ނުރަސްމީކޮށް ބުނާނަމަ މިވަގުތު ދުނިޔޭގެ ޗެމްޕިއަންކަން ލިބުނީ އޮސްޓްރޭލިއާއަށޭ ބުނުމުން ގިނަ ބަޔަކަށް ސިހުން ލިބިދާނެ އެވެ. އެއީ ވޯލްޑްކަޕް އަދި ފެށުނުތާ މާގިނަ ދުވަހެއް ނުވެ އެވެ. ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުތައް ވެސް އަދި ނުނިމެ އެވެ.
އެހެންނަމަވެސް ނުރަސްމީ ވޯލްޑް ޗެމްޕިއަންޝިޕުން ބުނާގޮތުގައި ދުނިޔޭގެ ޗެމްޕިއަންކަން މިވަގުތު އޮތީ އޮސްޓްރޭލިއާ އަތުގަ އެވެ. އެހެންކަމުން މިއީ ކިހިނެއްވާ ކަމެއްތޯ އެންމެން ވެސް އެނގެން ބޭނުންވާނެ އެވެ. އެހެންކަމުން ނުރަސްމީ ޗެމްޕިއަނުންނަށް ބަލާލާނަމެވެ.
"އަން އޮފިޝަލް ފުޓްބޯލް ވޯލްޑް ޗެމްޕިއަންޝިޕްސް" (ޔޫއެފްޑަބްލިއުސީ) އަކީ ދުނިޔޭގެ އެންމެ މޮޅު ބައިނަލްއަގްވާމީ ފުޓްބޯޅަ ޓީމު ހޮވުމަށް ޖަހާ ނުރަސްމީ ހިސާބެކެވެ. މިއީ ބައެއް ކޮމްބެޓް ކުޅިވަރުތަކުގައި ބޭނުންކުރާ ނޮކްއައުޓް ޓައިޓަލް ސިސްޓަމެއް ބޭނުންކޮށްގެން ޖަހާ ހިސާބުތަކެކެވެ.
ޔޫއެފްޑަބްލިއުސީ ރަސްމީކޮށް އިއުލާނުކުރީ ރެކް ސްޕޯޓް ސޮކާ ސްޓެޓިސްޓިކްސް ފައުންޑޭޝަން (އާރުއެސްއެސްއެސްއެފް)ގެ ހިއްސާދާރުން 2002 ވަނަ އަހަރު އެވެ. އަދި މިކަން ޝާއިއުކުރީ ޕައުލް ބްރައުން ނަމަކަށް ކިޔާ އިނގިރޭސި ޖާނަލިސްޓެކެވެ. 442 އާޓިކަލްގައި 2003 ވަނަ ބްރައުން މިކަން ޝާއިއުކުރިއިރު އޭނާ ވަނީ ޔޫއެފްޑަބްލިއުސީއަށް ވެބް ޕޭޖެއް ވެސް ހަދާފަ އެވެ.
އަދި މި ޗެމްޕިއަންޝިޕު ކުރިއަށް ދާ ގޮތް އާރުއެސްއެސްއެސްއެފުންނާއި ބްރައުން ޓްރެކް ކުރެ އެވެ، އަދި މި މަގާމު މިވަގުތު އޮތީ މިމަހު 13 ގައި ތުރުކީ ބަލިކުރި އޮސްޓްރޭލިއާގެ އަތުގަ އެވެ.
އަސްލު ހަގީގަތުގައި މި ހިޔާލަކީ ބައެއް ސްކޮޓްލޭންޑްގެ ސަޕޯޓަރުންގެ ފަރާތުން އަދި ބައެއް މީޑިއާތަކުގެ ބައިތަކުން މަލާމާތެއްގެ ގޮތުން ކުރިކަމެއްގެ ތެރެއިން އައި ކަމެކެވެ. އެގޮތުން މިކަން ފެށިގެން އައީ ސްކޮޓްލޭންޑުން 15 އޭޕްރީލް 1967 ގައި ބްރިޓިޝް ހޯމް ޗެމްޕިއަންޝިޕުގައި އިންގްލެންޑު ބަލިކުރި ހިސާބުންނެވެ.
އޭގެ ކުރިން 1966 ގެ ވޯލްޑްކަޕް ކާމިޔާބުކުރީ އިންގްލެންޑުންނެވެ. އަދި 1967 ގައި ކުޅެވުނު މިމެޗަކީ ވޯލްޑްކަޕް މޮޅަށްފަހު އިންގްލެންޑްވީ ފުރަތަމަ ބައްޔެވެ. އަދި މި މޮޅާއެކު ސްކޮޓްލޭންޑަށް ކިޔިގެން ދިޔައީ "ނުރަސްމީ ވޯލްޑް ޗެމްޕިއަނުން" ނެވެ.
2002 ވަނަ އަހަރު ފުޓްބޯޅައިގެ ތަފާސްހިސާބުތައް ޖަހާ ޖޭމްސް އޯލްނަޓް، ޕައުލް ކްރޭންކްޝޯ، ޖޮސްޓެއިން ނީގާޑް އަދި ރޮބާޓޯ ޑި މެގިއޯ ވަނީ ޔޫއެފްޑަބްލިއުސީއަށް ގަވައިދުތަކެއް ތައާރަފްކޮށް އޭގެ ތާރީހު ޖަހާ އާރުއެސްއެސްއެސްއެފްގެ ވެބްސައިޓުގައި އެކަން ޝާއިއު ކޮށްފަ އެވެ.
ޖެހިގެން އައި އަހަރު ޕައުލް ބްރައުން ފުޓްބޯޅަ މެގަޒިން 442 ގައި ޔޫއެފްޑަބްލިއުސީއަށް އާޓިކަލެއް ޝާއިއުކުރި އެވެ. އަދި މިމައުލޫއަށް ފޮތެއް ވެސް އޭނާ 2011 ގައި ޝާއިއުކުރި އެވެ. މިމުބާރާތް ކުރިއަށްދާ ގޮތް ބެލެހެއްޓޭނެ ގޮތަށް ވެބްސައިޓް ހެދީ ވެސް އޭނާ އެވެ. ޔޫއެފްޑަބްލިއުސީ އަކީ އެއްވެސް ހާލަތެއްގައި ފީފާގެ ދަށުން ނުވަތަ ނަމުގައި އަދި އެއްވެސް ގޮތަކުން ފީފާގެ ޝާމިލުވުމެއް އެކުލެވިގެންނުވާ މުބާރާތެކެވެ.
މިކާމިޔާބީ 1873 ވަނަ އަހަރު 4 - 2 ން ސްކޮޓްލޭންޑް ބަލިކޮށް ހޯދީ އިނގިރޭސިންނެވެ. އެހެންނަމަވެސް މިއީ ފުރިހަމަ ވަގުތުގައި ކުޅުނު ދެވަނަ ބައިނަލްއަގްވާމީ މެޗެވެ. އޭގެ ކުރީ އަހަރު ހަމަ މިދެ ގައުމުގެ މެދުގައި ފުރަތަމަ މެޗު ކުޅުނު ނަމަވެސް އެމެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
އަދި މިގޮތުން ބަލާއިރު މެޗެއް އެއްވަރުވެއްޖެނަމަ ޗެމްޕިއަންކަން ދެވިގެންދަނީ ކުރީގެ ޗެމްޕިއަނުންނަށެވެ.
2002 ވަނަ އަހަރު ޔޫއެފްޑަބްލިއުސީ އުފެދުނުއިރު އޭގެ ގަވައިދުތަކަކީ ނަތީޖާ ބެލުމަށް ކުރާ ދިރާސާތަކެވެ. މިކަން ދިރާސާކުރަނީ ފުރަތަމަ ބައިނަލްއަގްވާމީ މެޗުތަކުން ފެށިގެން ހިޔާލުތަކަށް ރިއާޔަތްކޮށް ޗެމްޕިއަނުންގެ "ތިއޮރެޓިކަލް ލިނިއޭޖް" ބެލުމަށެވެ.
އެންމެ ފުރަތަމަ ބައިނަލްއަގްވާމީ ފުޓްބޯޅަ:
ފީފާއިން ބަލައިގަތް އެންމެ ފުރަތަމަ ބައިނަލްއަގްވާމީ މެޗަކީ ހެމިލްޓަން ކްރެސްޓްގައި 30 ނޮވެމްބަރު 1872 ގައި އިންގްލެންޑް 0 - 0 ން ސްކޮޓްލޭންޑާއި އެއްވަރުކުރި މެޗެވެ. އަދި ޔޫއެފްޑަބްލިއުސީގެ ތާރީހު ފެށިގެން އަންނަނީ ޖެހިގެން އައި އަހަރު ކެނިންގްޓަން އޯވަލްގައި ހަމަ މިދެގައުމު ބައްދަލުކުރި ދެވަނަ ބައިނަލްއަގްވާމީ މެޗުންނެވެ.
އެމެޗު 4 - 2 ން ކާމިޔާބުކޮށް އިންގްލެންޑް ވެގެންދިޔައީ ޔޫއެފްޑަބްލިއުސީ އަލަތު ޗެމްޕިއަނުންނެވެ. އެންމެ ކުރީގެ ބައިނަލްއަގްވާމީ ފުޓްބޯޅަ އެއްކޮށްހެން ތާރީހުން ބުރަވަނީ ބްރިޓިޝް އައިލްސް އަށެވެ. ޔޫއެފްޑަބްލިއުސީގެ "މުބާރާތަށް" ވޭލްސް ފުރަތަމަ ފަހަރަށް 1876 ގައި ވަންއިރު ޗެމްޕިއަންކަން ހޯދީ 1907 ވަނަ އަހަރު އެވެ. އަދި އަޔަލޭންޑް (ނޯދަން އަޔަލޭންޑް) އިން 1882 ގައި މުބާރާތުގެ ތެރެއަށް ވަންއިރު ފުރަތަމަ ޔޫއެފްޑަބްލިއުސީގައި ކާމިޔާބެއް ހޯދީ 1927 ގަ އެވެ.
މިމުއްދަތުގެ ތެރޭގައި ޔޫއެފްޑަބްލިއުސީގެ ޗެމްޕިއަނުންގެ މަގާމު މިޓީމުތަކުގެ މެދުގައި ބަދަލުވަމުން ދިޔަ އެވެ. އަދި ބްރިޓިޝް އައިލްސްއިން ބޭރު ގައުމެއް ޔޫއެފްޑަބްލިއުސީގައި އަލަށް ވެސް ވާދަކުރީ 1909 ވަނަ އަހަރު އެވެ. އެފަހަރު ބުދަޕެސްޓްގައި އިންގްލެންޑުން ވަނީ ހަންގޭރީ ބަލިކޮށްފަ އެވެ.
1930، 1934 އަދި 1938 ގެ ފީފާ ވޯލްޑްކަޕުގައި މިތަނުން އެއްވެސް ގައުމެއް ވާދަކޮށްފައެއް ނުވެ އެވެ. (ބްރިޓިޝް އައިލްސްގެ ތެރޭގައި ހިމެނޭ ޓީމުތައް) އަދި ހާއްސަކޮށް މިހެން ދިމާވީ ފުރަތަމަ އަދި ދެވަނަ ބޮޑު ހަނގުރާމައިގެ ސަބަބުން ފުޓްބޯޅައިގެ ކުރިއެރުމަށް އައި ބޮޑެތި ގޮންޖެހުންތަކާއި ހީނަރުކަމުގެ ސަބަބުންނެވެ.
1930 ން ފެށިގެން އެކި ގައުމުތަކުން މިކާމިޔާބީ ހޯދިއިރު އެންމެފަހުން ބޭއްވި ވޯލްޑްކަޕާއި ހަމައަށް ޔޫއެފްޑަބްލިއުސީ ގެނައީ ކްރޮއޭޝިއާއިންނެވެ. ނަމަވެސް އެންމެފަހުން އެކާމިޔާބީ އާޖެންޓީނާ އަތަށް ލިބުނުއިރު އާޖެންޓީނާ ވަނީ އުރުގުއޭ ޗެމްޕިއަންކަން ހޯދުމާ ދޭތެރޭ އަހަރެއް ވަންދެން ޗެމްޕިއަނުންގެ ގޮތުގައި ދެމި އޮވެފަ އެވެ. 2023 ގައި ވޯލްޑްކަޕް ކޮލިފިކޭޝަނުގެ ތެރެއިން އުރުގުއޭ ޗެމްޕިއަންކަން ހޯދިއިރު އެ މަގާމު ވަނީ އަނެއްކާވެސް އުރުގުއޭ އަތުން ގެއްލި އެފްރިކާ ބައްރަށް ގޮސްފަ އެވެ.
އައިވަރީ ކޯސްޓުން ޗެމްޕިއަނުންގެ މަގާމު ނެގި ނަމަވެސް 2024 ވަނަ އަހަރު ދުނިޔޭގެ ރޭންކިންގެ 125 ވަނައިގައި ސިއެރާ ލިއޯނުން ވަނީ އައިވަރީ ކޯސްޓް ބަލިކޮށް ޔޫއެފްޑަބްލިއުސީގެ ޗެމްޕިއަނުންގެ މަގާމު ހޯދި އެންމެ ރޭންކިން ދަށް ގައުމަށް ވެފަ އެވެ. އެހެންނަމަވެސް މިމަގާމާއެކު މިރެކޯޑް ވެސް ސިއެރާ ލިއޯން އަތުން 149 ވަނައިގައި އޮތް ލައިބީރިއާއިން ވަނީ އަތުލާފަ އެވެ.
އެއަށްފަހު އަލްޖީރިއާ ނެގިއިރު މިދޭތެރޭގައި ސްވިޑަން ވެސް މިމަގާމު ހޯދި އެވެ. އަދި އެއަށްފަހު މަގާމު ހޯދި ކޮސޯވޯ އަތުން ތުރުކީ އަތުލި މަގާމު މިފަހަރުގެ ވޯލްޑްކަޕުގެ ތެރެއިން އޮސްޓްރޭލިއާއިން މިވަނީ ޔޫއެފްޑަބްލިއުސީގެ ޗެމްޕިއަން މަގާމު ހޯދާފަ އެވެ.
ޔޫއެފްޑަބްލިއުސީގެ ވެބްސައިޓުން އަންނަނީ ހުރިހާ އިރެއްގެ ރޭންކިން ބަލަހައްޓަމުންނެވެ. އެއީ ޗެމްޕިއަންޝިޕު މެޗުތަކުން މޮޅުވި އަދަދާ ކުޅުނު އަދަދާއެކު އެވެ. އޭގެ ގިނަ ކާމިޔާބީތައް ދަނީ ބޮޑަށް ފުޓްބޯޅައިގެ ފުރަތަމަ އަހަރުތަކަށެވެ. އޭރު ބޮޑަށް މިމުބާރާތުގައި ހިމެނުނީ ބްރިޓިޝް އައިލްސްގެ ޓީމުތަކެވެ.
އަދި އެގޮތުން 86 މޮޅާއެކު އެއްވަނައިގައި ސްކޮޓްލޭންޑް އޮތްއިރު ދެވަނައިގައި އޮތީ 73 މޮޅާއެކު އިންގްލެންޑެވެ. އަދި އިންގްލެންޑަށްވުރެ އެއް މޮޅު މަދުކޮށް ތިންވަނަ ލިިބެނީ އާޖެންޓީނާ އަށެވެ.




