ސަރުކާރުން ބޭނުންވާ ބައެއް މަޝްރޫއުތައް ނުފެށިގެން އުޅެނީ ލޯކަލް ކައުންސިލްތަކާ ހުރެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމުން، އެކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ރައްދު ދެއްވައިފި އެވެ.
ޕީއެންސީގެ އޮފީސް ހުޅުވަން ރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އެތައް ރަށެއްގައި މީގެ ދެ މަސް ނުވަތަ ތިން މަސް ކުރިން ސޮއިކޮށްފައި ހުރި ބައެއް މަޝްރޫއުތައް ފަށައިނުގަނެވިގެން އުޅެނީ ކީއްވެތޯ ބަލާއި އިރު ކައުންސިލުން ބިން ހަވާލުނުކޮށްގެން އުޅެން ޖެހޭ ކަމަށެވެ. ކައުންސިލްގެ އެއްބާރުލުން ނުލިބިގެން ނުފެށި ހުރި މަޝްރޫއުތަކުގެ ތެރޭގައި މިސްކިތް އެޅުމާއި ސްކޫލްތަކާއި ހޮސްޕިޓަލް ތަރައްގީކުރުމުގެ މަޝްރޫއުތައް ވެސް ހިމެނޭ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސްގެ އެ ވާހަކައަށް ރައްދު ދެއްވައި މޭޔަރު ވަނީ ކައުންސިލްތައް ދިފާއު ކުރައްވައިފަ އެވެ. މޭޔަރު ވިދާޅުވީ ރައީސް އެހެން ވިދާޅުވާން ޖެހޭ އޮންނާނީ ތިން ސަބަބެއް ކަމަށެވެ. އެއީ، ހުދު ރައީސަށްވެސް ރައީސްގެ ބާރުތައް ނޭގުން ނުވަތަ ވަޒީރުން ރައީސްއަށް ނުބައި މައުލޫމާތު އެރުވުން
ނޫނީ ހުރިހާ ހަގީގަތެއް އެނގިހުރެ ރައްޔިތުންނަށް އޮޅުވާލުން ކަމަށެވެ.
އެއްވެސް ރަށެއްގެ ކައުންސިލަކުން އެ ރަށަކަށް އަންނަ ތަރައްގީ ހުއްޓުވާނެކަމަކަށް ގަބޫލެއް ނުކުރެވޭ ކަމަށެވެ. ނަމަވެސް މިވަގުތު ރާއްޖޭގަ މި އޮތް ސަރުކާރުން ކައުންސިލްތަކުގެ މަސައްކަތްތަކަށް ހުރަސްއަޅާ ހުއްޓުވާކަން ވަރަށް ސާފުކޮށް ކިތާބީ ހެއްކާއެކު ފެންނާން އެބަހުރި ކަމަށް ވިދާޅުވި އެވެ.
އެގޮތުން މޭޔަރު ވިދާޅުވި ކުޅުދުއްފުށީ ސިޓީ ކައުންސިލުން ރިއަލްއެސްޓޭޓް މޮޑެލްއަށް އަޅަން ނިންމި 150 ހައުސިން ޔުނިޓްގެ މަސައްކަތް ވަނީ މި ސަރުކާރުން ހުއްދަ ނުދިނުމުގެ ސަބަބުން ބީލަމަށް ހުޅުވާނުލެވި ކަމަށެވެ. ދެން ވެސް މޭޔަރު ލިސްޓް ކުރެއްވީ ސަރުކާރާ ހެދި ކައުންސިލަށް ހުއްޓަލަން ޖެހުނު މަޝްރޫއުތަކެވެ. އެއީ؛
- އޮޑި ހަރުގެ އެޅުމަށާއި އެހެނިހެން އިގުތިސާދީ މަސައްކަތަށް ބިން ދޫކުރުން ވަނީ ހުއްޓުވާފައި
- ތެލާއި ގޭހުގެ ވިޔަފާރިއަށް ބިންދޫކުރުމަށް ބީލަންތައް ލިބިފައިވަނިކޮށް އެ މަސައްކަތް ވަނީ ހުއްޓުވާފައި
- ކައުންސިލް ކުންފުނިން ޕްލޭސްކޫލްގެ ހިދުމަތް ފަށަން ތައްޔާރީތައް ވަމުންދަނިކޮށް ގާނޫނުން އެކަން ވަނީ ހުއްޓުވާފައި
- ސިޓީ ކައުންސިލްގެ ސިޓިޒެން މޮނިޓަރިން ޔުނިޓް، މަނަސް ހަބް އަދި ސިޓީ ލޭންޑްސްކޭޕިންނަށް ބޭނުންވާ މުވައްޒަފުން ނެގުން ވަނީ ހުއްޓުވާފައި
- މިސްކިތު ޓްރަސްޓް ފަންޑެއް ހެދުމަށް ކުރި މަސައްކަތް ވަނީ ހުއްޓުވާފައި
މި ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ގެންނަ ބަދަލުތަކުގެ ސަބަބުން ކައުންސިލްތަކުގެ ބާރު ދަށްވެ، ރައްޔިތުންނަށް ދެމުންދާ ހިދުމަތްތަކަށް ބުރޫ އަރާ ކަމަށް ވިދާޅުވެ، އެންމެ ބޮޑަށް ފާޑުވިދާޅުވާ ބޭފުޅަކީ މޭޔަރު އާތިފެވެ. އާތިފް ވަނީ އެކަމުގައި އެކި ފަހަރު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
ލޯކަލް ކައުންސިލް އިންތިހާބު ގާތްވެފައިވާއިރު، ކުޅުދުއްފުށީގައި ސަރުކާރުން ހިންގާ މަޝްރޫއުތައް ހުއްޓިފައި ހުރުމުން އެކަމާ ވެސް ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.




