ރައްޔިތުންގެ މަޖިލީހުން ލާމަރުކަޒީ ގާނޫނަށް ގެނައި ގޯސް އިސްލާހާ ހެދި ކުޅުދުއްފުށީގައި ހަދަމުން އަންނަ' ޒުވާނުންގެ ނަފުސާނީ ދުޅަހެޔޮކަމުގެ މަރުކަޒަށް' މުވައްޒަފުން ނެގުމުގައި ގޮންޖެހުން ކުރިމަތިވެއްޖެ އެވެ.
ނޮލެޖް ސެންޓަރުގައި ސިޓީ ކައުންސިލުން ތަރައްގީކުރަމުން އަންނަ 'ޒުވާނުންގެ ނަފުސާނީ ދުޅަހެޔޮކަމުގެ މަރުކަޒު' (މަނަސް ހަބް) ގެ މަސައްކަތްތައް ދާދި ނިމުމަކާ ވަނީ ގާތްވެފަ އެވެ. މަނަސް ހަބުގެ އިތުރުން އެތަނުގައި އަންނަނީ ޕަބްލިކް ލައިބްރަރީއެއްވެސް ހިންގަމުންނެވެ.
އެތަނުގެ މަސައްކަތްތައް ބައްލަވާލެއްވުމަށްފަހު މޭޔަރު އާތިފް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް، ހާއްސަކޮށް އެ ގާނޫނުގެ 16 ވަނަ އިސްލާހަށް ގެނައި ބަދަލާއެކު މުވައްޒަފުން ނެގުމުގައި ގޮންޖެހުންތަކާ ކުރިމަތިވަމުންދާ ކަމަށެވެ.
ވިޔަފާރި ކުރުމަށާއި ތަންތަން ކުއްޔަށް ދޫކުރުމަށާއި ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގަން އަދި މުވައްޒަފުން ނަގަން ކައުންސިލުތަކަށް ލިބިދީފައި އޮތް ބާރު ހަނިކުރީ އެކަމާ ދެކޮޅަށް ގިނަ އަދަދެއްގެ ކައުންސިލްތަކުން ދެކޮޅު ހަދަމުންދަނިކޮށްށެވެ.
އިސްލާހުގެ ސަބަބުން ކައުންސިލުގެ ދައުރު ހަމަވާން އެއް އަހަރަށްވުރެ ކުރު މުއްދަތެއް އޮވެއްޖެ ނަމަ އިތުރަށް މުވައްޒަފުންނެއް ނުނެގެ އެވެ. އިސްލާހާއެކު ދެން ކައުންސިލަށް މުވައްޒަފުން ނެގޭނީ ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭ ފިނޭންސް މިނިސްޓްރީން ހަދާ އުސޫލެއްގެ ދަށުން ކަމަށް ބުނެފައިވެ އެވެ. އެކަމަކު އަދިވެސް އެ އުސޫލު ހިއްސާ ކޮށްފައެއް ނުވެ އެވެ.
މިކަމުގެ ސަބަބުން ގިނަ ކައުންސިލްތަކަކުން އަންނަ މަސައްކަތްތައް ހުއްޓުމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހު ފާސްވީ ޕީއެންސީގެ މެންބަރުންގެ ވޯޓާއެކު އެވެ.