twitterviber whatsapp telegramfacebookyoutube instagram
20th April 2025

500 އަށްވުރެގިނަ ރުއް/ގަހާއެކު އާ ނާސަރީއެއް ސިޓީ ކައުންސިލުން ހުޅުވައިފި

Apr 20, 2025

500 އަށްވުރެ ގިނަ ގަހާއެކު ކުޅުދުއްފުށީގައި އާ ނަސަރީ ހުޅުވައިފި އެވެ. 'ފިނިފެހި' ނާސަރީގެ ނަމުގައި ސިޓީ ކައުންސިލުން ތަރައްގީކުރި މި ނާސަރީ ހުޅުވައިދެއްވީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މޭޔަރާއި ކައުންސިލަރުންނެވެ.

ސިޓީ ކައުންސިލްގެ 'ފިނިފެހިސިޓީ' މި އިނީޝިއޭޓިވްގެ ދަށުން ފިނިފެހި މާދަމާއަކަށްޓަކާ ބޭނުންވާ ގަސް މުޑުވަށްކުރުމުގެ ގޮތުން ހުޅުވި މި ނަސަރީ ގާއިމުކޮށްފައިވަނީ 'ރަށްކޮޅު' އިމާރާތުގަ އެވެ.

ކައުންސިލްގެ ބަޖެޓުން ތަރައްގީކުރި މި ނާސަރީ ހިންގުމުގެ އަމަލީ މަސައްކަތްކުރާނީ ކައުންސިލްގެ މުވައްޒަފުން އެވެ. އެކަމަށް ބޭނުންވާ މުވައްޒަފުން ތަމްރީނުކުރުމަށް ޕްރޮގުރާމްތަކެއް ވަނީ ކުރިއަށްގެންދެވިފައިވާ ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައި އިތުރު ޕުރޮގުރާމްތައް ހިންގުމަށް ހަމަޖެހިފައިވާކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެ އެވެ.

ކައުންސިލް މެންބަރު ރިލްވާން މުހައްމަދު (ރިލޭ) ކޭއޯއަށް ވިދާޅުވީ، މި ނާސަރީގައި 500 އަށްވުރެގިނަ ގަސް ހުންނާނެ ކަމަށާއި އޭގެތެރޭގައި ހިޔާދޭ ގަހާއި ބަގީޗާ އަދި ކާނާ އުފައްދައިދޭ ގަސް ހުންނާނެ ކަމަށެވެ.

މިހާރު އެތަނުގައި ހުރި ގަސްްތަކުގެ ތެރޭގައި 200 ދިވެހި ރުކާއި އަނބު ގަހާއި ސައްކެޔޮ، ބަނބުކެޔޮ، ދަނބު އަދި މަޑިމަސްވަކަރު ފަދަ ގަސްތައް ހިމެނެ އެވެ.

މި ނާސަރީއިން މުޑުވަށްކުރެވޭ ގަސްތައް އިންދުމަށް ހަމަޖެހިފައިވަނީ ރަށުގެ އެކި ހިސާބުތަށް ފިނިކޮށް ފެހި ކުރުމަށްޓަކައެވެ. އަދި ކުރިއަށް އޮތްތަނުގައި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓްތަކުގެ ލޭންޑްސްކޭޕިން ހެދުމަށް ބޭނުންވާ ގަސް މި ނާސަރީއިން ފޯރުކޮށްދެވޭނެކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ.

މި ނާސަރީގައި ކުރީގައި ރަށުގައި ހެދިފައިވާ އަދި މިހާރު ރަށުން އެއްކޮށް ނެތިގޮސްފައިވާ ގަސްތަކާއި، މަދުވަމުންދާކަމަށް ފާހަގަ ކުރެވިފައިވާ ގަސްތަކާއި އަދި ރަށް ފެހި ކުރުމަށް ބޭނުންވާ ގަސްތަށް ހެއްދުމަށް އިސްކަންދީފައިވެ އެވެ. ކައުންސިލުން ބުނީ މި ޕްރޮޖެކްޓަކީ ރަށުތެރެ ފިނިކޮށް ފެހި ކުރުމަށް ކުރެވޭ މުހިންމު މަސައްކަތްތަކުގެ ތެރެއިން، ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވައި، ރަށުގެ ބައިއޯޑައިވާސިޓީ އިތުރު ކުރުމަށް ކުރެވޭ ހާއްސަ އިންވެސްޓްމަންޓެއް ކަމަށެވެ.

މިރަސްމިއްޔާތުގައި މޭޔަރާއި ޑެޕިއުޓީ މޭޔަރު އަދި ކައުންސިލަރުންނާއި ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެލެއްވި އެވެ.

ދިވެހި ރެޑްކުރެސެންޓާ ގުޅިގެންވެސް ސިޓީ ކައުންސިލުން އަންނަނީ ގަހުގެ ނާސަރީއެއް ހިންގަމުންނެވެ. އެ ނާސަރީއަށް ދީފައިވާ ނަމަކީ 'މަލަފެހި' ނާސަރީ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355