ށ. ގޮއިދޫ އާއި ފޭދޫ ސްކޫލްގެ މަސައްކަތްތައް ކުރިން ރާވާފައިވާ ވަރަށް ވުރެ ލަސްވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ދެ ސްކޫލުގެ މަސައްކަތާ ގުޅޭ ގޮތުން މަޖިލީހުގައި ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
އަމީން ވިދާޅުވި ގޮތުގައި 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ށ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އެކަށީގެންވާ ވަރަށް ސާމާނާއި މީހުން އަރުވައި ފޭދޫ ސްކޫލްގެ މަޝްރޫއު ނިންމަދޭނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.
މީގެ އިތުރުން 2026 ވަނަ އަހަރުގެ ފުރަތަމަ ޓާމް ފެށޭ އިރު ސްކޫލުގެ ކްލާސްރޫމްތައް ނިންމާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވާ ކަމަށާއި ނަމަވެސް ފަހުން އެކަމާ ގުޅޭ ގޮތުން މިނިސްޓްރީގައި ސުވާލު ކުރުމުން ދެވަނަ ޓާމަށް ނިމޭނެ ކަމަށް ބުނެފައިވާ ކަމަށް އަމީން ވިދާޅުވި އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ޝަފީއު ވިދާޅުވީ ތައުލީމީ ދާއިރާގައި 160 މަޝްރޫއެއް އެބަ ކުރިޔަށް ދާ ކަމަށާއި އެ މަސައްކަތްތައް ކުރިޔަށް ދާ ގޮތް ރަށްރަށަށް ގޮސް ސުޕަވައިޒް ކުރުމުގެ މަސައްކަތްތަކެއް ވެސް ކުރަމުން އަންނަ ކަމަށެވެ.
"ކޮންސްޓްރަކްޝަން ކުންފުނިތަކުން ކުރާ ހުރިހާ ކަމެއް ކުރެވެމުން މިދަނީ އެންމެ ކޮލިޓީކޮށްތޯ ބަލައި ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުން." މިނިސްޓަރު ވިދާޅުވި އެވެ.
އެހެންވެ ގޮއިދޫ އާއި ފޭދޫގެ މަޝްރޫއު ވެސް ލަސްވެފައިވާ ކަމަށް ޝަފީއު ވިދާޅުވި އެވެ. ދެ މަޝްރޫއު ވެސް އަވަސް ކުރަން ޖެހޭ ކަމަށާއި އެކަން ކުރަމުން އަންނަ ކަމަށް ވެސް ޝަފީއު ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެބަޖެހޭ ސްޕީޑް ބާރުކޮށްލަން މިނިސްޓްރީ ސައިޑުން ވެސް،" ޝަފީއު ވިދާޅުވި އެވެ.




