ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ މުބާރާތުގެ ކީ ސްޓޭޖް ދެއަކުން ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ޔަމަކް ފަތުހުﷲ ހަސަން ހޯދައިފި އެވެ.
37 ވަނަ ގައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ބޭއްވި މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގަ އެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ހާއްސަ މަގާމުތަކަށް ދިޔަ ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒެވެ. މި ރަސްމިއްޔާތުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި ވަޒީރުން ބައިވެރިވެވަޑައިގެންނެވި އެވެ.
މި މުބާރާތުގައި ކުޅުދުއްފުށީގެ ސްކޫލްތަކުން ހޯދި ވަނަތަކަށް ބަލާއިރު ޔަމަކް ފަތުހުﷲ ހޯދި ކާމިޔާބީގެ އިތުރުން، ބަލައިގެން ކިޔެވުމުގެ ގޮފިން ކީ ސްޓޭޖް 5 އަކުން، ޖަލާލުއްދީން ސްކޫލްގެ އިބުރާހިމް މަލްސޫން މުހައްމަދު ވަނީ ތިންވަނަ ހާސިލްކޮށްފަ އެވެ.
އަދި ސިޓީ ސްކޫލްތަކުގެ ބައިން ބަލައިގެން ކިޔެވުމުގެ ގޮފިން ދެވަނަ ހދ އަތޮޅު ތައުލީމީ މަރުކަޒު ހޯދިއިރު ސިޓީ ސްކޫލްތަކުގެ ބައިން ނުބަލާ ކިޔެވުމުގެ ގޮފިން ތިންވަނަ ޖަލާލުއްދީން ސްކޫލް ހޯދި އެވެ.
މި ރަސްމިއްޔާތުގައި ކީރިތި ގުރުއާން ކިޔެވުމުގެ 37 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތަކަށް ހޮވުނު ބައިވެރިންނަށް ހަނދާނީ ލިޔުމާއި ފައިސާގެ އިނާމާއި ޓްރޮފީ ދެއްވާފައިވެއެވެ.
މީގެ އިތުރުން މުބާރާތުގެ ރަންވަނަތަކަށް ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގެ ފިލަޔާއި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ 1 ލައްކަ ރުފިޔާގެ ފައިސާގެ އިނާމާއި، ރައީސުލްޖުމްހޫރިއްޔާދެއްވާ ޚާއްޞަ އިނާމުތަކާއި، ބޭނުން ރޮނގަކުން ބޭނުން ޤައުމަކުން ޕީ.އެޗް.ޑީއަށް ކިޔެވުމަށް ރައީސުލްޖުމްހޫރިއްޔާދެއްވާ ހާއްސަ ސްކޮލާޝިޕާއި، ކީރިތި ގުރުއާނާބެހޭ ގައުމީ މަރުކަޒާއި މޯލްޑިވްސް ޒަކާތު ހައުސްއާއި އިސްލާމިކް ޑިވެލޮޕްމަންޓް ފަންޑު ހިމެނޭހެން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުންދޭ 75 ހާސް ރުފިޔާގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުމާއި، ޓްރޮފީއާއި އަދި މޯލްވިސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ޢުމްރާ ދަތުރެއް ދީފައިވާކަން ފާހަގަކޮށްލެވެއެވެ.
މި މުބާރާތުގެ ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއްވަނަ ޚާޞިލްކޮށްފައިވަނީ ތަދްރީސުލް ޤުރުއާނުލް ކަރީމްގެ ފަރާތުން ބައިވެރިވި ފާޠިމަތު ޝާޔާ ޒާހިރުއެވެ. މުބާރާތުގެ ނުބަލާ ކިޔެވުމުގެ ގޮފިން، މުޅި މުބާރާތުން އެއްވަނަ ޚާޞިލްކޮށްފައިވަނީ މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލުން ބައިވެރިވި ޢާއިޝަތު ޝަބާއެވެ. އަދި ބަލައިގެން ކިޔެވުމުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ ހައްދުންމަތީ އަތޮޅު ކައުންސިލުން ބައިވެރިވި އަޙްމަދު ޝައިމް ރިޟާއެވެ.