twitterviber whatsapp telegramfacebookyoutube instagram
18th October 2024

ބީއެމްއެލްގެ ފުރަތަމަ ދިވެހި ސީއީއޯއަކަށް މުހައްމަދު ޝަރީފް

Oct 17, 2024

ބޭންކް އޮފް މޯލްޑިވްސް ( ބީއެމްއެލް)ގެ ޗީފް އެގްޒެކެޓިވް އޮފިސަރގެ މަގާމަށް މުޙައްމަދު ޝަރީފް އައްޔަންކޮށްފިއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ހާމަކުރި ގޮތުގައި ޝަރީފް މަގާމާ ހަވާލުވެވަޑައިގަންނަވާނީ މިއަދުން ފެށިގެންނެވެ. ޝަރީފް އަކީ ބީއެމްއެލްގެ ފުރަތަމަ ދިވެހި ސީއީއޯ އެވެ. މިއީ ބޭންކަށާއި ދިވެހިރާއްޖޭގެ މާލީ ދާއިރާއަށް ހާސިލްކުރެވުނު މުހިންމު ލަނޑުދަނޑިއެއްކަމަށް ބީއެމްއެލްއިން ހާމަކުރެއެވެ.

ޝަރީފަކީ މާލީ ދާއިރާގައި 25 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. މީގެ ތެރޭގައި އެގްޒެކްޓިވް އަދި ބޯޑުލެވަލްގައި 7 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ލިބިވަޑައިގެންފައިވެއެވެ.

ބޭންކް އޮފް މޯލްޑިވްސްގައި މަސައްކަތްކުރެއްވި މުއްދަތުގައި ޝަރީފްވަނީ ބޭންކުގެ ހިންގުން ޒަމާނީ ކުރުމަށާއި ބޭންކުން ހޯދާފައިވާ ކާމިޔާބީގައި ވަރަށް މުހިންމު ދައުރެއް އަދާކޮށްދެއްވާފައެވެ. އެގޮތުން ކޯ-ބޭންކިންގ ސިސްޓަމްތައް ގާއިމުކުރުމާއި، ޑެބިޓް އަދި ކްރެޑިޓް ކާޑު ތައާރަފްކުރުމާއި، ބޭންކުގެ ޚިދުމަތްތައް ޑިޖިޓަލް ކުރުމަށް ކުރެވުނު މަސައްކަތުގެ ދަށުން އިންޓަރނެޓް އަދި މޮބައިލް ބޭންކިންގ، ސެލްފް ސަރވިސް ބޭންކިންގެ އިތުރުން އީކޮމާސް ޕޭމަންޓް ގޭޓްވޭ ތައާރަފްކުރުމުގައި އިސް ދައުރެއް ޝަރީފްވަނީ އަދާކުރައްވާފައެވެ. މިޚިދުމަތްތަކާއެކު ބޭންކުގެ މާލީ ހަލާތު ހަރުދަނާވެ، ޚިދުމަތުގެ ފެންވަރު ރަނގަޅުވެ ޑިޖިޓަލް ޚިދުމަތްތައް ފުޅާކުރުމަށް މަގުފަހިވެގެންދިޔަ ކަމަށް ބީއެމްއެލްއިން ހާމަކުރެއެވެ.

ޝަރީފް ވަނީ ބޭންކުގެ ސްޓްރެޓެޖީ ހާސިލްކުރުމަށް ކުރެވުނު މުހިންމު މަސައްކަތުގެ އިސް މޭސްތިރިއެއްގެ ދައުރު އަދާކުރައްވާފައެވެ. އެގޮތުން ބޭންކުގެ މުހިންމު ޑިޕާޓްމަންތައްކަމަށްވާ އިސްލާމިކް ބޭންކިންގ، ޓެކްނޮލޮޖީ، މާކެޓިންގ، ރީޓެއިލް ބޭންކިންގ އަދި އޮޕަރޭޝަންސް ހިންގެވުމުގައި އިސް ދައުރެއްވަނީ އަދާކުރައްވާފައެވެ.

ޝަރީފް ވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް މެންޗެސްޓަރއިން އެމްބީއޭ ހާސިލްކުރައްވާފައެވެ. މީގެ އިތުރުން ލަންޑަން ބިޒްނަސް ސްކޫލް އިން ސީއީއޯ އިންނާއި ސީނިއަރ އެގްޒެކްޓިވުންނަށް ފަރުމާކޮށްފައިވާ "ސީނިއަރ އެގްޒެކްޓިވް ޕްރޮގްރާމްވެސްވަނީ ފުރިހަމަކުރައްވާފައެވެ. ޝަރީފް ވަނީ 2018 އިން 2020 އަށް އޭޝިއަން ބޭންކަރސް އެސޯސިއޭޝަންގެ ވައިސް ޗެއަރމަންގެ މަގާމްވެސް އަދާކުރައްވާފައެވެ.

ބީއެމްއެލް އިން ވަކިވެވަޑައިގަތުމަށްފަހު ޝަރީފް ވަނީ އެގްޒެކްޓިވް މަގާމުތަކާއި ކޮންސަލްޓެންޓެއްގެ ގޮތުގައި ޕްރައިވެޓް ސެކްޓަރގައިވެސް މަސައްކަތްކުރައްވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355