ސިޓީ ކައުންސިލުން ގެނައި ރޯޑް ސްވީޕަރ ބޭނުންކޮށްގެން ތާރު އެޅި މަގުތައް ފޮޅައި ސާފުކުރަން ކުރަން ފަށައިފި އެވެ.
އެގޮތުން އަމީނީމަގު ސާފުކުރުމަށް ރޭ ކޮންމެވެސް ވަރަކަށް ރޯޑް ސްވީޕަރ ނެރުނެވެ.
ކައުންސިލަރ ރިލްވާނު މުހައްމަދު(ރިލޭ) ވިދާޅުވީ ތާރު އެޅި މަގުތައް ފޮޅައި ސާފުކުރުމަށް ރޯޑް ސްވީޕަރ ބޭނުންކުރަން ރޭ ފަށާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ސްވީޕަރ ބޭނުންކޮށްގެން ތާރު އެޅި މަގުތައް ސާފުކުރަމުންގެންދަން ނިންމާފައިވަނީ ވަކި ޝެޑިއުލެއްގެ ދަށުން ކަމަށާއި ތާރު އެޅި ހުރިހާ މަގެއް ރޯޑް ސްވީޕަރު ބޭނުންކޮށްގެން ސާފުކުރަން ނިންމާފައިވާ ކަމަށެވެ.
ކައުންސިލްގެ ހަރަދުގައި ގެނެވުނު މި ސްވީޕަރ އިން ކުރެވޭ ބޭނުމަށް ބަލާފައި، އިތުރު ރޯޑް ސްވީޕަރ ގެންނަން ޖެހޭ ކަމަށް ވާނަމަ، އެ މަސައްކަތްވެސް ކައުންސިލުން ކުރާނެ ކަމަށް ރިލޭ ވަނީ ވިދާޅުވެފައެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލުން އަންނަނީ ކުޅުދުއްފުށިތެރެ ސާފުކޮށް ބާއްވައި، ރައްޔިތުންނަށް ދުޅަހެޔޮ މާޙައުލެއް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ރޯޑް ސްވީޕަރ ބޭނުންކުރަން ފެށުމަކީ އެ މަސައްކަތްތަކުގެ ތެރެއިން އިތުރުވި މުހިންމު ފިޔަވަޅެކެވެ.




