twitterviber whatsapp telegramfacebookyoutube instagram
31st March 2026

ފެންނަނުފެންނަ ވޯޓު ހުއްޓުވޭނެ ގާނޫނީ ހަމައެއް ނެތްކަމަށް ސުޕްރީމް ކޯޓުން ނިންމައިފި

ނަބީލާ އިސްމާޢީލް
Mar 31, 2026

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބޭއްވުމާ ގުޅޭގޮތުން އަންނަ ހޮނިހިރު ދުވަހު ނެގުމަށް ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓުގައި އަހާ ސުވާލަކީ ޤާނޫނުއަސާސީއާ ތަޢާރުޟުވާ ސުވާލެއް ނޫންކަމަށް ކަނޑައަޅައި، އެ ވޯޓު ހުއްޓުވަންޖެހޭ އެއްވެސް ޝަރުޢީ ސަބަބެއް ނެތްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާޤުން މިގޮތަށް ނިންމަވާފައި ވަނީ، ރައްޔިތުންގެ ގާތުން ރައީސުލްޖުމްހޫރިއްޔާ އައްސަވާ ސުވާލުގެ ސަބަބުން ނުކުންނާނެ ނަތީޖާ އޮޅޭކަމަށް ބަޔާންކޮށް، އެ ސުވާލަކީ ބާތިލު އެއްޗެއްކަމަށް ކަނޑައަޅައިދިނުމަށް އެދި ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ނިސްބަތްވާ ދެ ޤާނޫނީ ވަކީލުންކަމުގައިވާ އައިކު އަޙުމަދު އީސާ އަދި އިބްރާހީމް ޝިޔާމްގެ ފަރާތުން ހުށަހެޅި ދުސްތޫރީ މައްސަލައިގައެވެ.

މި މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ވަކާލާތުކޮށްފައި ވަނީ، އާއްމު ހިޔާލު ހޯދުމުގެ ވޯޓެއްގައި އަހާނެ ސުވާލެއް އެކުލަވާލުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ އިހުތިޔާރީ ބާރެއް ކަމަށާއި، ސުވާލު އޮންނަންޖެހޭ ވަކި ހާއްސަ އިބާރާތެއް ޤާނޫނުއަސާސީގައި ނުވަތަ ރިފަރެންޑަމް ޤާނޫނުގައި ވެސް ކަނޑައަޅާފައި ނުވާކަމަށެވެ. މީގެ އިތުރުން، އެ ސުވާލުގެ ސަބަބުން ޤާނޫނުއަސާސީގެ 262ވަނަ މާއްދާގެ (ށ) އާ ހިލާފުވަނީ ކޮން ގޮތަކުންކަން ސާބިތުކޮށްދިނުމުގައި ދައުވާކުރި ފަރާތް ނުކުޅެދިފައިވާކަން ހުކުމް އިއްވަވަމުން ކޯޓުން ފާހަގަކުރިއެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވައި ހުކުމް އިއްވެވި ފަސް ފަނޑިޔާރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވަނީ އުއްތަމަ ފަނޑިޔާރުގެ އިތުރުން، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން، ފަނޑިޔާރު ޙުސައިން ޝަހީދު އަދި ފަނޑިޔާރު ޢަބްދުﷲ ޙަމީދެވެ. އުއްތަމަ ފަނޑިޔާރު ނެރުއްވި ރައުޔަށް ބެންޗުގައި ދެން ތިއްބެވި ހުރިހާ ފަނޑިޔާރުން ވަނީ ފުރިހަމައަށް ތާއީދުކުރައްވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355