ރޭ ކުޅެވުނު ކޮޕާ ޑެލްރޭ ނުވަތަ ސްޕެނިޝް ކަޕުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން އެތްލެޓިކޯ މެޑްރިޑް ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ރެއާލް ސޮސެއިޑާޑުން ހޯދައިފި އެވެ.
ކޮޕާ ޑެލްރޭގެ ތާރީހުގައި ފެނުނު އެންމެ އަވަސް ގޯލާއެކު ރެއާލް ސޮސެއިޑާޑުން އެތްލެޓިކޯ ސިއްސުވާލި އެވެ. ރޭގެ މެޗު ފެށިގެން 13 ވަނަ ސިކުންތުގައި ގޮންކާލޯ ގުއެޑޭސް ނަގައިދިން ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އެންޑާރ ބަރެނެޓްޝިއާ އެޓީމަށް ލީޑު ނަގައިދިނެވެ.
އެހެންނަމަވެސް މެޗުގެ 18 ވަނަ މިނެޓުގައި އެތްލެޓިކޯ އެޑަމޯލާ ލުކްމަން ވަނީ އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފަ އެވެ. ފުރަތަމަ ހާފުގެ ނިމެން ދިޔައީ 1 - 1 ން އެއްވަރުވެގެންނެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުން މިކޭލް އޮޔާޒަބަލް ދެވަނަ ފަހަރަށް ސޮސެއިޑާޑަށް ލީޑު ނަގައިދިނެވެ.
ފުރަތަމަ ހާފު ނިމުނީ 2 - 1 ން ރެއާލް ސޮސެއިޑާޑް ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފަށް ކުޅުން ވަރުގަދަކޮށްގެން އެތްލެޓިކޯއިން ނުކުތްއިރު ދެވަނަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ނުރައްކާތެރި ހަމަލާތައް އުފައްދާ މޮޅަށް ކުޅެފައިވަނީ އެތްލެޓިކޯއިންނެވެ.
އެކަމުގެ ނަތީޖާއެއްގެ މެޗުން ނިމެން ހަ މިނެޓަށް ވެފައިވަނިކޮށް އެތްލެޓިކޯގެ ޒުވާން ތަރި ޖޫލިއަން އަލްވަރޭޒް ވަނީ ގޯލުގެ މަތީ ކަނަށް ބޯޅަ ވައްދާލާ މެޗުގެ ނަތީޖާ އެއްވަރުކޮށް އެތްލެޓިކޯއަށް އުއްމީދު ހޯދައިދީފަ އެވެ.
2 - 2 ން އެއްވަރުވެގެން މެޗުގައި ޕެނަލްޓީ ޖަހަން ޖެހުނުއިރު ޕެނަލްޓީގައި މޮޅު ކުޅުމަކާއެކު އެންމެ ތަފާތު ދެއްކީ ސޮސެއިޑާޑުގެ ކީޕަރު އުނައި މަރޭރޯ އެވެ. އޭނާ ވަނީ ދެ ޕެނަލްޓީ މަތަކޮށް އެޓީމަށް ތަށި ހޯދައިދީފަ އެވެ. ރެއާލް ސޮސެއިޑާޑުން އެންމެ ފަހުން މިމުބާރާތް ކާމިޔާބުކުރީ 2020 ވަނަ އަހަރު އެވެ.
އެތްލެޓިކޯ މެޑްރިޑަށް މިމުބާރާތުގެ ތަށި ހޯދުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު ލަލީގާއަށް ބަލާލާއިރު އެޓީމު އޮތީ ލީގުގެ 4 ވަނައިގަ އެވެ. އެއްވަނައިގައި އޮތް ބާސެލޯނާއާއި އެޓީމާ ދެމެދު 22 ޕޮއިންޓްގެ ތަފާތެއް އެބަ އޮތެވެ. އެހެންކަމުން ދެން އެތްލެޓިކޯއިން އަމާޒު ހިފާނީ ޗެމްޕިއަންސް ލީގުގެ ތައްޓަށެވެ.
ޗެމްޕިއަންސް ލީގު ހޯދުމަށް އެޓީމު ކުރަމުން އަންނަ މަސައްކަތުގައި މިމަހުގެ 29 ވަނަ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި އެޓީމުން ނުކުންނާނީ އާސެނަލާ ދެކޮޅަށެވެ.




