ފުޓްބޯޅައަކީ ދުނިޔޭގެ އެތައް ބަޔަކު ލޯބިކުރާ އެކަމަކަށް މަރުދޭ ކުޅިވަރެކެވެ. އެހެންނަމަވެސް މިފަހަރުގެ ފީފާ ވޯލްޑްކަޕުގެ ދެހޯސްޓް ގައުމުގައި ފުޓްބޯޅައަށް ކިޔާ އުޅެނީ އެހެން ނަމެކެވެ.
ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއާއި ކެނެޑާގައި މިކުޅިވަރަށް ކިޔާ އުޅެނީ އަދި ގިނަ ބަޔަކު ދަންނަނީ "ސޮކާ"ގެ ނަމުންނެވެ. އެހެންނަމަވެސް ސުވާލު އުފެދެނީ އެއީ ކީއްވެ ތޯ އެވެ. އަދި އެ ނަމުގެ ސަބަބުން ފުޓްބޯޅައަށް ލޯބިކުރާ އެހެން ގައުމުތަކަށް އުދަނގޫ ނުވަތަ ރުޅި އާދެތޯ އެވެ.
"އަހަރެން ކުޑައިރު އިނގިރޭސިވިލާތުގައި 'ސޮކާ' މިބަހަކީ ހަމަ ބަރާބަރަށް ބަލައިގަންނަ ބަހެއް." ސްޓެފަން ސްޒިމަންސްކީ ބުންޏެވެ. މިޝިގަން ޔުނިވާސިޓީގައި އެމެރިޓަސް ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތްކުރާ އަދި 1960 އަދި 70 ގެ އަހަރުތަކުގައި ބޮޑުވި ސްޒިމަންސްކީ ބުނިގޮތުގައި ފުޓްބޯޅައާއި ސޮކާއާ ދެމެދު ކުރެވޭ ބަހުސްއިން އޭނާ ހައިރާންވާ ކަމަށެވެ.
"އަހަރެންގެ ރައްޓެހިން ގާތު އަހަން ފެށިން. ހަނދާން ވޭ ހެއްޔެވެ؟ ފަހަރުގައި އެއީ ނުބައި ހަނދާނެކެވެ. އެއީ އެއްވެސް އިރެއްގައި މައްސަލައެއް ހެއްޔެވެ؟ އަހަރެން އެކަމާ ގުޅިގެން މީހުންނާއި ވާހަކަ ދައްކަން ފެށިން. އަދި ނަތީޖާއަކަށްވީ 70 ގެ އަހަރުތަކުގައި އެނަމުގެ ސަބަބުން އެއްވެސް މައްސަލަ އޮތްކަމަކަށް ފާހަގައެއް ނުވި" ބީބީސީ ސްޕޯޓްސްއިން ހާމަކުރިގޮތުގައި ސްޒިމަންސްކީ ބުނެފައިވެ އެވެ.
ސްޒިމަންސްކީގެ ހިތުގައި މިބަހުސްއަށް އުފެދުނު ޝައުގު ބަދަލުވީ ދިރާސާއަކަށެވެ. އޭނާ ކިޔައިދޭ ގޮތުގައި ފުޓްބޯޅައިގެ އަލަތު ދުވަސްވަރު ފުޓްބޯޅައަކީ ވަރަށް މަތީ ފެންވަރުގެ (ޕޯޝް) ކުޅިވަރެކެވެ. އަދި 1863 ގައި އިނގިރޭސި ވިލާތުގައި ފުޓްބޯޅަ އެސޯސިއޭޝަންގެ ބިންގާ އެޅި މީހުންނަކީ ބޮޑެތި މަތީ ފެންވަރުގެ ޕަބްލިކް ސްކޫލުތަކަށް ދިޔަ އޮކްސްފޯޑް ގްރެޖުއޭޓުން ކަމަށް އޭނާ ބުންޏެވެ.
އެންކްލޮޕީޑިއާ ބްރިޓެނިކާގައި ޖޯން އެމް ކަނިންގްހަމް ލިޔެފައިވާ ގޮތުން ފުޓްބޯޅަ އެސޯސިއޭޝަންގެ ގަވައިދުތަކުގެ ދަށުން ކުޅެވުނު ކުޅިވަރު އެނގިގެން އޭރު ދިޔައީ "އެސޯސިއޭޝަން ފުޓްބޯޅަ"ގެ ނަމުންނެވެ. އަދި މި ނަމުގެ ސަބަބުން މަޝްހޫރު އެހެން ކުޅިވަރެއް ކަމަށްވާ ރަގްބީއާ ދެމެދު އޮތް ފަރަގު ވަކިކުރަން އެހީއަކަށްވި އެވެ.
"އޭރު ދެ ކުޅިވަރެއް އޮވޭ، އެކައްޗަށް ކިޔަނީ ރަގްބީ ފުޓްބޯޅަ، އަދި އޭރު އަނެއް ކުޅިވަރަށް ކިޔަނީ އެސޯސިއޭޝަން ފުޓްބޯޅަ" ސްޒިމަންސްކީ ބުންޏެވެ.
1880 އަދި 90 ގެ އަހަރުތަކުގެ ތެރޭގައި މުއްސަދި ޔުނިވާސިޓީ ދަރިވަރުންގެ ތެރޭގައި އިނގިރޭސި ބަސްތައް ކުރުކޮށް ބަހުގެ ފަހަތަށް އިނގިރޭސި ދެއަކުރު ކަމަށްވާ 'އީ-އާރު' ލުމުގެ އާދައެއް އޮތެވެ.
އެގޮތުން 'ބްރެކްފާސްޓް'ގެ ބަދަލުގައި އެމީހުން ކީ 'ބްރެކާ' އެވެ. ހަމަ އެގޮތަށް ރަގްބީއަށް ބަދަލު ގެނެސް އެމީހުން ކީ 'ރަގާ' އެވެ. އެހެންކަމުން 'ސޮކާ' މިބަސް އުފެދިގެން އައީ ކިހިނެއް ބާވަ އެވެ.
ސްޒިމަންސްކީ ހާމަކުރިގޮތުގައި މިކަމުގެ ފަހަތުގައި ބޮޑު 'ތިއަރީ'އެއް ވެ އެވެ. އެހެންނަމަވެސް އޭނާ ފާހަގަކުރިގޮތުގައި މިކަމަކީ އެއްވެސް މީހަކަށް މުޅިން ޔަގީންކަން ދެވޭ ކަމެއް ނޫން ކަމަށެވެ. އެގޮތުން އެ ދަރިވަރުން އެސޯސިއޭޝަން ބަހުގެ މެދުތެރެއިން އިނގިރޭސި ބަހުން ކިޔޭ ގޮތަށް 'ސޮކް' ނެގުމަށް ފަހު އޭގެ ފަހަތަށް 'އީ-އާރު' ލުމަށްފަހު 'ސޮކާ' މިބަސް އުފެއްދީ ކަމަށެވެ.
"އެހެންނަމަވެސް ޔަގީންކަމާއެކު އެއްވެސް މީހަކަށް ބުނާކަށް ނޭނގޭ، އެކަމަކު މީހުންނަށް ޔަގީންވާ ކަމަކީ މިކަން އަންނަނީ އޮކްސްފޯޑުން ކަން. އަދި މިބަސް އައީ އެދަރިވަރުންގެ ފަރާތުން ކަން ހާމަވާ ގިނަ ޑޮކިއުމެންޓްރީ މަސްދަރުތައް ފެންނަން އެބަހުރި" ސްޒިމަންސްކީ ފާހަގަކުރި އެވެ.
ކުޅިވަރުގެ ތާރީހީ އިލްމުވެރިޔާ އެންޑީ މިޗެލް ފާހަގަކުރާ ގޮތުގައި މަދުވެގެން ތިން މިސާލެއް 'ސޮކާ' މި ބަސް ސްކޫލް މެގަޒިންތަކުގައި 1885 ގެ ފަހުކޮޅު އިނގިރޭސިވިލާތުގެ އެކި ހިސާބުތަކުގައި ބޭނުންކުރިކަން ފެންނަން އެބައޮތެވެ.
"އަހަރެން ހިތް ބުނާ ގޮތުން 'ސޮކާ' އަދި 'ރަގާ' އަނގަބަހުން އޭރުވެސް ބޭނުންކުރެވޭ، އަދި ޕްރިންޓްގައި ވެސް އެއަހަރު ކުރީކޮޅު (1885) ގައި އިތުރު ޔަގީންނުވާ ޕަބްލިކޭޝަނެއްގައިވޭ" މިޗެލް އޭނާގެ ސްކޮޓިޝް ސްޕޯޓް ހިސްޓްރީ ބްލޮގްގައި ލިޔެފައިވެ އެވެ.
މި ބަސް މި ކުޅިވަރު ފެތުރުނު ދުވަސްވަރު އެހެން ބައްރުތަކަށް ވެސް ދައުރުވާނެ ފެށށި އެވެ. އަދި މިހާރު އެންމެ އާންމުގޮތެއްގައި ބޭނުން ކުރެވެމުން އަންނަނީ އޮސްޓްރޭލިއާ، ނިއުޒިލޭންޑް، ދެކުނު އެފްރިކާ އަދި ކެނެޑާގަ އެވެ.
އެމެރިކާގައި 'ފުޓްބޯޅަ' މިބަސް މާނަކުރަނީ އެމެރިކަން ފުޓްބޯޅަ އަށެވެ. "މިހުރިހާ ކަމެއް ވަނީ ގުޅިފައި، އެމެރިކަން ވައްތަރު އުފެދެނީ ރަގްބީއިން، އެހެންނަމަވެސް ސޮކާގެ ބައިތައް އޭގައި އެކުލެވޭ" ސްޒިމަންސްކީ ބުނެފައިވެ އެވެ.
އެއީ ގާތް ދެބެންގެ ދެދަރިން ކަހަލަ ބައެއް ކަމަށާއި އަދި އެއީ 1880 އަދި 90 ގެ އަހަރުތަކުގައި އޭރު 'ސޮކާ' ބަސް އުފެދިގެން އައިއިރު އޭރު އެމެރިކަން ފުޓްބޯޅަ ވެސް މަޝްހޫރުވި ސަބަބު ކަމަށް އޭނާ ބުނެފައިވެ އެވެ.
ސްޒިމަންސްކީއާއި ސިލްކެ-މަރިއާ ވެއިނެކްއާ ހެދި ދިރާސާއެއްގައި ބުނާގޮތުން އިނގިރޭސި ނޫސްތަކުން 'ފުޓްބޯޅަ' މިބަސް ބޭނުންކުރަން ބޮޑަށް ބޭނުންވި ނަމަވެސް 1980 އާ ހަމައަށް ވެސް ބޭނުންކުރަމުން އައީ 'ސޮކާ' ކަމަށެވެ. ނަމަވެސް ވަގުތާއެކު އޭގެތެރެއިން ވަރުގަދަ ބަހަކަށް ވެގެންދިޔައީ ފުޓްބޯޅަ އެވެ.
ސްޒިމަންސްކީ ބުނިގޮތުގައި އޭނާ ޔުނިވާސިޓީގެ ކުލާސްތަކުގައި ކިޔަވައިދޭއިރު ދެ ސުރުހީއެއް އާދެ އެވެ. އެއީ 'ސޮކާ' މިބަސް ބޭނުންކުރުމަށްފަހު އެމެރިކާ މީހުން މާފަށް އެދުމެވެ. އަދި އެއީ އެކަމުން އިނގިރޭސިން ހިތްހަމަ ނުޖެހިދާނެކަމަށް އެމެރިކާ މީހުން ބުނެ އެވެ. އަދި އެއީ ތެދެއްކަމާއި ބައެއް މީހުން ހިތްހަމަ ނުޖެހޭކަން ސްޒިމަންސްކީ ފާހަގަކުރި އެވެ.
"އަހަރެންނަށް ހީވާގޮތުގައި އެމީހުން މާފަށް އެދުމަކީ ރަނގަޅު އާދައެއް. އެހެންނަމަވެސް އަހަރެން އެމީހުން ގާތު ބުނަން އެއީ އިނގިރޭސި ބަހެއް ކަމަށާއި އަދި މިނިވަންކަމާއެކު އެބަސް ބޭނުންކުރުމަށް" ސްޒިމަންސްކީ ބުނެފައިވެ އެވެ.




