twitterviber whatsapp telegramfacebookyoutube instagram
25th March 2026

އެސްއެމްއީ ޑިޖިޓަލް އިން ކުޅުދުއްފުށީ ވިޔަފާރިވެރިންގެ ގާތަށް

- އެސްއެމްއީ ޑިޖިޓަލް އިން މާޗްމަހުގެ 27-29 އަށް ކުޅުދުއްފުށީގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދަން ވަނީ ނިންމާފައި.

ނަބީލާ އިސްމާޢީލް
Mar 25, 2026

އެސްއެމްއީ ޑިޖިޓަލް އިން ކުޅުދުއްފުށީގެ ވިޔަފާރިވެރިންނާ ގާތުން ބައްދަލުކޮށް، އެ ފަރާތްތަކަށް ހުރި މާލީ ފުރުސަތުތަކާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ހާއްސަ ހަރަކާތްތަކެއް މާޗުމަހުގެ 27 އިން 29 އަށް ކުރިއަށް ގެންދިއުމަށް ހަމަޖައްސައިފި އެވެ. މި ހަރަކާތްތަކުގެ ތެރެއިން ކުޅުދުއްފުށީގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ހޯދުމާއި ވިޔަފާރި ކުރިއެރުވުމާ ގުޅޭ ގޮތުން މައުލޫމާތު ފޯރުކޮށްދޭނެކަމަށް އެސްއެމްއީ ޑިޖިޓަލް އިން މައުލޫމާތުދެ އެވެ.

27 މާރިޗް 2026: ސޭލްސް އެންގޭޖްމަންޓް އިވެންޓް:

މި ހަރަކާތްތަކުގެ ތެރެއިން 27 މާރިޗު ވާ ހުކުރު ދުވަހު ކުޅުދުއްފުށި އެންއޯސީ ލަނގޮނޑި މާލިމީ މާލަމުގައި "ސޭލްސް އެންގޭޖްމަންޓް އިވެންޓް" ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މެންދުރު ފަހު 2:30 އިން ހަވީރު 6:00 އަށް ކުރިއަށްދާ މި ސެޝަނުގައި، ކުދި ވިޔަފާރިތަކަށް ހުރި ފައިނޭންސިންގ ފުރުސަތުތަކާއި، އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށާއި އަންހެން ވިޔަފާރިވެރިންނަށް ހުރި ހާއްސަ ފުރުސަތުތަކުގެ މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، އެސްއެމްއީ ޑިޖިޓަލްގެ ހިދުމަތްތަކަށް އެދި އެޕްލިކޭޝަން ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މުވައްޒަފުންގެ އެހީތެރިކަމާއެކު އެ ފުރުސަތު ވެސް ލިބިގެންދާނެއެވެ.

28 މާރިޗު 2026: އެސްއެމްއީ ޑިޖިޓަލް އިން ހޮނިހިރު ބާޒަރަށް ޒިޔާރަތްކުރުން:

މާރިޗު 28 ވާ ހޮނިހިރުދުވަހު، ހދ. އަތޮޅުގެ ކުދި ވިޔަފާރިތަކުގެ މެދުގައި މަގުބޫލު "ހޮނިހިރު ބާޒާރު" އަށް އެސްއެމްއީ ޑިޖިޓަލްގެ ޓީމުން ޒިޔާރަތްކުރާނެކަމަށާއި މި ޒިޔާރަތުގެ މައިގަނޑު މަގުސަދަކީ އެއްތަނަކުން ގިނަ ވިޔަފާރިވެރިންނާ ބައްދަލުކޮށް، އެ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތައް ދެނެގަތުން ކަމަށް އެފަރާތުން މައުލޫމާތުދެ އެވެ. އަދި ވިޔަފާރިވެރިންގެ ހިޔާލާއި މަޝްވަރާ ހޯދައި، އެ ފަރާތްތަކުން ބޭނުންވާ ފަދަ އުފެއްދުންތައް ފަރުމާކުރުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމަކީ ވެސް މި ޒިޔާރަތުގެ ބޭނުމެކެވެ.

މީގެ އިތުރުން، 28 މާޗު ވާ ހޮނިހިރު ދުވަހު އެސްއެމްއީ ޑިޖިޓަލް އިން ކުދި ވިޔަފާރިތަކަށް ހާއްސަކޮށްގެން އެ ފަރާތްތަކަށް ދިމާވާ މާލީ ދަތިތަކުން އަރައިގަތުމަށް ލޯންޗުކުރާ ފައިނޭންސް ޕްރޮޑަކްޓް "ވޯކިން ކެޕިޓަލް ފައިނޭންސް" ލޯންޗުކުރުން ކުޅުދުއްފުށީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައިވެ އެވެ.

މާޗްމަހުގެ 27 އަދި 28 ގައި ކުރިއަށް ގެންދެވޭ ދެ އިވެންޓަކީ އާންމުކޮށް ހުޅުވާލައިގެން ހުރިހާ އެންމެންނަށް ބައިވެރިވެވޭ ގޮތަށް އެސްއެމްއީ ޑިޖިޓަލް އިން އިންތިޒާމް ކުރާ އިވެންޓްތަކެކެވެ.

މި ދަތުރުގެ އެންމެ ފަހު ހަރަކާތެއްގެ ގޮތުން މާރިޗު 29 ވާ އާދިއްތަ ދުވަހު، ކުދި ވިޔަފާރިތަކަށް ދިމާވާ މާލީ ދަތިތަކުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން "ވޯކިން ކެޕިޓަލް ފައިނޭންސް" ނަމުގައި އާ ފައިނޭންސް ޕްރޮޑަކްޓެއް ކުޅުދުއްފުށީގައި ލޯންޗުކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެސްއެމްއީ ޑިޖިޓަލްއަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ ގޮތުން ދިމާވާ ދަތިތަކަށް ހައްލު ހޯދައި ދިނުމަށް 2019 ވަނަ އަހަރު ގާއިމްކޮށްފައިވާ ކުންފުންޏެކެވެ. ބޭންކް އޮފް މޯލްޑިވްސްގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައި ހަރަކާތްތެރިވާ މި ކުންފުނިން ވަނީ ރާއްޖޭގައި ހަރަކާތްތެރިވާ ކުދި ވިޔަފާރިތަކަށް ބޭނުންވާނެ މާލީ އެހީ ފޯރުކޮށްދިނުމަށް ފުރިހަމަ ފައިނޭންސިންގ ނިޒާމެއް ބިނާކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355