ކުޅުދުއްފުށީ ސިޓީ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގައި ޕީޕީއެމް/ޕީއެންސީއަށް އޮތް އަގުލަބިއްޔަތު ގެއްލި، ހުރިހާ ގޮނޑިއެއް އެމްޑީޕީން ކަށަވަރުކޮށްފި އެވެ.
މިދައުރުގައި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާއާއެކު، ޕީއެންސީ/ޕީޕީއެމްގެ ހަތަރު މެންބަރު އެ ކޮމެޓީގައި ތިއްބަވަ އެވެ. އެމްޑީޕީގެ ތިއްބަވަނީ ދެ މެންބަރުންނެވެ. އެއީ އަކްބަރީ މުހައްމަދާއި ފިރާޝާ އިބުރާހިމެވެ.
ކޮމެޓީގައި ތިއްބަވާ މެންބަރުންގެ ތެރެއިން މި އިންތިހާބުގައި ވާދަކުރެއްވީ ކޮމެޓީގެ ރައީސާ ހަދީޖާ މޫސާ އާއި ފިރާޝާ އިބުރާހިމެވެ. އަކްބަރީ ވާދަކުރެއްވީ ކައުންސިލް އަންހެނުންގެ ގޮނޑިއަކަށެވެ. އޭނާ ވަނީ އެ ގޮނޑި ކާމިޔާބުކުރައްވާފަ އެވެ.
އަންހެނުން ކޮމެޓީގެ ރައީސާ ހަދީޖާ މޫސާ ކުރިމަތިލެއްވީ ކޮމެޓީގެ ރައީސާގެ މަގާމަށެވެ. ކުޅުދުއްފުށީގައި ބެހެއްޓި ވޯޓްފޮށިތަކުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ހަދީޖާއަށް ލިބިވަޑައިގެންނެވީ 1667 ވޯޓެވެ. އެގޮނޑި 2684 ވޯޓާއެކު ކާމިޔާބުކުރެއްވި އެމްޑީޕީގެ އައިމިނަތު އިބުރާހިމެވެ.
ފިރާޝާ މިދައުރުގައިވެސް ވާދަކުރެއްވީ އިރުދެކުނަށެވެ. އޭނާ ވަނީ 435 ވޯޓާއެކު އެ ގޮނޑި ކާމިޔާބުކުރައްވާފަ އެވެ. އޭނާ ދެކޮޅަށް ވާދަކުރެއްވި ޕީއެންސީގެ އަމީނާ މުހައްމަދަށް ލިބިވަޑައިގެންނެވީ 223 ވޯޓެވެ.
އަންހެނުން ކޮމެޓިގެ މެންބަރުކަމަށް ވާދަކުރެއްވި ބޭފުޅުންގެ ތެރޭގައި އެންމެ ގިނަ ވޯޓް ލިބިވަޑައިގެންނެވީ ޔުމްނާ އަލީ އަށެވެ. އޭނާއަށް 490 ވޯޓް ލިބިވަޑައިގެންނެވިއިރު އެ ދާއިރާއަށް ވާދަކުރެއްވި އައިމިނަތު ހަސަނަށް ލިބިވަޑައިގެންނެވީ 257 ވޯޓެވެ. އެމްޑީޕީގެ ފާތިމަތު މުނާއަށް 458 ވޯޓް ލިބިގެން ގޮނޑި ކަށަވަރުވެފައިވާއިރު ސާޖިދާއަށް ލިބިވަޑައިގެންނެވީ 317 ވޯޓެވެ.
އެހެން ބައެއް ދާއިރާތަކަށް ބަލާއިރު ހަދީޖާ އަލީއަށް 432 ވޯޓް ލިބިވަޑައިގެންނެވިއިރު އެ ދާއިރާއަށް ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް ނާދިރާ އިބުރާހިމަށް ލިބިވަޑައިގެންނެވީ 206 ވޯޓެވެ. އަދި 431 ވޯޓާއެކު ހުޅަނގު އުތުރުދާއިރާގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓް މާޖިދާ އަލީ ކާމިޔާބުކުރެއްވިއިރު ޕީއެންސީގެ ކެންޑިޑޭޓް އިހްސާނާ އާދަމަށް ލިބިވަޑައިގެންނެވީ 309 ވޯޓެވެ.
މެދު އުތުރުގެ ދާއިރާ ކޮމެޓީގެ ގޮނޑި އެމްޑީޕީގެ ފާތިމަތު ހަނާން ކާމިޔާބުކުރެއްވިއިރު އޭނާއަށް ލިބިވަޑައިގެންނެވީ 423 ވޯޓެވެ. އެ ދާއިރާއަށް ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު އަހުމަދަށް ލިބިވަޑައިގެންނެވީ 250 ވޯޓެވެ.




