ށ މިލަންދޫގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ހިދުމަތް ފަށައިފި އެވެ. މިލަންދޫގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ހިދުމަތް ފެށިއިރު އެއަތޮޅު ފުނަދޫގައިވެސް މިހިދުމަތް ފެށީ މިމަހުގެ ތެރޭގައި އެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. އަދި މި ސިޔާސަތުގެ ދަށުން، މިހާރު ށ. މިލަންދޫ ކައުންސިލުން އައިޑީކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ހިދުމަތް ފަށާފައިވާކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން، ޑީއެންއާރުން ވިދާޅުވިއެވެ.
ޑީއެންއާރުން ވިދާޅުވީ، އައިޑީ ކާޑުގެ ޚިދުމަތް މިލަންދޫގައި ފެށުމާއެކު ރަށުގައި ތިބެގެން އައިޑީ ކާޑު ހެއްދުމުގެ މަގު ރައްޔިތުންނަށް ފަހިވެގެންދާނެ ކަމަށެވެ. ހަމަމިއާއެކު އައިޑީ ކާޑުގެ ހިދުމަތް އަވަސްވެ، ހަރުދަނާވެގެންދާނެ ކަމަށްވެސް ޑީއެންއާރުން ފާހަގަކުރައްވައެވެ.
ID card printing is now available at Sh. Milandhoo Council! Residents of Milandhoo can now receive their ID cards within 24 hours right from the island. pic.twitter.com/KbQh5gDKi9
— Department of National Registration (@dnrmaldives) April 21, 2025
މިލަންދޫއަކީ ށ އަތޮޅުގެ ވެރިކަންކުރާ ރަށް ފިޔަވައި މި ހިދުމަތް ގާއިމުކުރި ފުރަތަމަ ރަށެވެ. މިއާއެކު މިހާރު ރާއްޖޭގެ 18 ރަށަކުން އައިޑީކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ހިދުމަތް އަންނަނީ ދެމުންނެވެ.
އަސާސީ ގިނަ ޚިދުމަތްތަކާ ގުޅިފައިވާ އައިޑީކާޑުގެ ޚިދުމަތް މިއަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ އަމާޒެކެވެ. އަދި މީގެ އިތުރުން ދިވެހިން އާންމުކޮށް ގޮސްއުޅޭ ބައެއް ގައުމުތަކުގައި އައިޑީކާޑްގެ ހިދުމަތް ފެށުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން މެލޭޝިއާއާއި، ސްރީލަންކާއާއި، އިންޑިއާގެ އިތުރުން އިނގިރޭސިވިލާތް ހިމެނެ އެވެ.
އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ރައްޔިތުންނާ ގާތުން ދިނުމުގެ މަސައްކަތް ފައްޓަވާފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ.