ސިވިލް ސާވިސްގައި މަސައްކަތް ކުރާ, ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ގޭގައި މަސައްކަތް ކުރެވޭ ގޮތް ހައްދަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ރިޔާސީ ބަޔާން އިއްވަވަމުން، އެ މަނިކުފާނު ވިދާޅުވީ، އެ ފުރުސަތު އަންނަ މާރޗު މަހުން ފެށިގެން ލިބޭނެ ކަމަށެވެ.
"ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންގެ ތެރެއިން ސިވިލް ސާވިސް ވަޒީފާއަށްދާ ބެލެނިވެރިންނަށް ވަޒީފާ އަދާކުރަން ވޯކް ފްރޮމް ހޯމްއަށް ބަދަލުކުރުމުގެ ފުރުސަތު މި އަހަރު މާރިޗު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ލިބިގެންދާނެ" ރައީސް ޑރ. މުހައްމަދު މުއިއްޒު.
ރައީސް ވިދާޅުވީ ތައުލީމީ ދާއިރާގައިވެސް ތަފާތުކުރުން ނުގެންގުޅޭ ސިޔާސަތުގެ ދަށުން، ހުރިހާ ކުދިން ޝާމިލްކޮށްގެން ކިޔަވައިދިނުން އެންމެ ފުޅާ މިނެއްގައި މިއަހަރު ތަންފީޒު ކުރަން ފައްޓަވާނެ ކަމަށެވެ.
އެގޮތުން ކުރާ މުހިންމު އެއް މަސައްކަތަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ގޭގައި ތިބެގެން ވަޒީފާ އަދާކުރެވޭނެ މަގު ތަނަވަސްކޮށްދިނުންކަން ރައީސް ފާހަގަކުރެއްވިއެވެ.
އަނެއް ކަމަަކަށް ފާހަގަކުރެއްވީ، ސްކޫލުގައި ކިޔަވާ އެފަދަ ދަރިވަރުންގެ ނުކުޅެދުންތެރިކަން ހުރި ނިސްބަތާއި، ނަފްސާނީ ހާލަތު ހުރި މިންވަރަށް ބަލައި، ހެދޭ އެސެސްމެންޓެއްގެ މައްޗަށް ބިނާކޮށް، ކަނޑައެޅޭ ވަކި ގަވާއިދުތަކެއް ދަށުން އެކުދިންނަށް ހޯމް ސްކޫލިން ޕާތްވޭ ފަހިކޮށްދިނުމަށް ގާނޫނު އިސްލާހު ކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. އެ ބިލު މަޖިލީހުގެ މިފެށުނު ދައުރުގައި ހުށަހަޅުއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އެފަދަ ކުދިންނަށް ބޭނުންވާ ހާއްސަ ކްލާސްރޫމްތަކާއި، އެކުންގެ ހާލަތަށް ރިއާޔަތްކޮށް ޕްރައިވެސީ ލިބޭނެ ފާހާނާފަދަ ހާއްސަ އެޑިއުކޭޝަނަލް ސަޕޯޓް ފެސިލިޓީތަކާއި، އުނގެނުމާއި އުނގަންނައި ދިނުމަށް ބޭނުން ވަސީލަތްތަކާއި އިތުރު ވަސީލަތްތައް ނެތް ހުރިހާ ސްކޫލެއްގައި އެކަން މިއަހަރުތެރޭ ފުރިހަމަކޮށްދެއްވާނެ ކަމަށެވެ.
އޭގެއިތުރުން، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެކަށީގެންވާ ގޮތެއްގައި އޯލެވެލްއަށް ތައްޔާރުކުރުމުގެ މަސައްކަތް މިއަދު ފަށާއި، ވަކިވަކި މާއްދާތަކަށް ބޭނުންވާ ފޮތްތައް ތައްޔާރު ކުރުމާއި، ޓީޗަރުން ތަމްރީނު ކުރުމުގެ އިތުރުން ގުރުއާން ހިފްޒުކުރުމުގެ މަގުވެސް ތަނަވަސްކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުގެ ސިޔާސަތަކީ ތައުލީމީ ދާއިރާގައިވެސް އަދުލުވެރިކަން ގާއިމްކުރުން. ދިވެހި ކޮންމެ ކުއްޖެއް އަޅުގަނޑު ކުރިމަތީގައި ހަމަހަމަ. އެކުއްޖެއްގެ ކިބައިގައި ހުންނަ ނުކުޅެދުންތެރިކަމުން އެކުއްޖާގެ ހައްގުތަކުން އެކުއްޖާ މަހުރޫމްވެގެން ނުވާނެ،" ރައީސް ވިދާޅުވިއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް 2011 ވަނަ އަހަރުން ފެށިގެން އަންނަނީ އެލަވަންސެއް ދެމުންނެވެ. އަދި، 2023 ވަނަ އަހަރު އެ އެލަވަންސް ވަނީ 3،000 ރުފިޔާއަށް ބޮޑުކޮށްފައެވެ.




