2026 ވަނަ އަހަރުގެ ވޯލްޑްކަޕް މިވަނީ ބޯމަތިވެފަ އެވެ. ރެކޯޑް 48 ޓީމު ވާދަކުރާ މިމުބާރާތަށް އެންމެ ފަހުން ކޮލިފައިވި ދެޓީމަކީ ޑީއާރު ކޮންގޯއާއި އިރާނެވެ.
އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ޖޫން 11 ން ޖުލައި 19 އަށް ކުރިއަށްދާ 23 ވަނަ ވޯލްޑްކަޕުގެ ކޮލިފިކޭޝަން ފެށިގެންދިޔައީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.
ޔޫއެފާއާއި އިންޓަރ ކޮންޓިނެންޓަލް ޕްލޭ އޮފްސްއަށް ދިއުމުގެ ކުރިން ހަ ކޮންފެޑެރޭޝަނަކަށް ކޮލިފިކޭޝަން ކުރިއަށްދިޔަ އެވެ. ވާދަކުރާ 48 ޓީމުގެ ތެރެއިން މުބާރާތް ބާއްވާ ތިން ގައުމު މުބާރާތް ބާއްވާ ހައިސިއްޔަތުން ކޮލިފައިވިއިރު 43 ޓީމަކަށް ކޮންފެޑެރޭޝަންތަކުން ސީދާ ކޮލިފިކޭޝަން ލިބުނެވެ. އަދި ބާކީ އޮތް 2 ޓީމު ޔަގީންކުރީ އިންޓަރ ކޮންޓިނެންޓަލް ޕްލޭއޮފުންނެވެ.
ހުރިހާ ޓީމެއް ޔަގީންވެފައިވާއިރު މިހާރު އެންމެންގެ ނަޒަރު ހުއްޓެނީ ފުޓްބޯޅައިގެ އެންމެ މަތީ މައިދާނަށެވެ.
އެންމެފަހުން ގަތަރުގައި 32 ޓީމާއެކު 4 އަހަރުކުރިން ބޭއްވި ވޯލްޑްކަޕަށް ފަހު މިއަހަރުގެ ފީފާ ވޯލްޑްކަޕުގެ އޮނިގަނޑު ބަދަލުކޮށް މިފަހަރުގެ މުބާރާތުގައި ރެކޯޑް 48 ގައުމު ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ ތައްޓަށް ވާދަކުރާނެ އެވެ.
މިފަހަރުގެ ވޯލްޑްކަޕް ވެގެންދަނީ މުބާރާތުގެ ތާރީހުގައި ވެސް ބޭއްވޭ އެންމެ ބޮޑު ވޯލްޑްކަޕަށެވެ. 48 ޓީމުގެ އިތުރުން ޖުމްލަ 104 މެޗު ކުޅެވޭއިރު މުބާރާތް ކުރިއަށްދާނީ 3 ގައުމެއްގަ އެވެ.
ޖުމްލަ 16 ސިޓީއެއްގައި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވެ އެވެ. އެއީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ 11 ސިޓީއަކާއި މެކްސިކޯގެ 3 ސިޓީގެ އިތުރުން ކެނެޑާ 2 ސިޓީއެއްގަ އެވެ. އަދި މުބާރާތް ކުރިއަށްދާނީ މިމަހު 11 އިން ފެށިގެން އަންނަ ޖުލައި މަހުގެ 19ގެ ނިޔަލަށެވެ.
މުބާރާތް ކުރިއަށްދާނީ ރެކޯޑް 39 ދުވަހުގެ މުއްދަތަކަށެވެ. މިއީ 2022 ގައި ގަތަރުގައި އޮތް ވޯލްޑްކަޕަށް ވުރެ 29 ދުވަސް އަދި 2014 އާއި 2018 ގެ ވޯލްޑްކަޕަށްވުރެ 32 ދުވަސް ދިގު މުއްދަތަކަށްވާއިރު އާ އޮނިގަނޑުގެ ދަށުގެ 4 ޓީމު ހިމެނޭ 12 ގްރޫޕެއް މިމުބާރާތުގައި އޮންނާޏެ އެވެ.
މުބާރާތް ހުޅުވާ މެޗުގައި މުބާރާތުގެ ހޯސްޓް މެކްސިކޯއިން މެކްސިކޯ ސިޓީގެ އެސްޓާޑިއޯ އަޒްޓެކާގައި 11 ޖޫންވާ ބުރާސްފަތި ދުވަހު ނުކުތުމަށް ހަމަޖެހިފައިވަނީ ސައުތު އެފްރިކާއާ ދެކޮޅަށެވެ. މިއީ އިނގިރޭސި ޕްރިމިއާ ލީގު ނިމޭތާ 18 ދުވަސް ފަހުންނެވެ.
ކުރީގެ މުބާރާތްތަކުގައި ގްރޫޕް ސްޓޭޖަށްފަހު ގަދަ 16 ކުޅުނު ނަމަވެސް މިފަހަރުގެ މުބާރާތުގައި ޓީމުތައް ގިނަވުމުން ގަދަ 32 ގެ ބުރެއް ވެސް ކުޅެވިގެންދާނެ އެވެ. މިބުރަށް ދަތުރުކުރާނީ ކޮންމެ ގްރޫޕެއްގެ އެންމެ މޮޅު ދެޓީމުގެ އިތުރުން ތިންވަނަ ހޯދާ އެންމެ މޮޅު 8 ޓީމެވެ.
މިފަހަރުގެ ދުނިޔޭގެ ޗެމްޕިއަން ހޮވުމަށް ކުޅެވޭ ފޯރިގަދަ ވޯލްޑްކަޕް ފައިނަލް އޮންނާނީ 19 ޖުލައިގައި އެމެރިކާގެ ނިއު ޖާޒީގައި ހުންނަ މެޓްލައިފް ސްޓޭޑިއަމުގަ އެވެ.
ހަތަރު ޓައިމް ޒޯނެއްގައި ބައެއް ސިޓީތައް 2800 މޭލަށްވުރެ ދުރުއިރު މުޅި ޖުމްލަ 13 ގަޑިއެއްގައި ވޯލްޑްކަޕް ކުރިއަށްދާނެ އެވެ. އޭގެ ސަބަބުން ޔޫރަޕުގެ ބައެއް ބެލުންތެރިންނަށް މެޗުތަށް ދަންވަރު 12 ގެ ފަހުން ވެސް ފެށޭނެ އެވެ.
މިސާލަކަށް ކެންސަސް ސިޓީގައި ކުޅެވޭ ގްރޫޕް ސްޓޭޖުގެ ފަސް މެޗު ވެސް ޔޫކޭ ގަޑިން ފެށޭނީ އެންމެ އަވަހަށް ވެސް ހުކުރު ދުވަހު ދަންވަރު 12 ޖަހާއިރު އެވެ. އެއީ 26 ޖޫންގައި ޓިއުނީޝިއާއާއި ނެދަލޭންޑްސް ކުޅޭ މެޗެވެ. އަދި އެންމެ ލަސް ގަޑިއެއްގައި ކުޅެވޭނީ މެންދަމު 3 ޖަހާއިރު އެވެ. އެގޮތުން 28 ގައި އޮސްޓްރިއާއާއި އަލްޖީރިއާ ބައްދަލުކުރާ މެޗު ފެށޭނީ 3 ޖަހާއިރު އެވެ.
ދިވެހިރާއްޖޭގެ ގަޑިތަކަށް ބަލާލާއިރު ރޭގަނޑު 9 ން ފެށިގެން ހެނދުނު 9 އަކާ ދޭތެރޭ އެކި ދުވަސްތައް މަތިން މެޗުތައް ހުރިހާ ގަޑިއެއްގައި ވެސް ކުރިއަށްދާނެ އެވެ. އަދި ގޫގުލް ނުވަތަ ފީފާ ވޯލްޑްކަޕް ސައިޓް މެދުވެރިކޮށް މެޗުތައް ކުރިއަށްދާނެ ގަޑިތައް ބެލުންތެރިންނަށް ބަލާލެވޭނެ އެވެ.
މިފަހަރުގެ ވޯލްޑްކަޕުގައި ފެންނާނެ އާ ގަވައިދުތަކުގެ ވާހަކަ ގިނަ ބަޔަކު ދައްކަމުން އަންނަނީ ދައްކަމުންނެވެ. މިފާހަގަކޮށްލަނީ މިހާތަނަށް ޔަގީންވެފައިވާ ގަވައިދުތަކެވެ. އިޓަލީގެ މަޝްހޫރު ފުޓްބޯޅަ ޖާނަލިސްޓް ފަބްރީޒިއޯ ރޮމާނޯ ހާމަކުރިގޮތުގައި މިފަހަރުގެ ވޯލްޑްކަޕުން ފެންނާނެ ތަފާތު އެއް ގަވައިދަކީ ބޯޅަ ބޭރުވުމުން ތްރޯއިން އަކަށް ލިބޭނީ ދެން 5 ސިކުންތެވެ.
ގަސްދުގައި ކުޅުންތެރިޔަކު ބޯޅަ ބޭރުވުމަށްފަހު އަލުން ކުޅުން ނުފަށާ ލަސްކޮށްފިނަމަ އެއްލުން ލިބޭނީ އިދިކޮޅު ޓީމަށެވެ. އަދި ކުޅުންތެރިޔަކު ބަދަލުކުރާނަމަ ދަނޑުން ފައިބަން ކުޅުންތެރިންނަށް ލިބޭ ވަގުތު ވެސް ވަނީ 10 ސިކުންތަށް ހަދާފަ އެވެ. ދަނޑުން ފައިބަން ޖެހޭ ކުޅުންތެރިޔާ ބަދަލު ދަައްކާ ހިސާބުން ދަނޑުގެ އެންމެ ކައިރި ހިސާބަކުން 10 ސިކުންތުގެ ތެރޭގައި ފައިބަން ޖެހޭނެ އެވެ.
10 ސިކުންތަށްވުރެ ގިނައިރު ކޮށްފިނަމަ އަރަން ހުރި ކުޅުންތެރިޔާއަށް އެރޭނީ މަދުވެގެން 1 މިނެޓު ފަހުންނެވެ. އަދި އެހިސާބުން އެކުޅުންތެރިޔާ އަރަންދެން އެޓީމެއް ކުޅެން ޖެހޭނީ ކުޅުންތެރިޔަކު މަދުކޮށެވެ. މީގެއިތުރުން ކުޅުންތެރިޔަކަށް އަނިޔާވެގެން ދަނޑުން ބޭރަށް ގެންގޮސް ފިޒިއޯގެ ފަރުވާ ބޭނުންވެއްޖެނަމަ ހާލަތެއްގައި އެކުޅުންތެރިޔަކަށް ލިބޭނީ 1 މިނެޓެވެ. އެހެންނަމަވެސް މިގަވާއިދަށް ބަދަލުގެނެވޭނެ ބައެއް ހާލަތުތައް އެބަހުއްޓެވެ. އެގޮތުން ކީޕަރަކަށް އަނިޔާވެއްޖެނަމަ އަދި އަނިޔާގެ ބޮޑުމިނަށް ބަލާފައި ނުވަތަ އަނިޔާގެ ސަބަބުން އިދިކޮޅު ޓީމަށް ކާޑެއް ދައްކައިފިނަމަ ނުވަތަ ދަނޑުން ފޮނުވާލައިފިނަމަ މި ގަވާއިދަށް ބަދަލު އަންނާނެ އެވެ. އަދި އިތުރަށް ވަގުތު ލިބޭނެ އެވެ.
އިދިކޮޅު ކުޅުންތެރިޔަކާ ނުވަތަ އިދިކޮޅު ޓީމުގެ މެމްބަރެއް ނުވަތަ ރެފްރީއަކާ ދެމެދު ހިނގާ ޒުވާބެއް ނުވަތަ ކުރިމަތިލުމެއްގައި މި ވޯލްޑްކަޕުގައި އަނގަމަތީ އަތްއަޅައިގެން ހުރުމަކީ މަނާ ކަމެކެވެ. އެގޮތުަށް ކަންތައް ކޮށްފިނަމަ ހާލަތައް ބަލާފައި އެކުޅުންތެރިޔަކަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލެވިދާނެ އެވެ.
މީގެއިތުރުން ފުޓްބޯޅައަށް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ތައާރަފްކުރި ފަހުން ފައުލްތަކާ ޕެނަލްޓީތަކަށް ވެސް ބޭނުންކުރެ އެވެ. އެހެންނަމަވެސް މިވޯލްޑްކަޕުގައި ކޯނަރެއްތޯ ބެެލުމަށް ވެސް ވީއޭއާރު ބޭނުން ކުރެވެ އެވެ. އެހެންނަމަވެސް މިކަން އަވަހަށް ބަލާ ގޭމް އަލުން ފަށަން ޖެހެ އެވެ.
އެންމެފަހު ގަވައިދަކަށް ފާހަގަކޮށްލެވެނީ ރީނދޫ ކާޑު ރިވިއު ކުރެވުމެވެ. ދެ އިންޒާރު ދިނުމަށްފަހު ދެވަނަ ރީނދޫ ކާޑާއެކު ދަނޑުން ފޮނުވާލާ ކުޅުންތެރިޔެއްގެ ދެވަނަ ކާޑު އެޓީމަކަށް ރިވިއު ކުރަން އެދެވޭނެ އެވެ. ނަމަވެސް ދެވަނަ ރީނދޫ ކާޑެއް ދައްކަން ޖެހޭ ކަމަށް ބުނެ ރިވިއު ކުރަން ނޭދެވޭނެ އެވެ.
ރިޕޯޓުތަކާއި ކުއިޒްތަކުން ދައްކާ ގޮތުގައި އަދި ގިނަ ބަޔަކު ދެކޭގޮތުގައި މިފަހަރުގެ މުބާރާތުގެ އެންމެ ވަރުގަދަ ވާދަވެރިއަކަށްވާނީ ޔޫރަޕުގެ ޗެމްޕިއަން ސްޕެއިނެވެ. އެއްވެސް އުދަނގުލެއް ނެތި ކާމިޔާބު މޮޅު ކުޅުމަކާއެކު ސްޕެއިނުން ވަނީ ކޮލިފިކޭޝަން ބުރު ނިންމާފަ އެވެ.
ސްޕެއިންގެ ސްކޮޑްގައި ހިމެނޭ ހުނަރުވެރި ކުޅުންތެރިންގެ ތެރޭގައި ޕެޑްރީއާއި ފަބިއަން ރުއިޒް، މާޓިން ޒުބިމެންޑީގެ އިތުރުން 2024 ވަނަ އަހަރުގެ ބެލަންޑިއޯ ހޯދި ރޮޑްރީއާއި މިވަގުތު ދުނިޔޭގައި ހުރި އެންމެ ޒުވާން އަދި އެންމެ މޮޅު އެއް ކުޅުންތެރިޔާ ލަމީން ޔަމާލް ވެސް ހިމެނެ އެވެ.
ސްޕެއިންގެ ފަހަތުން އިންގްލެންޑްގެ މި ޖެނެރޭޝަނަށް ކޮންމެވެސް ވަނައެއް ނުވަތަ ތައްޓެއް ލިބޭނެކަމަށް ބެލެވެ އެވެ. އެއީ އިންގްލެންޑުން ވަނީ ނިމިދިޔަ ދެ ޔޫރޯގެ ރަނަރަޕްކަން ވެސް ހޯދާފަ އެވެ.
ތޯމަސް ޓުޝެލްގެ އިންގްލެންޑް ވޯލްޑްކަޕަށް ކޮލިފައިވީ ވެސް ސައްތައިން ސައްތަ ރެކޯޑަކާއެކު އެވެ. އެޓީމު ކޮޅަށް ކޮލިފިކޭޝަންގައި އެންމެ ގޯލެއް ވެސް ނުވަންނައިރު ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކުރި އެވެ. އަދި ބެލިންގްހަމް އާއި ހެރީ ކޭން ފަދަ ނަން މަޝްހޫރު ވަރުގަދަ ކުޅުންތެރިންތަކުން އިންގްލެންޑުގެ ސްކޮޑް ވަނީ ފުރިފަ އެވެ.
ފްރާންސަކީ ވެސް ތައްޓަށް ވާދަކުރާނެ ވަރުގަދަ ޓީމެކެވެ. ޑިޑިއޭ ޑެޝޯމްޕްސްގެ ސްކޮޑްގައި މިވަގުތު ދުނިޔޭގެ ފުޓްބޯޅައިން ފެންނާނެ އެންމެ ނުރައްކާތެރި ފޯވާޑް ލައިން އެބައޮތެވެ. ބްރެޑްލީ ބާކޯލާއާއި މައިކަލް އޮލީސޭ، ހޫގޯ އެކިޓީކޭ، އޮސްމާނޭ ޑެމްބެލޭ، ޑެސިރޭ ޑޫއޭ އަދި ކީލިއަން އެމްބާޕޭ ފަދަ އެތައް ކުޅުންތެރިންނެއް ތިބިއިރު 2022 ވަނަ އަހަރުގެ ރަނަރަޕް ފްރާންސުން ޔޫރަޕިއަން ކޮލިފައިންގައި އެއްވެސް މެޗަކުން ބަލިވެފައެއްވެސް ނެތެވެ.
އެންމެފަހުގެ ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާއިން ސައުތު އެމެރިކާގެ ކޮލިފައިން ގްރޫޕު ނިންމާލީ ބޮޑު ލީޑެއްގައި ބޮޑު ތަފާތަކުންނެވެ. ދެވަނައިގައި އޮތް އެކުއަޑޯއަށްވުރެ 9 ޕޮއިންޓް ކުރީގަ އެވެ. ހަތަރު އަހަރުގެ ތެރޭގައި ދެ ކޮޕާ އެމެރިކާއާއި ވޯލްޑްކަޕެއް ހޯދާ އަލްބިސެލެސްޓް މިފަހަރުވެސް ފެންނަނީ ވަރަށް ގަދަކޮށެވެ.
އަދި އެންމެ ފަހު ޓީމަކަށް ބަލާލާއިރު ކޮލިފިކޭޝަންގައި އުދަނގޫކޮށް ކޮންމެބޯލް ޓޭބަލްގެ 5 ވަނައިގައި ނިންމާލި އަދި ކުޅުނު 18 މެޗުގެ ތެރެއިން 6 މެޗުން ބަލިވި ނަމަވެސް އަދި 22 އަހަރު ކުރިން ކާމިޔާބުކުރި އެންމެ ފަހު ރެކޯޑް 5 ވޯލްޑްކަޕާއެކު ވޯލްޑްކަޕުގެ އެންމެ ކާމިޔާބު ޓީމު ބްރެޒިލްގެ މި ލިސްޓްގައި ހިމަނަން ޖެހެ އެވެ. ޔަގީންކަމާއެކު އެއްވެސް މީހަކަށް ބްރެޒިލަކީ ވޯލްޑްކަޕް ތައްޓަށް ވާދަނުކުރެވޭނެ ޓީމެކޭ ނުބުނެވޭނެ އެވެ.
1998 ގެ ފަހުން ވޯލްޑް ކަޕެއްގައި ނުކުޅޭއިރު ގަދަ 16 އަށްވުރެ ކުރިއަށް ނޯވޭ ގޮސްފައެއް ނެތެވެ. ނަމަވެސް ކޮލިފިކޭޝަނުގައި މެންޗެސްޓަރ ސިޓީގެ އާލިން ހާލަންޑް ޖަހައިދިން 16 ލަނޑާއެކު ހައިރާން ކުރުވަނިވި ނަތީޖާއެއް ނެރެދާނެ ގައުމެއްގެ ގޮތުގައި ނޯވޭ ބެލެވެ އެވެ.
ކޮލިފައިންގައި ކާމިޔާބުކޮށްދިޔައިރު ކުޅުނު 8 މެޗުން ވެސް ނޯވޭ މޮޅުވި އެވެ. އޭގެ ތެރޭގައި ހޯމް އަދި އަވޭގައި ވެސް ދުނިޔޭގެ 4 ފަހަރުގެ ޗެމްޕިއަން އިޓަލީ ބަލިކޮށްފައިވެ އެވެ.
ކޮލިފައިންގެ ހުރިހާ މެޗަކުން މޮޅުވި އަނެއް ގައުމެއްގެ ގޮތުގައި އެންމެ ބޮޑަށް ފާހަގަކުރެވެނީ މޮރޮކޯ އެވެ. ދުނިޔޭގެ ރޭންކިންގެ 8 ވަނައިގައި އޮތް މޮރޮކޯއިން ވަނީ މިއަހަރުގެ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ފައިނަލަށް ދަތުރުކޮށްފަ އެވެ. 1 - 0 ން ސެނެގާލް އަތުން ފައިނަލުގައި ބަލިވި ނަމަވެސް އެތައް ކަންތައްތަކެއްގެ ތެރެއިން ތަށި ލިބުނީ މޮރޮކޯއަށެވެ.
އަދި އެޓީމު ހިމެނެނީ މިފަހަރުގެ ވޯލްޑްކަޕުގައި ބްރެޒިލާއި ސްކޮޓްލޭންޑް އަދި ހައިޓީއާ އެއް ގްރޫޕެއްގަ އެވެ. އެހެންކަމުން ކުރިއަށް ދިއުމުގެ ބޮޑު ފުރުސަތެއް މޮރޮކޯއަށް އޮތްކަމަށް ބެލެވެ އެވެ.
އަދި މުހައްމަދު ސަލާހު ކަހަލަ ތަރިއަކާއެކު ބެލްޖިއަމް، ނިއުޒިލޭންޑް އަދި އިރާން ހިމެނޭ ގްރޫޕަކުން މިސްރު ވެސް ގްރޫޕް ސްޓޭޖުން ކާމިޔާބު ހޯދާނެ ކަމަށް ގިނަ ބަޔަކު ދެކެ އެވެ. އޭޝިއާގެ ގައުމުތަކުގެ ތެރެއިން އެންމެ ވަރުގަދަކޮށް ފެންނަނީ ޖަޕާނެވެ. ފަސޭހަކަމާއެކު ކޮލިފައިން ނިންމާލިއިރު 16 މެޗުން އެޓީމު ކޮޅަށް ވަދެފައިވަނީ އެންމެ 3 ލަނޑެވެ.
އަދި މާޗުމަހު ފަހުކޮޅު އެކުވެރިކަމުގެ މެޗެއްގައި 1 - 0 ން ވެމްބްލީގައި އިންގްލެންޑް ބަލިކޮށް ފުރަތަމަ މޮޅު ހޯދި އެވެ. މިފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ޖަޕާނުން ނުކުންނަން ޖެހޭނީ ނެދަލޭންޑްސްއާއި ޓިއުނީޝިއާ އަދި ސްވިޑަންއާ ދެކޮޅަށެވެ.
ސައުތު އެމެރިކާގެ ކޮލިފައިންގެ 3 ވަނަ ނިންމާލި ކޮލަމްބިއާއަށް ބަލާލާއިރު އެމީހުން ވެސް ވޯލްޑްކަޕަށް ނުކުންނާނީ ވަރަށް ވަރުގަދަކޮށް ކަމަށް ބެލެވެ އެވެ. އެއީ ކޮލިފައިން އަށް ބަލާއިރު ކޮލަމްބިއާއިން ވަނީ 5 ފަހަރުގެ ޗެމްޕިއަން ބްރެޒިލާއި އެންމެފަހުގެ ޗެމްޕިއަން އާޖެންޓީނާ ވެސް ބަލިކޮށްފަ އެވެ.
މުބާރާތުގެ ހޯސްޓުންނަށް ބަލާލާއިރު ކެނެޑާއަކީ ވެސް ރަނގަޅު ސަޕްރައިޒެއް ދީފާނެ ގައުމެއްގެ ގޮތުގައި ބެލެވެ އެވެ. އަދި އެގައުމު ލައްވާލައިފައިވަނީ ވެސް ގަތަރާއި ސްވިޒަލޭންޑާއި ބޮސްނިއާ އެންޑް ހެޒެގޮވީނާއާއެކު ބަލާބެލުމަށް ފަސޭހަ ގްރޫޕެއްގަ އެވެ. ކެނެޑާގެ ފެންވަރަށް ބަލާފައި މިގްރޫޕުން އެޓީމަށް ކާމިޔާބު ނުލިބެންވީ ސަބަބެއް ނެތެވެ.
މިފަހަރުގެ މުބާރާތުގައި 4 ގައުމަކުން މުޅިން އަލަށް ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތްކަމަށްވާ ވޯލްޑްކަޕުގައި ވާދަކުރާނެ އެވެ.
އެގޮތުން މިލިސްޓުގެ އެންމެ ކުރީގައި ހިމެނެނީ ކެރީބިއަންގެ ކުޑަ ރަށެއް ކަމުގައިވާ ކުރަކާއޯ އެވެ. ގްރޫޕް ސްޓޭޖުގައި ޖަރުމަނާއި އައިވަރީ ކޯސްޓް އަދި އެކުއަޑޯއާއެކު އެއް ގްރޫޕެއްގައި ކުރަކާއޯ ލައްވާލިއިރު މި ގައުމު ވެގެންދާނީ ވޯލްޑްކަޕެއްގައި ވާދަކުރާ އެންމެ ކުޑަ ގައުމަށެވެ.
ވެނެޒުއެލާގެ ކޯސްޓުން 37 މޭލު ބޭރުގައި އޮންނަ މިގައުމުގެ އާބާދީ އަކީ 150000 އަށް ވުރެ ކުޑަކޮށް ބޮޑު އަދަދެކެވެ. އަދި 171 ސްކޮޔަރ މޭލުގެ ބިމުގެ ސަރަހައްދަކާއެކު ކުރަކާއޯ އަކީ އައިލް އޮފް މޭންއަށް ވުރެ ވެސް ކުޑަ ބިމެއް އޮތް ކުޑަކުޑަ ގައުމެކެވެ. ކުރަކާއޯ ގައުމަކަށް ބަދަލުވީ ވެސް 2010 ވަނަ އަހަރު ނެދަލޭންޑްސްގެ ރަސްކަމުގެ ތެރެއިންނެވެ.
އަނެއްކޮޅުން ވާދަކުރާ ކޭޕް ވާޑްއަކީ ކުރަކާއޯއާ އައިސްލޭންޑަށްފަހު ވޯލްޑްކަޕަކަށް ކޮލިފައިވި ތިންވަނައަށް އެންމެ ކުޑަ ގައުމެވެ. ބްލޫ ޝާކްސް (ނޫ މިޔަރުތައް)ގެ ނަމުން މަޝްހޫރު މިގައުމު ވަނީ އެފްރިކާގެ ގަދަބާރު ކެމަރޫންގެ ކުރިން ކޮލިފައިން ގްރޫޕުގެ އެއްވަނަ މަގާމު ހޯދާފަ އެވެ.
އެޓްލާންޓިކް ކަނޑުގައި 10 ރަށުގެ މައްޗަށް އެކުލެވޭ ގޮތަށް އޮންނަ މިގައުމުގެ އާބާދީ 525000 އަށްވުރެ ވެސް ކުޑަ އެވެ. ޕޯޗުގަލްގެ އަތްދަށުގައި އޮތް ކޭޕް ވާޑް މިނިވަންވީ 1975 ވަނަ އަހަރު އެވެ. އަދި އެއަށްފަހު 2002 ގައި ކޮރެއާ އަދި ޖަޕާނުގައި ބޭއްވި ވޯލްޑްކަޕަށް ކޮލިފައިވާން އެގައުމުން ވަރަށް މަސައްކަތް ކުރި އެވެ. ނަމަވެސް އެފަހަރުގެ ކޮލިފައިންގައި ކޭޕް ވާޑް ލައްވާލީ ސްޕެއިނާއި ސައުދީ އަރަބިއާ އަދި އުރުގުއޭ ހިމެނޭ މަރުގެ ގްރޫޕެއްގަ އެވެ.
މީގެއިތުރުން ވޯލްޑްކަޕުގައި މިފަހަރު އޭޝިއާއިން ވެސް ދެގައުމެއް އަލަށް ވާދަކުރާނެ އެވެ. އެއީ އުޒްބެކިސްތާނާއި ޖޯޑަން އެވެ. 2011 ގައި އޭޝިއަން ކަޕްގެ ސެމީގައި ވާދަކުރި އުޒްބެކިސްތާނުން މިވަނީ ވޯލްޑްކަޕެއްގައި ވާދަކުރުމަށް ކުރަމުން އައި އިންތިޒާރު ނިމުމަކަށް ގެނެސްފަ އެވެ. އެޓީމު މިކާމިޔާބީ ހޯދީ 2006 ވަނަ އިޓަލީއަށް ވޯލްޑްކަޕް ހޯދައިދިން ކެޕްޓަން ފަބިއޯ ކަނަވާރޯގެ ކޯޗުކަމުގެ ދަށުންނެވެ.
އުޒްބެކިސްތާނު ޓީމުގައި ހިމެނޭ ބައެއް ކުޅުންތެރިންނަށް ބަލާލާއިރު މެންޗެސްޓަރ ސިޓީއަށް ކުޅޭ ޑިފެންޑަރު ހުސަނޯވްއާއި ކުރީގެ ރޯމާގެ ސްޓަރައިކަރު އެލްޑޯ ޝޮމުރޯޑޮވް ކަހަލަ ކުޅުންތެރިންނާއެކު ރަނގަޅު ކާމިޔާބީއަކަށް އަމާޒު ހިފާނެ އެވެ. ވޯލްޑްކަޕުގައި އެޓީމު ހިމެނޭ ގްރޫޕުގައި ދެން ހިމެނެނީ ޕޯޗުގަލް، ކޮލަމްބިއާ އަދި ޑީއާރް ކޮންގޯ އެވެ.
އޭޝިއާގެ ތިންވަނަ ބުރުގެ ކޮލިފަޔާސްގައި 10 މެޗުން 4 މޮޅާއި 4 މެޗުން އެއްވަރުވެ ސައުތު ކޮރެއާގެ ފަހަތުން ނިންމާލި ޖޯޑަން އަކީ މިފަހަރުގެ ވޯލްޑްކަޕުގައި އަލަށް ވާދަކުރާ 4 ޓީމުގެ ތެރެއިން ފަހު ޓީމެވެ.
ދުނިޔޭގެ ރޭންކިންގެ 64 ވަނައިގައި އޮތް ޖޯޑަންގެ ކުރިމަގު އުޖާލާކޮށް ފެންނައިރު އެޓީމުން އަންނަނީ ރަނގަޅު ކުރިއެރުމެއް ދައްކަމުންނެވެ. ގަތަރުގައި 2023 ވަނަ އަހަރު އޮތް އޭޝިއަން ކަޕުގެ ފައިނަލަށް ވެސް ޖޯޑަން ދަތުރުކުރި އެވެ. ނަމަވެސް ފައިނަލުގައި ގަތަރު އަތުން ބަލިވީ އެވެ. ވޯލްޑްކަޕުގެ ގްރޫޕް ޖޭގައި ޖޯޑަނުން ނުކުންނަން ޖެހޭނީ އެންމެފަހުގެ ޗެމްޕިއަން އާޖެންޓީނާގެ އިތުރުން އަލްޖީރިއާ އަދި އޮސްޓްރިއާއާ ދެކޮޅަށެވެ.