twitterviber whatsapp telegramfacebookyoutube instagram
3rd June 2026

ރައީސް މުއިއްޒުގެ ތަހުނިޔާ އދ. ގެ އާންމު މަޖިލީހުގެ އާ ރައީސަށް

Jun 3, 2026

އދ.ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ރައީސްގެ މަގާމަށް ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ޑރ. ހަލީލުއް ރަހްމާން އިންތިހާބު ވެވަޑައިގަތުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.

އެކްސްގައި ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ މުޅި ދެކުނު އޭޝިއާ ސަރަޙައްދަށާއި ބަންގްލަދޭޝްގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ޝަރަފެއްކަން ފާހަގަކަމަށެވެ. އަދި ޑރ. ހަލީލުއްރަޙްމާންގެ ޒައާމަތުގެ ދަށުން، އދ. ގެ އާންމު މަޖިލީހަކީ ބައިނަލްއަޤްވާމީ މުޖުތަމައުގެ މެންބަރު ޤައުމުތަކަށް ނުހަނު މަންފާކުރަނިވި މުހިންމު ޕްލެޓްފޯމަކަށް ވެގެންދާނެކަމުގެ ފުރިހަމަ ޔަޤީންކަން އޮތްކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ރައީސްގެ މަގާމަށް ބަންގްލަދޭޝްގެ ހާރިޖީ ވަޒީރު އިންތިހާބުވުމާ ގުޅިގެން ރާއްޖޭގެ ހާރިޖީ ވަޒީރު އިރުތިޝާމް އާދަމްވެސް ވަނީ ތަހުނިޔާ ވިދާޅުވެފައެވެ.

އިރުތިޝާމް ވިދާޅުވީ، މިއީ ބަންގްލަދޭޝަށް ފަހުރުވެރި ވަގުތުކޮޅެއް ކަމަށާއި، ޑރ. ޚަލީލުއް ރަޙްމާނަށް ލިބިވަޑައިގެންފައިވާ ތަޖުރިބާ އާއި އެހެން ގައުމުތަކާ ގުޅިގެން މަސައްކަތް ކުރެއްވުމުގެ ދެގޮތެއްނުވާ ރޫޙާއެކު އދ. ގެ އާންމު މަޖިލީހުގައި ޚިދުމަތް ކުރައްވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ. އަދި އދ. އާންމު މަޖިލިހުގައި ހާސިލް ކުރުމަށް ހުރި ލަނޑުދަނޑިތައް ހާސިލް ކުރުމުގައި ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން އިރުތިޝާމް ދެއްވިއެވެ.

އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަން ފެށުމަށް ހަމަޖެހިފައިވަނީ، އަންނަ ސެޕްޓެމްބަރު ގައެވެ. އދ.ގެ އާންމު މަޖިލީހަކީ، 193 މެމްބަރު ޤައުމުގެ މައްޗަށް އެކުލެވޭ އާންމު މަޖިލީހެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355