ކައުންސިލަށް ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓް ހޯދެއްވީވެސް ރޯޒޭ އާއި ރިލޭ.
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު އަބުދުﷲ (ރޯޒޭ) އާއި ކައުންސިލް މެންބަރު ރިލްވާން މުހައްމަދު (ރިލޭ) ދެވަނަ ދައުރަކަށް އިންތިހާބުވެއްޖެ އެވެ.
4 އެޕްރީލުގައި މުޅި ރާއްޖޭގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި މި ދެ ބޭފުޅުންގެ ގޮނޑު ދިފާއުކުރެއްވީ ވަރަށް ތަނަވަސް އަގުލަބިއްޔަތުންނެވެ.
އެގޮތުން ކުޅުދުއްފުށީގައި ބެހެއްޓިފައިވާ ވޯޓްފޮށިތަކުގެ ނަތީޖާއަށް ބަލާއިރު އެންމެ ގިނަ ވޯޓް ލިބިވަޑައިގެން އިންތިހާބު ކާމިޔާބުކުރެއްވި ރޯޒޭއަށް 480 ވޯޓް ލިބިވަޑައިގެންނެވި އެވެ. އޭނާއާ ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް ސިރާޖް މުހައްމަދަށް ލިބިވަޑައިގެންނެވީ 304 ވޯޓެވެ.
ކައުންސިލަރު މެންބަރުކަމަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ތެރެއިން ދެވަނައަށް އެންމެ ގިނަ ވޯޓާއެކު އިންތިހާބުވެވަޑައިގެންނެވި، ރިލޭއަށް ލިބިލެއްވީ 457 ވޯޓެވެ. އޭނާއާ ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް އަހުމަދު އަބުދުލްރަހުމާންއަށް ލިބިވަޑައިގެންނެވީ، 268 ވޯޓެވެ.




