twitterviber whatsapp telegramfacebookyoutube instagram
16th September 2026

ރައްޔިތުންނާ ގުޅިގެން ހިތްގައިމު ސާފު ސިޓީއަކަށް ހެދުމަށް 'ސިޓީ ކުލުނު' އިފްތިތާހްކޮށްފި

Sep 15, 2026
ކުޅުދުއްފުށި ސިޓީ

ކުޅުދުއްފުއްޓަކީ މިހާރަށްވުރެ ހިތްގައިމު ސާފު ސިޓީއަކަށް ހެދުމަށް ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތް ފުޅާކޮށް، ރައްޔިތުންނާ ގުޅިގެން މަސައްކަތްކުރުމަށް 'ސިޓީ ކުލުނު' އިފްތިތާހްކޮށްފި އެވެ.

'ސިޓީ ކުލުނު' އިފްތިތާހްކުރެއްވި މިއަދު ހެނދުނު އެކަމަށްޓަކާ ބޭއްވި ހާއްސަ ހަފްލާއެއްގައި މޭޔަރު މުހައްމަދު އާތިފެވެ. މި ހަފްލާގައި ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންގެ އިތުރުން މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންވި އެވެ.

'ސިޓީ ކުލުނު'ގެ މި އިނިސިއެޓިވްއަކީ އާންމު ޝަކުވާ އަދި މުނިސިޕަލް މައްސަލަތައް ރައްޔިތުންނާއި ގާތުން ރިޕޯޓުކޮށް ބެލެހެއްޓުމަށް ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތަށް އިތުރުވި ބޮޅެކެވެ. އަދި ކައުންސިލްގެ އަމާޒަކީ ނިޒާމީ ގޮތެއްގައި އިތުރު ފުރުސަތުތައް ގާއިމުކޮށް މިފަދަ އިތުރު ވަސީލަތްތައް ތައާރަފު ކުރުން ކަމުގައި ކައުންސިލުން މައުލޫމާތުދެ އެވެ.

އެގޮތުން މައްސަލަތައް ހުށަހަޅާނީ ސިޓީ ކައުންސިލްގެ 'ސިޓީ ކުލުނު' ގެ ވައިބާ ނަންބަރު 7661621 އަށެވެ.

މިވަގުތު 'ސިޓީ ކުލުނު'ގެ ވައިބާ ނަންބަރު މަސައްކަތް ކުރާނީ ރައްޔިތުންގެ ފަރާތުން ހުށަހެޅޭ ކަންކަން ސިޓީ ކައުންސިލާ ހަމައަށް ވާސިލުވާ މެދުވެރިއެއްގެ ގޮތުގައި ނަމަވެސް ރިޕޯޓު ކުރެވޭ އެކިއެކި މައްސަލަތައް ކައުންސިލްގެ މުވައްޒަފުން އެކަމަކާ ގުޅޭ ސެކްޝަނަކަށް ސިސްޓަމެޓިކް ގޮތެއްގައި ރޫޓުކޮށް ބަަލަމުންދާނެ އެވެ. އަދި ހުށައެޅޭ މައްސަލަ ރަޖިސްޓްރީވުމުންނާއި، މައްސަލަ ހައްލުވުމުން އެސްއެމްއެސް މެދުވެރިކޮށް ހުށަހަޅާ ފަރާތަށް ލިބިގެންދާނެކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ.

'ސިޓީ ކުލުނު'ގެ ވައިބާ މެދުވެރިކޮށްް ހުށަހެޅޭނެ ބައެއް މައްސަލަތައް:

● ސްޓޭޑިއަމްގެ އިޖުތިމާއީ މަރުކަޒާ ގުޅޭ މައްސަލަ، މަގުމައްޗާއި އާންމު ތަންތާގައި ތަކެތި ބެހެއްޓުމާ ގުޅޭ މައްސަލަ.

● އިމާރާތް ކުރުމުގައި ސަލާމަތީ މިންގަނޑުތަކާ ހިލާފުވުނުގެ މައްސަލަ، މަގު ބަންދު ކުރުމާ ގުޅޭ ކަންކަން.

● ސިޓީ ކައުންސިލުން ބަލަހައްޓަމުން ގެންދާ ޑަސްޓްބިން ތަކާ ގުޅޭ މައްސަލަ، އާންމު ފާހާނާ ތަކާ ގުޅޭ މައްސަލަ.

● ޕާކު އަދި އާންމު ސަރަހައްދުތަކުގައި ހައްދާފައިވާ ގަސްތަކާ ގުޅޭ މައްސަލަ.

● ރަށުގެ އާންމު ސާފުތާހިރުކަމާ ގުޅޭ މައްސަލަ.

● ބޭނުން ނުކޮށް ދޫކޮށްލާފައިވާ އުޅަނދުތަކާ ގުޅޭ މައްސަލަ.

● ޕާކު އަދި އާންމު މައިޒާންތަކަށް ލިބިފައިވާ ގެއްލުންތަކާއި އަދި ސާފުތާހިރުކަމާ ގުޅޭ މައްސަލަ.

● މަގު ބައްތި އާ ގުޅޭ މައްސަލަ އަދި ތިމާވެއްޓާ ގުޅޭ މައްސަލަ.

މިފަދަ މައްސަލަ ހުށައެޅުމަށް ހަމައެކަނި ދިމާވި މައްސަލައިގެ ފޮޓޯ ތަނުގެ ތަފްސީލާއިއެކު (މަގު، ގެ، ނުވަތަ ފާހަގަކުރެވޭ ހާއްސަ ތަނެއް) 'ސިޓީ ކުލުނު' ގެ ވައިބާ ނަންބަރު މެދުވެރިކޮށްް ރިޕޯޓު ކުރެވޭނެ އެވެ.

'ސިޓީ ކުލުނު'ގެ މުހިންމުކަން

'ސިޓީ ކުލުނު' ވައިބާ ނަންބަރަކީ ރައްޔިތުންނަށް ދިމާވާ އާންމު މައްސަލަތަކުގެ ފޮޓޯއާއި ކުރު މެސެޖު ފޮނުއްވުމަށް ހާއްސަ ކުރެވިފައިވާ ނަންބަރެކެވެ. އިތުރު ޝަކުވާއާއި ކަންބޮޑުވުންތައް ހުށަހެޅުމަށް ، ކުރިއެކޭވެސް އެއްފަދައިން 1621 އަށް ގުޅައިގެން ނުވަތަ އޮފީހަށް ވަޑައިގަންނަވައިގެން، އަދި 'ކުންބުޓި' ޕޯޓަލް މެދުވެރިކޮށް ކުރިއަށް ގެންދެވޭނެކަމަށްވެސް ސިޓީ ކައުންސިލުން ބުނެ އެވެ.

ކައުންސިލުން ބުނީ، 'ސިޓީ ކުލުނު' ގެ ސަބަބުން ރައްޔިތުންގެ މައްސަލަތައް ފަސޭހަކަމާއެކު ކޮންމެ ތަނެއްގައި ހުރެގެންވެސް ކައުންސިލަށް ހުށަހެޅޭނެ އެވެ. އަދި ހަމައެއާއެކު ވައިބަރ އަކީ ހުރިހާ އުމުރެއްގެ ރައްޔިތުންނަށް ބޭނުންކުރަން ފަސޭހަ އަދި މަގުބޫލު މީސް މީޑިޔާގެ މަންސައެއް ކަމަށްވުމުން ގިނަ ރައްޔިތުންނަށް މިހާރަށްވުރެ އަވަސް ގޮތެއްގައި ދިމާވާ މައްސަލަތައް ކައުންސިލާ ހިއްސާކުރެވޭނެކަމަށެވެ

މި މަސައްކަތުގައި ރައްޔިތުންގެ އެއްބާރުލުމާއި ފަރުދީ ޒިންމާ އަދާކޮށް، އަަމާންް، ފެހި، ރީތި ސިޓީ އަކަށް ހެދުމަށްޓަކާ މަސައްކަތް ކޮށްދިނުމަކީ ސިޓީ ކައުންސިލްގެ ނުހަނު ބޮޑު އެދުމެއްކަމުގައި އެ ކައުންސިލުން މައުލޫމާތުދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293