ކުޅުދުއްފުށީ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާގެ ގޮނޑިވެސް އެމްޑީޕީން ދިފާއުކޮށްފިއެވެ.
މި ގޮނޑިއަށް ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އައިމިނަތު އިބްރާހިމް ވޯޓު ކާމިޔާބު ކޮށްފައިވަނީ ޖުމްލަ 2444 ހޯއްދަވައިގެންނެވެ. ޕީއެންސީން މި ގޮނޑިއަށް ވާދަ ކުރެއްވީ މިހާރުވެސް އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާގެ މަގާމުގައި ހުންނެވި ހަދީޖާ މޫސާ އެވެ. އެގޮތުން ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ހަދީޖާއަށް ލިބިފައިވަނީ 1534 ވޯޓެވެ.
މިހާރުގެ ނަތީޖާ ދައްކާގޮތުގައި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ މެންބަރުންގެ ހުރިހާ ގޮނޑިއެއް ވެސް ކާމިޔާބު ކޮށްފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. އެގޮތުން އުތުރު ދާއިރާގެ ފޮށި ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް ފާތިމަތު މުނާއަށް 458 ވޯޓު ލިބިފައިވާއިރު އެ ދާއިރާގެ ޕީއެންސީ ކެންޑިޑޭޓަށް ލިބިފައިވަނީ 317 ވޯޓެވެ.
ހުޅަނގު އުތުރު ދާއިރާއަށް ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް މާޖިދާ އަލީއަށް 216 ވޯޓު ލިބުނު އިރު އެ ދާއިރާގެ ޕީއެންސީ ކެންޑިޑޭޓް އިހްސާނާ އާދަމްއަށް ލިބިފައިވަނީ 137 ވޯޓެވެ. މެދުއުތުރު ދާއިރާގެ އެމްޑީޕީ މެންބަރު ފާތިމަތު އަބްދުލްހަންނާނަށް ލިބިފައިވަނީ 423 ވޯޓެވެ. އެ ދާއިރާށް ޕީއެންސީން ވާދަ ކުރެއްވީ ފާތިމަތު އަހުމަދަށް ލިބިފައިވަނީ 250 ވޯޓެވެ.
މެދު ދެކުނު ދާއިރާއަށް ވާދަ ކުރެއްވި ހަދީޖާ އަލީ ގޮނޑި ކާމިޔާބު ކޮށްފައިވަނީ 226 ވޯޓުގެ ތަފާތަކުންނެވެ. އެގޮތުން ހަދީޖާއަށް ލިބިފައިވަނީ 432 ވޯޓެވެ. އެ ދާއިރާއަށް ޕީއެންސީން ވާދަކުރެއްވި ކެންޑިޑޭޓް ނާދިރާ އިބްރާހީމަށް ލިބިފައިވަނީ 205 ވޯޓެވެ. ހުޅަނގު ދެކުނު ދާއިރާގެ މެންބަރު ޔުމްނާ އަލީ ގޮނޑި ކާމިޔާބު ކުރެއްވީ 490 ވޯޓާއެކުއެވެ. ޕީއެންސީން އެ ދާއިރާއިން ވާދަކުރެއްވި އައިމިނަތު ހަސަންއަށް ލިބިފައިވަނީ 257 ވޯޓެވެ.
މިހާރުވެސް އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ފިރާޝާ އިބްރާހިމް ވާދަކޮށްފައިވަނީ އިރުދެކުނު ދާއިރާގެ ގޮނޑިއަށެވެ. އެ ގޮނޑި ފިރާޝާ ކަމިޔާބު ކުރެއްވީ 435 ވޯޓުންނެވެ. އެ ދާއިރާއަށް ޕީއެންސީން ވާދަކުރެއްވީ އަމީނާ މުހައްމަދެވެ. އެ ކެންޑިޑޭޓަށް ލިބިފައިވަނީ 223 ވޯޓެވެ.