މިދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީ އަށް ކާމިޔާބު ނުވި ރަށްތަކާއި ސިޓީތަކަށް ވެސް ތަރައްގީގެ މަޝްރޫއުތައް ހަމަހަމަ ކަމާއެކު ކުރިޔަށް ގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އިންތިހާބުގައި ޕީއެންސީ އަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް އއ. ރަސްދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޕީއެންސީ އަށް ސިޓީތަކުންނާއި ބައެއް ރަށްރަށުން ބޮޑު ނާކާމިޔާބީއެއް ލިބިފައިވާ ކަމަށާއި އެހެން ނަމަވެސް ސަރުކާރުން ހިދުމަތް ދިނުމުގައި އަދުލުވެރިކަމާއި އިންސާފު ގާއިމް ކުރާނެ ކަމަށެވެ.
"ސަރުކާރުގެ ހުރިހާ ވެރިންގެ ކިބައިން ވެސް ފެނިގެން ދާނީ އަޅުގަނޑު ދެންމެ މި ދެންނެވި ހަމަހަމަ ކަން." ރައީސް ވިދާޅުވި އެވެ.
ސަރުކާރުގެ ވިސްނުމާ ދެކޮޅަށް ވޯޓު ދިން ރަށްތަކަށް ހިދުމަތް ކުރާއިރު ކައުންސިލްތަކުން ހުރަސް އަޅާނަމަ ރައްޔިތުންނަށް އެކަން ހާމަ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ކޮންމެ ހަފްތާއަކު ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވަކިވަކި ކައުންސިލްތަކުގެ ނަންތަކާއި ހުރަސް އެޅުމަށް ކުރާ ކަންކަން ހާމަ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.




