ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަކި ކުރުމުގެ މައްސަލަ މާދަމާ އަށް އެޖެންޑާ ކޮށްފި އެވެ.
މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާ މާދަމާ ބާއްވާ އިރު އެ ޖަލްސާގެ އެޖެންޑާގައި އޮތީ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ނާޒިމް ވަކި ކުރަން ހުށަހަޅާފައިވާ ގަރާރުގެ މަސައްކަތް ކުރިޔަށް ގެންދިޔުމެވެ.
މަޖިލީހުގެ މެޖޯރިޓީ އޮތް ޕީއެންސީގެ 73 މެންބަރުން ސޮއި ކުރައްވައި ހުށަހެޅި އެ ގަރާރުގައި ބުނާ ގޮތުން ނާޒިމް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނަގަ އެވެ. އަދި މަޖިލީހުގެ މަސްލަހަތު ނަގާލަން ހިތްވަރު ދިނުމާއި މަޖިލީހުގައި ވަކި އަތަކަށް ޖެހުމުގެ އިތުރުން މެންބަރުންގެ ހައްގުތައް ހިމާޔަތް ކުރަން އޭނާ އިހުމާލުވެފައިވާ ކަމަށް ވެސް އެ ގަރާރުގައި ވަނީ ތުހުމަތު ކޮށްފަ އެވެ.
މި ތުހުމަތުތަކަށް ޖަވާބު ދިނުމަށް މާދަމާގެ ޖަލްސާގައި ނާޒިމަށް ލިބޭނީ 10 މިނެޓެވެ.
ނާޒިމަކީ މި ފަހަކާ ޖެހެންދެން ޕީއެންސީގައި ނުފޫޒު ގަދަ އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު އާ އަރިސް މެންބަރެކެވެ. ނަމަވެސް މިދިޔަ ލޯކަލް ކައުންސިލް އިންތިހާބަށް ފަހު މަޖިލީހުގެ މުހިންމު ކޮމިޓީތަކުން އޭނާ ވަކި ކުރި އެވެ. އަދި ރައީސް އާއި މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕުން ވެސް ނާޒިމް ބޭރު ކުރި އެވެ.
އޭގެ ފަހުން މި މައްސަލަ މަޖިލީހަށް ހުށަހެޅި ޕީއެންސީގެ ބައެއް މެންބަރުން ވަނީ ނާޒިމް މަގާމުން ވަކި ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.