ކުޅުދުއްފުށި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ގެ އައު ލޯގޯ ފަރުމާކުރުމުގެ ފުރުސަތު ރާއްޖޭގެ ފަރުމާވެރިންނަށާއި ޑިޒައިނަރުން، ރެޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތައް އަދި ސްޓޫޑިއޯތަކަށް ހުޅުވާލައިފިއެވެ.
އެ ކޮމެޓީން ކުރި އިއުލާނުގައި ބުނީ މި ލޯގޯ ފަރުމާކޮށްގެން އެއްވަނައަށް ހޮވޭ ލޯގޯ ހުށަހަޅާ ފަރާތަކަށް އިނާމެއްގެ ގޮތުގައި 10,000 (ދިހަހާސް) ރުފިޔާ ދިނުމަށް ވަނީ ނިންމާފަކަމަށެވެ.
އެ ކޮމިޓީން ބުނިގޮތުގައި، މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން ލޯގޯ ހުށަހެޅުމުގެ ސުންގަޑިއަކީ 31 ޖުލައި 2026 ވާ ދުވަހުގެ 13:00 ކަމަށެވެ.
ލޯގޯ ފަރުމާކުރުމުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއެއްކަން ރަމްޒުކޮށްދިނުމާއެކު، ކުޅުދުއްފުށި ސިޓީގެ ތާރީހާއި، ސަގާފަތާއި، އާދަކާދަ އަދި މަސައްކަތްތެރިކަން ރަމްޒުކޮށްދޭންޖެހެއެވެ. އަދި ލޯގޯއަކީ ދެބަހުން ބޭނުންކުރެވޭ، އެހެން ފަރާތެއްގެ މަސައްކަތެއް ކޮޕީކޮށްފައިނުވާ އޮރިޖިނަލް މަސައްކަތަކަށް ވާންޖެހެއެވެ.
ލޯގޯގައި ބޭނުންކުރަންޖެހޭ ކުލަތަކަކީ ރަން ކުލަ (#FFCC99) އަދި ގަދަ ފެހި (#003333) އެވެ. ލޯގޯ ހުށަހަޅާއިރު ބްރޭންޑިންގ ފައިލާއި، ބްރޭންޑް ތީމް ނުވަތަ ޕެޓާންސްތައްވެސް ހިމަނަންޖެހެއެވެ. ހުށަހަޅާ ލޯގޯއަކީ ސްކޭލަބަލް އަދި އެނިމޭޓްކުރެވޭނެ ގޮތަށް ލޭޔަރުތައް ވަކިކުރެވިފައިވާ ލޯގޯއަކަށް ވާންޖެހޭނެ ކަމަށްވެސް އެ ކޮމިޓީން ބުނެފަވެއެވެ.
އެ ކޮމިޓީން ބުނީ ލޯގޯ ހުށަހަޅަންވާނީ އެކަމަށް ކަނޑައެޅިފައިވާ ގޫގުލް ފޯމް މެދުވެރިކޮށެވެ. ކޮންމެ ބައިވެރިއަކަށްވެސް ހުށަހެޅޭނީ އެންމެ ލޯގޯއެކެވެ.




