ނޫސްވެރިން އަހުލާގީ މިންގަނޑަށް އަމަލުކޮށް ޒިންމާދާރު މަސައްކަތް ކުރަން ޖެހޭ ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާ ގުޅޭ ގޮތުން "އަދަދު" އިން ހެދި ޑޮކިއުމެންޓްރީއެއްގެ މައްސަލާގައި ފުލުހުން ތަހުގީގެއް ފަށައިފައި ވަނިކޮށެވެ.
އެ މައްސަލާގައި "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ވިދާޅުވީ އަހުލާގީ މިންގަނޑާ އެއްގޮތަށް ކުރާ ނޫސްވެރިކަމެއްގައި ހަބަރު ފެތުރުމުގެ މަސައްކަތް ކުރާނީ ޒިންމާދާރު އަދި ދެފުށް ފެންނަ ގޮތެއްގައި އަދި ޑިމޮކްރަސީގެ އަސާސްތައް ނަގަހައްޓަމުން ކަމަށެވެ.
އެ މިންގަނޑުން ބޭރުން ނޫސްވެރިން މަސައްކަތްކުރާ ނަމަ ރައްޔިތުންގެ މެދުގައި ސައްހަ ނޫން މައުލޫމާތު ފެތުރޭނެ ކަމަށާއި މުޖުތަމައުގެ ހަމަޖެހުން ގެއްލިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މައުލޫމާތު ފެތުރުމުގައި ޒިންމާދާރުވެ އަދި ނޫސްވެރިކަމުގެ އަސާސްތައް ނަގަހައްތަން ގޮވާލަން." ނައިބު ރައީސް ވިދާޅުވި އެވެ.
އަދަދު ނޫހުން ހެދި ޑޮކިއުމެންޓްރީގެ މައްސަލާގައި އެ އޮފީސް ބަލައި ފާސް ކުރުމަށް ފަހު ބައެއް ތަކެތި ފުލުހުން ވަނީ ގެންގޮސްފަ އެވެ. އެ މައްސަލަ ބައިނަލްއަގުވާމީ މީޑިއާތަކުގެ ސުރުހީތަކަށް ވެސް ވަނީ އަރައިފަ އެވެ.
އެ މައްސަލާގައި އެ މީޑިއާގެ ދެ އެޑިޓަރުން ފުރުން މަނާކޮށް ފުލުހަށް ހާޒިރުވާން ވެސް ވަނީ އަންގައިފަ އެވެ.




