ރާއްޖޭގައި ވެސް 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ވަކި އެޕްތަކަކަށް ނުވަދެވޭ ގޮތަށް މަނާކުރަން ގަސްދުކުރައްވާ ކަމަށާއި، ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި އެކަން ތަންފީޒުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާނު ކުރައްވައިފިއެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސޯޝަލް މީޑިއާގެ ސަބަބުން ކުޑަކުދިންނަށް ވަރަށް ގިނަ މައްސަލަތަކަކާ ކުރިމަތިވަމުންދާ ކަމަށެވެ. އޭގެ ތެރޭގައި ސައިބަ-ބްލީން އާއި ގްރޫމިން ފަދަ އެތައް ކަމަކާއި އުމުރާ ނުގުޅޭ ފަދަ އެތައް ނޭދެވޭ ކަމެއް ސޯޝަލް މީޑިއާގެ ސަބަބުން ކުރިމަތިވަމުންދާ ކަމަށެވެ.
ރައީސް ވިދާޅުވީ ރާއްޖެ އަކީ އިސްލާމީ ގައުމަކަށްވާތީއާ ވެސް އެކު މިފަދަ ކަންކަމުން ކުދިން ދުރުހެލިކޮށް، ރައްކާތެރި މާހައުލެއް ހޯދައި ދޭން ޖެހޭ ކަމަށެވެ.
"ސޯޝަލް މީޑިއާގެ އެޕްތައް ވަކި ކަނޑައެޅޭ ވަކި އެޕްތަކެއް 16 އަހަރުން ދަށުގެ ޒުވާނުންނަށް ބޭނުން ނުކުރެވޭ ގޮތަށް ކަނޑައެޅުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ގަސްތުކުރަން." ރައީސް ވިދާޅުވި އެވެ.
އެހެންވެ އޮސްޓްރޭލިިއާ އިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި 16 އަހަރުން ދަށަށް ސޯޝަލް މީޑިއާ މަނާކުރި ގޮތް ނަމޫނާއަކަށް ބަލައިގެން ރާއްޖޭގައި ވެސް އެކަން ކުރަން މިހާރު މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވީ މިކަމާ ގުޅޭ ގޮތުން ސިވިލް ސޮސައިޓީ އާއި ކަމާ ގުޅުން ހުރި ހުރިހާ ފަރާތްތަކާ ވެސް މަަޝްވަރާ ކުރާނެ ކަމަށެވެ.
އެހެންވެ އަމާޒަކީ އެންމެ ލަސްވެގެން ވެސް އަހަރެއްހާ ދުވަހުގެ ތެރޭގައި މިކަން ތަންފީޒީ މަރުހަލާއަކަށް ގެނައުން ކަމަށް ރައީސް ވިދާޅުވި އެވެ.
"އެހެންވީމަ ކުރިއަށް ހުރި ދުވަސްތަކުގައި މަސްތަކުގައި މިކަމާ ގުޅޭ މަސައްކަތްތައް ނިންމާ އަޅުގަނޑު އުންމީދު ކުރަނީ ގިނަވެގެން އެންމެ ގިނަވެގެން އަހަރެއްހާ ދުވަސް އެންމެ ގިނަވެގެން އަދި އެއަށް ވުރެ ވެސް އަވަހަށް ވެސް ކާމިޔާބު ކުރެވޭ ނަމަ މި އަހަރުގެ ތެރޭގައި ވެސް އަމަލީ ގޮތުން އެންފޯސްކުރެވޭ ކަމަކަށް 16 އަހަރުން ދަށުގެ ކުދިންނަށް އޮސްޓްރޭލިއާގައި އޮތްފަދަ ނިޒާމެއްގެ ތެރެއިން ސޯޝަލް މީޑިއާ އެޕްތައް ބޭނުން ކުރުމުގައި ބޭން ކުރުމުގެ ކަންތައް ކުރުން." ރައީސް ވިދާޅުވި އެވެ.
ރާއްޖޭގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާ ކުރަން ސަރުކާރުން މަސައްކަތްތަކެއް ފެށި އިރު، އެ އުމުރުފުރު އަށް ސޯޝަލް މީޑިއާ މަނާކުރަން ގޮވާލައި މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އަމިއްލަ ފަރާތަކުން ރައްޔިތުންްގެ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހަޅާފައިވެ އެވެ.
އޮސްޓްރޭލިއާ ނަމޫނާއަކަށް ބަލައިގެން ޔޫރަޕާއި އޭޝިއާގެ ގައުމުތަކުން މިހާރު އަންނަނީ ކުޑަކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަމުންނެވެ.




