twitterviber whatsapp telegramfacebookyoutube instagram
31st May 2026

ދުންފަތުގެ ނުރައްކަލުން ޒުވާނުން ސަލާމަތްކުރުމަކީ ސަރުކާރުގެ އެންމެ އިސް އަމާޒު: ރައީސް

May 31, 2026

ދުންފަތާއި ނިކޮޓިންގެ ނުރައްކާތެރި ވަބާއިން ދިވެހި ރައްޔިތުން، ހާއްސަކޮށް ޒުވާން ޖީލުތައް ރައްކާތެރިކުރުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދުންފަތުގެ ވަބާއިން ދިވެހި މުޖުތަމައު ސަލާމަތްކުރުމަށް ސަރުކާރުން ވަނީ ވަރުގަދަ އަޒުމެއް ކަނޑައަޅާފައި ކަމަށެވެ. އެގޮތުން، ޒުވާނުން ދުންފަތުގެ ނުރައްކަލަށް ހުށަހެޅުން ހުއްޓުވުމަށްޓަކައި ރާއްޖޭގައި އީ-ސިނގިރޭޓާއި ވޭޕް ބޭނުންކުރުން މަނާކުރުމަށް ނިންމެވި ނިންމެވުމަކީ، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް އެޅުނު ވަރަށް ހަރުދަނާ ފިޔަވަޅެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު އެކި ރަހަތަކާއެކު އަލަށް ބާޒާރަށް އަންނަ ނިކޮޓިން ޕައުޗްތަކާއި، އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ދުންފަތް އިސްތިހާރުކޮށް ޒުވާން ސިކުނޑިތަކަށް ވާސިލުވުމަށް މަސައްކަތް ކުރެވެމުންދާއިރު، އެކަންކަމަށް ސަރުކާރުން ހުޝިޔާރުވެ ސަމާލުވެ ތިބޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޒުވާން ޖީލު މިވަބާއިން ރައްކާތެރިކުރުމުގައި މިސަރުކާރު ދެމިއޮންނާނެކަމުގެ ޔަގީންކަން ރައީސްވަނީ ދެއްވާފައެވެ.

ރައީސް ވިދާޅުވީ ދުންފަތާއި ދެކޮޅަށް މަސައްކަތްކުރާ، ސިސޭޝަން ކްލިނިކްތަކާއި، ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ސަރަޙައްދުތައް ކަނޑައެޅުމާއި، ޤާނޫނާއި ގަވާއިދުތައް އިސްލާޙުކުރުމުގެ މަސައްކަތް ކުރައްވަމުންގެންދަވާނެކަމަށެވެ. އެމަނިކުފާނުގެ ޕޯސްޓުގައިވަނީ ދުންފަތުން ރައްކާތެރި ދުޅަހެޔޮ ގައުމެއް ބިނާކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރެއްވުމަށް ގޮވާލައްވާފައެވެ.

ދުންފަތުގެ ވަބާއިން ދިވެހި މުޖްތަމައު ސަލާމަތް ކުރުމަށް މިސަރުކާރުން އެޅުއްވި ފިޔަވަޅުތަކުގެ ތެރޭގައި ދުންފަތުން ނަގާ ޑިއުޓީ ބޮޑުކުރުމާއި، ދުންފަތުގެ ވިޔަފާރި ކުރެވޭ އެންމެ ހަގު އުމުރަކީ 18 އަހަރުގެ ބަދަލުގައި 21 އަހަރުގެ ގޮތުގައި ކަނޑައެޅުން ހިމެނެއެވެ.

އަދި ދުންފަތުގެ ބާވަތްތައް ރާއްޖެ އެތެރެކޮށް ވިއްކޭނީ އޭގެ ނުރައްކާ މިންވަރު އެނގޭނެ ސިއްހީ އިންޒާރާއެކުގައިކަމަށްވަނީ ކަނޑައަޅާފައެވެ. މީގެއިތުރުން 2007 ވަނަ އަހަރުގެ ފަހުން އުފަންވާ ކުދިން ދުންފަތުގެ ބާވަތްތައް ބޭނުންކުރުމާއި އެކުދިންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާކުރާ ޖެނެރޭޝަނަލް ބޭން މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 1 އިން ފެށިގެންވަނީ ތަންފީޒުކުރަން ފަށާފައެވެ.

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް މަސައްކަތްކުރާ ދުވަހަކީ ކޮންމެ އަހަރެއްގެ މެއި މަހުގެ 31 ވަނަ ދުވަހުގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355