާޅުވީ، މިދިޔަ 50 އަހަރު ތެރޭ ވެރިކަން ކުރެއްވި ހުރިހާ ރައީސުން ވެސް އެތައް ކުންފުންޏެއް އުފައްދާފައިވާ ކަމަށެވެ. އެކަމަކު، މިފްކޯއިން އެކަނި ވެސް މިދިޔަ އަހަރު ފަސް ބިލިއަން ރުފިޔާގެ ގެއްލުންވިކަމަށް ސިޔާމް ވިދާޅުވިއެވެ. އަދި، މޯލްޑިވިއަންއަށް ވެސް އެއް ބިލިއަން ޑޮލަރެއްހާ ފައިސާގެ ގެއްލުންވިކަމަށް އޭނާ ވިދާޅުވިއެވެ. އެއީ، ރައްޔިތުންގެ ޓެކްސް ފައިސާ ކަނޑަށް އަޅާލުން ކަމަށް ސިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގައި މިވަގުތު ހުރި ގިނަ ކުންފުނިތަކުން ވަނީ ގެއްލުން ކަމަށާއި އެއީ ޓެކްސްޕޭޔަރުންގެ ފައިސާ "ކަނޑަށް އެޅުން" ކަމުގައި އޭނާ ސިފަކުރެއްވި އެވެ.

އޭނާ ވިދާޅުވީ މިވަގުތުން ވަގުތަށް ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ މިފަދަ "ޖަރީމާ ކުންފުނިތައް" އުވާލުން ކަމަށެވެ.

"މިއުޅެނީ ޓެކްސް ނަގާލެއް މަދުވެގެންނެއް ނޫން. ލިބޭ އެއްޗެއް މަދުވެގެނެއް ވެސް ނޫން. މިގޮތަށް ޓެކްސް ބޮޑުކުރާ ނަމަ ވާނެ ގޮތެއް އެބަ ވިސްނަން ޖެހޭ. އެހެންނޫނީ މި ގައުމު އިނދަޖެހިގެން ދާނީ އަޅުގަނޑުމެންގެ އަންނަން އޮތް ޖީލަށް ކެތް ނުކުރެވޭ ވަރަށް،" ސިޔާމް ވިދާޅުވި އެވެ.

ސިޔާމް ވިދާޅުވީ، އަވައްޓެރި ސްރީލަންކާ ބަނގުރޫޓުވީ ވެސް އެ ފަދަ އިސްރާފުތަކުގެ ސަބަބުން ކަމަށެވެ. އެ ގޮތުން، އެ ގައުމު ބަނގުރޫޓު ވީއިރު 1،000 ކުންފުނި އޮތް ކަމަށް އެނާ ފާހަގަކުރެއްވިއެވެ.

ސިޔާމް ވިދާޅުވީ ޓެކްސް ނަގަން އޭނާ ދެކޮޅު ނޫން ކަމަށާއި ނަމަވެސް އެ ނަގާ ފައިސާ ރަނގަޅު ގޮތުގައި ބޭނުން ކުރަން ޖެހޭ ކަމަށެވެ.

ސަރުކާރުން ހުށަހެޅި އިސްލާހުގައި ބުނާގޮތުން އަންނަ އަހަރުން ފެށިގެން ކުރިން ހަ ޑޮލަރު ދައްކަމުން އައި ތަންތަނުން 12 ޑޮލަރު ދައްކަން ޖެހޭނެ އެވެ. އަދި ތިން ޑޮލަރު ދައްކަމުން އައި ތަންތަނުން ހަ ޑޮލަރު ދައްކަން ޖެހޭނެ ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ. މިއީ ކުރިން ދައްކަމުން އައި އަދަދަށް ވުރެ 100 ޕަސެންޓު އިތުރު އަދަދެކެެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355