ކުޅުދުއްފުށީ ސިޓީ ކައުންސިލާއި މިނިސްޓަރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް ގުޅިގެން ކުޅުދުއްފުށީގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ "ތުތި ބޯވަދިލަމަސް ބޭނުމުގެ ތަމްރީނު" ޕްރޮގްރާމުގައި ބައިވެރިވުމަށް އެ އިދާރާއިން ހުޅުވާލައިފިއެވެ.
ސިޓީ ކައުންސިލުން ބުނީ މިއީ ދިވެހިރާއްޖޭގެ ކަނޑުގެ މުއްސަނދިކަން އެންމެ ފުރިހަމަ ގޮތުގައި ބޭނުންކޮށް، މާކަނޑުގެ ފުން ސަރަހައްދުތަކުގައި ދިރިއުޅޭ ތުތި ބޯވަދިލަމަހުގެ މަސްވެރިކަން އާލާކުރުމަށް ހިންގާ ތަމްރީނެކަމަށެވެ.
މި މަސްވެރިކަން ދަސްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އާމްދަނީ ހޯދުމުގެ ފުރުސަތުތައް ތަނަވަސްކޮށްދީ، ދިވެހި މަސްވެރިކަން ކުރިއަރުވައި، ރައްޔިތުންގެ މާލީ ތަނަވަސްކަމާއި އިގްތިސާދީ ފުދުންތެރިކަން އިތުރުކުރުމަކީވެސް މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދެއްކަމަށް އެ ކައުންސިލުން ބުންޏެވެ.
އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ތަމްރީނު ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޫބަރު މަހުގެ ފަހުކޮޅުގައެވެ. ތަމްރީނު ބާއްވާނެ ސީދާ ތާރީހާއި ތަން، ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކާ ފަހުން ހިއްސާކުރެވޭނެކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
މި ތަމްރީނު ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 04 އޮކްޓޫބަރުގެ މެންދުރު 12:00 ގެ ކުރިން ކުޅުދުއްފުށީ ސިޓީ ކައުންސިލުން އާންމުކޮށްފައިވާ އޮންލައިން ފޯމު މެދުވެރިކޮށް ރަޖިސްޓްރީވުމަށް އެ ކައުންސިލުން އިލްތިމާސްކުރައްވައެވެ.




