ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ރާއްޖޭގައި ވޭޕް ބުއިމާއި ވިއްކުމާއި ގެންގުޅުން މަނާ ވެފައިވާތީ، ގާނޫނާ ހިލާފުވާ މީހުން ޖޫރިމަނާކުރިކަން އަންގާނީ ފޯނަށް ފޮނުވާ މެސެޖަކުން ކަމަށް ފުލުހުން ރޭ ބުނެފި އެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އެ ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތް ފުލުހުން ފަށާފައިވާ ކަމަށާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ވިއްކުމާއި ހިލޭ ދިނުމާއި ބެހުމާއި އެކަކު އަނެކަކަށް ދޭ ފަރާތްތަކާ ދެކޮޅަށް ވެސް ހަމަ އެފަދައިން ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.
ފުލުހުން ބުނީ، ގާނޫނާ ހިލާފުވެގެން ޖޫރިމަނާ ކުރެވޭ ފަރާތްތަކަށް އެކަމުގެ މައުލޫމާތު އަންގާނީ މޯބައިލް ފޯނަށް ދާ ކުރު މެސެޖަކުން ކަމަށެވެ. މި މެސެޖުގައި ޖޫރިމަނާ ދެއްކުމަށް ވާރު ޕޭގެ ޕޭމެންޓް ލިންކެއް ހިމެނިފައިވާނެ ކަމަށާއި ފައިސާ ދައްކަން ޖެހޭނީ އެ ލިންކުން ކަމަށެވެ.
އާދިއްތަ ދުވަހު އަމަލުކުރަން ފެށި ގާނޫނުގައި ވާ ގޮތުން ވޭޕްކުރަން ބޭނުންކުރާ އާލާތްތަކާއި އެކަމަށް ތައްޔާރު ކޮށްފައިވާ އުފެއްދުންތައް ރާއްޖެ އެތެރެކޮށްފި ނަމަ 50،000ރ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕްގެ އާލާތަކަށް 10،000ރ.ގެ މަގުން ޖޫރިމަނާ ކުރާނެ އެވެ.
ދުންފަތް ބޭނުންކުރަން އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ވިއްކައިފި ނަމަ 20،000ރ. އިން ޖޫރިމަނާކުރާނެ އެވެ. ވިއްކި ކޮންމެ އެއްޗަކަށް 10،000ރ. ގެ ޖޫރިމަނާއެއްގެ އިތުރުން ހިލޭ ބަހައިފި ނަމަ 10،000ރ. އިން ޖޫރިމަނާކުރަން ގާނޫނުގައި ކަނޑައަޅާފައިވެ އެވެ.
އެފަދަ އެއްޗެއް ވިއްކީ ކުޑަކުއްޖަކަށް ނަމަ އެ މީހެއްގެ ޖޫރިމަނާ 50،000ރ. އަށް ބޮޑުވާނެ އެވެ. އަމިއްލަ މީސްމީހުންގެ ގޭގައި ހިންގާ ސަރުކާރުގެ އޮފީސް އިމާރާތްތަކުގައިި ވެސް ދުންފަތުގެ އިސްތިއުމާލްކުރުން މަނާވާނެ އެވެ.