ރިޕަބްލިކް އޮފް ފިލިޕީންސްގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ނީނާ ޕީ. ކައިންޖްލެޓް، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒަށް އަރުވައިފިއެވެ.
ސަފީރަށް މަރުހަބާ ދެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ބެރު ދުންމާރި ތާޅަފިއްޔާއި، ހެވިކަމުގެ ލަޝްކަރާއެކުގައެވެ.
ރިޕަބްލިކް އޮފް ފިލިޕީންސްގެ އާ ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން ރައީސުލްޖުމްހޫރިއްޔާވަނީ، އާ ސަފީރަށް ތަހުނިޔާ ވިދާޅުވެ، ރާއްޖެއަށް ވަޑައިގެންނެވި ކަމަށްޓަކައި މަރުޙަބާ ދަންނަވާފައެވެ.
ފަތްކޮޅު އެރުވުމަށްފަހު، ރައީސް ސަފީރާ ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. ސަފީރުގެ ވާހަކަފުޅުގައި، ރާއްޖޭގައި މަސައްކަތް ކުރާ އެޤައުމުގެ ރައްޔިތުންނަށް ދިވެހިރާއްޖެއިން ދެމުންދާ މެހުމާންދާރީއަށް ޝުކުރު އަދާކުރައްވާފައިވެއެވެ. އަދި ދެ ޤައުމުން ގެންގުޅޭ ރަޙުމަތްތެރި ގުޅުން މިހާރަށްވުރެ ބަދަހިކޮށް، ދެ ޤައުމުން މަސްލަހަތު ހިއްސާކުރާ ދާއިރާތަކުން އިތުރަށް ކުރެވިދާނެ މަސައްކަތްތައް ދެނެގަތުމުގެ ޢަޒުމުގައި ތިއްބެވިކަން ދެބޭފުޅުން ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.
ދިވެހިރާއްޖެއާއި ފިލިޕީންސްއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރީ 1974 ވަނަ އަހަރުގެ ޖުލައި މަހުގެ 12ވަނަ ދުވަހުގައެވެ.