twitterviber whatsapp telegramfacebookyoutube instagram
20th May 2026

22 އަހަރުގެ ދިގު އިންތިޒާރު ފޮނި ނިމުން، އާސެނަލުން ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައިފި

މުޙައްމަދު އަހުމަދު
May 20, 2026

ވޭތުވެދިޔަ 3 ސީޒަނުގައި ވެސް ދެވަނަ ލިބުނު އާސެނަލުން 22 އަހަރުގެ ދިގު އިންތިޒާރަކަށްފަހު ވާދަވެރި ގާޑިއޯލާގެ މެންޗެސްޓަރ ސިޓީގެ މައްޗަށް ޕްރިމިއާ ލީގު ހޯދައިފި އެވެ.

މިސީޒަނުގެ ބޮޑުބައި އެއްވަނައިގައި އާސެނަލުން އޮތް ނަމަވެސް އޭޕްރީލްމަހު ސިޓީ އަތުން 2 - 1 ން ބަލިވި މެޗަށްފަހު ލީގު ގެއްލުމުގެ ބިރު ބޮޑުވި ނަމަވެސް ރޭ ބޯންމައުތު އަތުން ސިޓީ ބަލިވުމާއެކު އާސެނަލަށް މިވަނީ ލީގު ލިބިފަ އެވެ.

މިއީ 2003/04 ގެ އިންވިންސިބަލް ސީޒަނަށްފަހު ވޭތުވެދިޔަ 22 އަހަރުގެ ތެރޭގައި އާސެނަލުން ލީގު ހޯދި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެ އެވެ. މިކާމިޔާބީއާއެކު ތައްޓެއް ނުލިބި އާސެނަލުން ހޭދަކުރި 6 އަހަރުގެ މުއްދަތު މިވަނީ ނިމުމަކަށް އައިސްފަ އެވެ.

އަދި މިއީ އާސެނަލުގެ މެނޭޖަރުގެ ގޮތުގައި އެމިރޭޓްސް ސްޓޭޑިއަމުގައި މިކެލް އާޓެޓާ ހޯދި ދެވަނަ ބޮޑު ކާމިޔާބީ އެވެ. ރޭގެ ސިޓީ މެޗަށްފަހު އިންސްޓަގްރާމުގައި އާސެނަލްގެ މިޑްފީލްޑަރު ޑެކްލަން ރައިސް ވަނީ އޭނާގެ ޓީމުގެ ކުޅުންތެރިންނާއެކު ތިބި ފޮޓޯއެއް ލައިފަ އެވެ.

"އަހަރެން ތި އެންމެން ކައިރީގައި ބުނީމެއްނު، މިއޮތީ މިކަން ކާމިޔާބުވެފަ" ފޮޓޯއާއެކު ޑެކްލަން ރައިސް ބުނެފައިވެ އެވެ. އަދި ކުރީގެ އާސެނަލްގެ މެނޭޖަރު އަދި މީގެ 22 އަހަރު ކުރިން އެޓީމަށް ލީގު އެންމެފަހު ކާމިޔާބުކޮށްދިން ކޯޗު އާސެން ވެންގާ ވެސް ވަނީ އެކްސްގައި އުފާފާޅުކުރުމުގެ ޕޯސްޓެއް ކުރައްވާފަ އެވެ.

އޭނާ ބުނީ ތިމީހުން މިއޮތީ މިކަން ކާމިޔާބުކޮށްފައި ކަމަށާއި ޗެމްޕިއަނުން ކުރިއަށްދާނީ އެހެން އެންމެން ހުއްޓޭ ވަގުތުގައި ކަމަށް އަދި މިއީ ތިމީހުންގެ ވަގުތު ކަމަށާއި މިހުރިހާ ކަމެއް އުފަލާއެކު ފާޅުކުރުމަށް ބުނެފަ އެވެ. އާސެނަލުގެ ކުރީގެ ގިނަ ކުޅުންތެރިންނާއި މެނޭޖަރުން ވެސް ވަނީ މިކާމިޔާބީގައި ޓީމަށް ވަރަށް ބޮޑަށް މަރުހަބާ ކިޔާ އުފާފާޅުކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355