ކުށުގެ ވެށީން ކުޑަކުދިން ސަލާމަތް ކުރުމަށް ހަދާ ހޯޕް އައިލެންޑް އުތުރުތިލަފަޅަށް ބަދަލުކޮށްފިއެވެ.
ހޯޕް އައިލެންޑަކީ ކުށްތަކަށް އަރައިގަންނަ ކުޑަކުދިން ކުށުގެ މާހައުލުން ދުރުކޮށް، އެ ކުދިން ރަނގަޅު މަގަށް ގެނައުމުގެ ގޮތުން ސަރުކާރުން ހެދުމަށް ނިންމާފައިވާ ރިހެބިލިޓޭޝަން ފެސިލިޓީއެކެވެ.
މީގެކުރިން ސަރުކާރުން ހޯޕް އައިލެންޑް ހަދަން ނިންމާފައި އޮތީ ދ. ވާނީގައެވެ.
ނަމަވެސް، ރައީސް ޑރ. މުޙައްމަދު މުއިއްޒު އިސްލާހުކުރައްވައި، ނެރުއްވި މުހިންމު މަޝްރޫއުތައް ކަނޑައެޅުމުގެ ގަރާރު ވަނީ، ހޯޕް އައިލެންޑް ތަރައްގީކުރާނީ އުތުރުތިލަފަޅުގައި ކަމަށެވެ. އެކަމަށް ބޭނުންވާ 15 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށް އެ ގަރާރުގައިވާއިރު، އެކަމަށް 10 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ގަރާރުގައިވެއެވެ.
އެއާއެކު، ހޯޕް އައިލެންޑު ތަރައްގީ ކުރުމަށް 15 މިލިއަން ޑޮލަރު ހަރަދުވާއިރު، އުތުރުތިލަފަޅުގައި ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސެއް އެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
މީގެކުރިން ސަރުކާރުން ބުނީ، ހޯޕް އައިލެންޑުގައި އެއްފަހަރާ 400 ކުދިން މިތަނުގައި ބައިތިއްބައިގެން ރިހެބިލިޓޭޓް ކުރެވޭނެ ކަމަށެވެ.
ކޮންމެ ދުވަހެއްގެ ފަތިސް ނަމާދުން ފެށިގެން، ދީނުގައި މަޖުބޫރުކުރާ ހުރިހާ ކަމެއް އެ ކުދިން ލައްވައި ކުރުވައި، ރަސްމީ ތައުލީމާއި ކަސްރަތު ކުރުން އަދި އެކި ހުނަރުތައް ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ހިންގުމަށް ވަނީ ނިންމާފައެވެ.
ހޯޕް އައިލެންޑްގައި އުޅޭ ކުދިން 18 އަހަރު ވަންދެން އެތަނުގައި އުޅޭނެއެވެ. އެއަށްފަހު ދިވެހި ފުލުހުން ނުވަތަ ދިވެހި ސަފައިންގެ ހިދުމަތުންކުރެ، ހިދުމަތެއްގައި ވަކި މުއްދަތެއް ވަންދެން އެކުދިން ހިދުމަތް ކުރަންޖެހޭ ގޮތަށް ސަރުކާރުން ވަނީ ނިންމާފައެވެ.